ޚަބަރު

ލ.ޕޯޓުގެ މަސައްކަތަށް ފައިސާ ހަމަޖެހިއްޖެ، މިއަހަރު މަސައްކަތް ފަށާނެ: ވަޖީހު


  • ވިޔަފާރި ބަނދަރު ތަރައްޤީކުރަނީ ލ.ގާދޫގައި

  • މިއީ މިލިޔަން ޑޮލަރު ޚަރަދުވާނެ މަޝްރޫޢެއް

  • މިމަޝްރޫޢާއެކު 2000 ވަޒީފާ އުފެދޭނެ

ލ. އަތޮޅުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ވިޔަފާރި ބަނދަރުގެ މަސައްކަތަށް ފައިނޭންސް ހަމަޖެހިފައިވާކަމަށާއި މިއަހަރުގެ ތެރޭ އެމަސައްކަތް ފެށޭނެކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ލ.އަތޮޅުގައި ވިޔަފާރި ބަނދަރެއް ތަރައްޤީކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ ލ.އަތޮޅުގައި ވިޔަފާރި ބަނދަރު ތަރައްޤީކޮށް ޚިދުމަތް ދިނުމަށްޓަކައި ސަރުކާރުން އެމްޕީއެލްއާ ހަވާލުކުރައްވާފައިވާކަމަށެވެ.

ލ.ވިޔަފާރި ބަނދަރު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެއަތޮޅު ގާދޫގައިކަން ފާހަގަކުރައްވާ ވަޖީހު ވިދާޅުވީ އެއީ ވިޔަފާރި ބަނދަރު ހެދުމަށް ވަރަށް ރަނަގަޅު ސަރަހައްދެއްކަމަށެވެ. ވަޖީހު ވިދާޅުވީ އެ ބަނދަރު ތަރައްޤީކުރާނީ ފަތުރުވެރިކަމަށްވެސް ޚާއްސަކޮށްގެންކަމަށެވެ. އެގޮތުން ބަންކަރިންގެ ޚިދުމަތާއި ސްޓޯރޭޖާއި ކުރޫޒް ޓާމިނަލް ތަރައްޤީކުރުމުގެ އިތުރަށް ޓްރާންސްޝިޕްމަންޓްވެސް ތަރައްޤީކުރެވޭނެކަމަށްވެސް ވަޖީހު ވިދާޅުވިއެވެ.

"ލ.އަތޮޅުގެ ރައްޔިތުންނަށް ވާހަކަ ދައްކާދޭނެ ޚިދުމަތްތައް ކަނޑައެޅިއްޖެ. އެތާ އެބަހުރި ކުރެވޭނެ ވަރަށް ގިނަ ކަންތައްތަކެއް. ވަރަށް އަވަހަށް އެތަން ތަރައްޤީކުރުމުގެ މަސައްކަތް ފެށިގެން ދާނެކަމަށް." އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވިއެވެ.

މި މަޝްރޫޢަކީ މިލިޔަން ޑޮލަރަށްވުރެ ގިނައިން ޚަރަދުވާނެ މަޝްރޫޢެއްކަމަށާއި އެ މަސައްކަތް ފެށުމަށް ކޮންޓްރެކްޓަރާއި ފައިނޭންސްވެސް ހަމަޖައްސާފައިވާކަމަށް ވަޖީހު ވިދާޅުވިއެވެ. އަދި އެމަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށްވެސް އެމްޕީއެލްގެ ސީއީއޯ ވިދާޅުވިއެވެ. ވަޖީހު ވިދާޅުވީ ލ. ވިޔަފާރި ބަނދަރާއެކު 2000 މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިވެގެންދާނެކަމަށެވެ.

ސަރަޙައްދީ އެހެން ވިޔަފާރި ބަނދަރުތަކަށް އަލިއަޅުވާލައްވަމުން ވަޖީހު ވިދާޅުވީ އައްޑޫ ހިތަދޫ ޕޯޓް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްތައްވެސް ކުރައްވަމުން އަންނަކަމަށެވެ. އަދި މިހާރު ހިތަދޫ ޕޯޓުގައި ބަންކަރިންގެ ޚިދުމަތް ފަށާފައިވާކަމަށާއި ކުޅުދުއްފުށީ ބަނދަރުގައިވެސް ބަންކަރިންގެ ޚިދުމަތް ފެށުމަށް ނިންމާފައިވާކަން ވަޖީހު ފާހަގަކުރެއްވިއެވެ.