ޚަބަރު

ޓެކްނޮލޮޖީގެ އެހީއާއެކު އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ: ޠާރިޤު


  • ލޯ ކާބަން އަރބަން ޑިވެލޮމަންޓްގެ ދާއިރާތައް ކުރިއަރުވާނެ

  • ފަހުމުނާމާގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޠާރިޤު އިބްރާހިމް

ޓެކްނޮލޮޖީގެ އެހީއާއެކު އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޓިޔަންގޔިންގ އިންކް (ސީއެންޓީވައި) އާއެކު ގާއިމްކުރެވުނު ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ އާއި ސީއެންޓިވައިއާ ދެމެދު ސޮއި ކުރެވުނު މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޠާރިޤު އިބްރާހިމްއެވެ. އަދި ސީއެންޓީވައިގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުންީގެ ރައީސް ކާއޮ ޑެބިއާއެވެ.

މި ފަހުމުނާމާގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާއި، ފެނާއި ނަރުދަމާ، ހަކަތަ އަދި ތިމާވެށި ޙިމާޔަތްކުރުމުގެ އިތުރުން ލޯ ކާބަން އަރބަން ޑިވެލޮމަންޓްގެ ދާއިރާތައް ކުރިއެރުވުމަށް އެކުގައި މަސައްކަތްކުރުމަށް ވަނީ ނިންމާފައެވެ. އަދި އިޤްތިސާދީ ކުރިއެރުމަށް އެހީތެރިވެ ދިނުމަށްވެސް މި ފަހުމުނާމާގައި ވަނީ ހިމަނާފައެވެ.

ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްުުޔާތުގައި ވާހަކަދައްކަވަމުން ޠާރިޤް ވިދާޅުވީ މި ފަހުމުނާމާގެ ދަށުން ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އިތުރަށް ހަރުދަނާކޮށް، ކުނި މެނޭޖުކުރުމުގެ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ލިބޭ ގެއްލުންތަކާ ގުޅިގެން ކުރެވެން ހުރި ކަންކަން ރޭވުމުގައި ސީއެންޓީވައިގެ ޓެކްނޮލޮޖީ ބޭނުންކުރެވިގެންދާނެ ކަމަށެވެ. އަދި އެ ކުންފުނިން ބޭނުން ކުރަނީ އެންމެ ފަހުގެ ޓެކްނޮލޮޖީކަން ފާހަގަކުރައްވައި އެ ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފުކުރެވި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ކުރެވިގެންދާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މި ފަހުމުނާމާގެ ދަށުން އެ ކުންފުންޏާއި ގުޅިގެން މަސައްކަތް ކުރެވޭނެ އިތުރު ދާއިރާތައް ބަލައި އެ ދާއިރާތަކުންވެސް މަސައްކަތް ކުރުމަށް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"މިކުންފުންޏަކީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާގައި ވަރަށް ފުންނާބު އުސް ކުންފުންޏެއް. އެހެންވީމާ އަޅުގަނޑުމެން މަސައްކަތް ކުރާނަން އިއާދަކުރަނިވި ހަކަތަ އިތުރަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެތުރުމަށާއި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ރާއްޖެ ގެނެސް އެތަކެތި ރައްޔިތުންނަށް ފޯރުކޮށްދެވޭތޯ،" ޠާރިޤް ވިދާޅުވިއެވެ.

ސީއެންޓީވައިގެ ރައީސް ކާއޮ ޑެބިއާއޮ ވަނީ ޗައިނާއާއި ރާއްޖެއާއެކު ވެވުނު އެއްބަސްވުމުގެ ސަބަބުން ދެޤައުމުގެ މެދުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށް ވިދާޅުވެފައެވެ. އަދި އެ ކުންފުނީގެ ފަރާތުން ތިމާވެއްޓާ ބެހޭ ވުޒާރާއަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމުގެ ޔަގީންކަންވެސް އޭނާ ދެއްވިއެވެ.

ސީއެންޓީވައިއާއެކު ސޮއި ކުރެވުނު މި ފަހުމުނާމާގައި، ތިމާވެށީގެ ޓެކްނޮލޮޖީގެ ދާއިރާއިން ތަޢުލީމާއި ގުޅުންހުރި ކަންކަންވެސް ރޭވުމަށް ވަނީ ނިންމާފައެވެ. އަދި މީހުން ތަމްރީނުކުރުމާއި، ވޯކްޝޮޕާއި، ސެމިނަރ އަދި އެއްބަސްވެވޭ ގޮތެއްގެ މަތިން އިންޓަރންޝިޕް ފުރުޞަތުތައް ހުޅުވާލުމަށްވެސް ވަނީ ނިންމާފައިވެއެވެ.