ކުޅިވަރު

ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބު ފަސްކޮށްފި


މިރޭ ބާއްވަން މަސައްކަތް ކުރަމުން އައި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ އިންތިޚާބު ކުރިއަށް ގެންދަން އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ބުނެ، އިންތިޚާބު ފަސްކޮށްފިއެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިޚާބު ބާއްވަން އިއުލާންކުރުމާއެކު، އެ އިންތިޚާބުގެ ކަންކަން މަޑުޖައްސާލަން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ އަންގަވާފައެވެ. އަދި މި ފަހުން ބޭއްވި ބައްދަލުވުމަކަށްފަހު ބެޑްމިންޓަން އެސޯސިއޭޝަނުގެ އިންތިޚާބުގެ ކުރިން އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައި، ލަފާދީފައިވާ ބަދަލުތައް ގެންނަން ޖެހޭ ކަމަށްވެސް ސްޕޯޓްސް ކޮމިޝަނަރު ވަނީ އަންގަވާފައެވެ.

އެއާއެކުވެސް ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބުގެ ކަންކަން ކުރިއަށްދިޔައިރު، ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ބެޑްމިންޓަން އެސޯސިއޭޝަނުގެ ވެރިންގެ މައްޗަށް އަމާޒުވެފައިވާތީ، އޭސީސީގެ ތަހުގީގީ ޓީމެއް މިދިޔަ އަންގާރަ ދުވަހު ވަނީ ބެޑްމިންޓަން އެސޯސިއޭޝަނަށް ވަދެފައެވެ. އަދި އޭސީސިން ބުދަ ދުވަހު ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު (މޫސަ) އެޑްރެސްކޮށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ އެސޯސިއޭޝަނުގެ މި އަހަރުގެ އިންތިޚާބާ ގުޅިގެން ކޮރަޕްޝަނާ ގުޅުންހުރި ގިނަ މައްސަލަތަކެއް އެ ކޮމިޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާތީ، އެ ކޮމިޝަނުން އެ މައްސަލަ ތަހުގީގުކޮށް ވަކި އެއްޗެއް އަންގަންދެން، އިންތިޚާބުގެ ކަންކަން ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް އަންގާ ކަމަށެވެ.

އެއާއެކު ރޭ ބެޑްމިންޓަން އެސޯސިއޭޝަނުން ގެޒެޓްކުރި އިއުލާނެއްގައި ބުނެފައިވަނީ މިރެއަށް ތާވަލުކުރި ބެޑްމިންޓަން އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގެ ކަންކަން ކުރިއަށް ގެންދާނެ އެކަށިގެންވާ މާހައުލެއް އޮތްކަމަށް އެ އެސޯސިއޭޝަނަށް ނުފެންނާތީވެ, އަހަރީ އާންމު ޖަލްސާ ފަސްކޮށްފައިވާ ކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސަ މިހާރު ފުރުއްވަމުން އަންނަނީ އޭނާގެ ތިންވަނަ ދައުރެވެ. މޫސައާ މެދު ކުރެވޭ ސީރިއަސް ތުހުމަތުތަކެއްގެ ވާހަކަ އެކިއެކި ޕްލެޓްފޯމްތަކުގައި ދެކެވޭތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އޭގެ ތެރޭގައި ކުރީގެ ބައެއް ބެޑްމިންޓަން ކުޅުންތެރިންވެސް ހިމެނެއެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުގެ އިންތިޚާބުގައި ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިޔާ މުޙައްމަދު އަޖުފާން ރަޝީދާއި، އެ އެސޯސިއޭޝަންގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އިޝްފާން މުޙައްމަދު (އިއްޕަ) އެވެ. މީގެ ތެރެއިން އަޖުފާނާއެކު ނައިބު ރައީސްގެ މަގާމަށް މޫސަ ވަނީ ކުރިމަތިލައްވާފައެވެ.