ޚަބަރު

"ފިކުރީ ގޮތުންނާއި ބަހުގެގޮތުން އުފެއްދުންތެރިކަން ގެނެސްދޭ އެއް ވަޞީލަތަކީ ޅެންވެރިކަން"


  • ދުނިޔޭގެ ޅެންވެރިންގެ ދުވަހެއް ފާހަގަކުރުމަށް އ.ދއިން ނިންމީ 1999 ވަނަ އަހަރު

  • ޅެންވެރިކަމަކީ އިންސާނާގެ ޚިޔާލު މުއްސަނދިކޮށްދޭ އެއްޗެއް

  • ޅެންވެރިކަން މުޖުތަމަޢަކަށް މުހިންމު

މިއަދަކީ ދުނިޔޭގެ ޅެންވެރިންގެ ދުވަހެވެ. ދުނިޔޭގެ ޅެންވެރިންގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ މާރިޗު މަހުގެ 21 ވަނަ ދުވަހުއެވެ.

ދުނިޔޭގެ ޅެންވެރިންގެ ދުވަހެއް ފާހަގަކުރުމަށް އ.ދ އިން ނިންމެވީ 1999 ވަނަ އަހަރުއެވެ. މި ދުވަސް ފާހަގަކުރަން ފެށީ ޅެންވެރިކަމުގެ ތެރެއިން ބަހަވީ ޢިލްމުތައް ސިންދަފާތުކުރުމަށާއި ނެތެމުންދާ ބަސްތަކުގެ އަޑު ގަދަ ކުރުމުގެ މަޤުޞަދުގައެވެ.

ދިވެހި ބަހުގައި ޅެންވެރިކަން ނުވަތަ ޅެންވެރިކަމުގެ ބަހާއަށް ދީފައިވާ ނަމަކީ ވަޒަންބަހުރުވައެވެ. ދިވެހި ވަޒަންބަހުރުވައަކީ ވަރަށް މުއްސަނދި އެއްޗެކެވެ. ދިވެހި ވަޒަންބަހުރުވައިގައި 7 ބާވަތް އޮވެއެވެ. އަދި އާޅެން އިތުރުވުމާއެކު ފަހުން 8 ބާވަތެވެ.

ދިވެހި ވަޒަންބަހުރުވައިގައި ހިމެނޭ ކޮންމެ ބާވަތަކުންވެސް އަސަރުތައް އެންމެ ފުންމިނަށް ކުރާނެހެން ބަސްތައް އެކި ވަޒަންތަކަށް އެކުލަވާ ހުށަހެޅެއެވެ. ތަފާތު ތައްގަނޑުތަކަށް ޝުޢޫރާއި ތަޖުރިބާތައް ޙިއްސާކުރެވެއެވެ.

ދުނިޔޭގެ ޅެންވެރިކަމުގެ ދުވަހެއް ފާހަގަކުރާއިރު، ޅެންވެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް އެންމެ އެކަށޭނެ އެއް ބޭފުޅަކީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ. ވަޒީރު އާދަމް ނަޞީރަކީ ތަފާތު ވަޒަންތަކަށް ތަފާތު މަޢުޟޫތަކަށް ޅެން ހައްދަވާ ކުޅަދާނަ، ކަމުގެ
މާހިރެކެވެ.

މި ދުވަހާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމުގައި ދިވެހިބަހާ ބެހޭ ވަޒީރު އާދަމް ނަޞީރު ވިދާޅުވީ ބަސްމޮށުންތެރިކަމުގެ އެންމެ މަތީ ދަރަޖައަކީ ޅެންވެރިކަން ކަމަށެވެ. އަދި އަދަބިއްޔާތުގެ ތެރެއިން އެންމެ އާދަޔާޚިލާފު ރީތި ފަންނަކީ ޅެންވެރިކަންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، މީހާގެ ތަޖުރިބާތަކާއި ޝުޢޫރުތަކާއި އިޙުސާސްތައް އެހެން މީހުންގެ ހިތްތަކާ ގުޅުވާލުމުގައި ޅެންވެރިކަން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި ޅެންވެރިކަމަކީ ފިކުރީ ގޮތުންނާއި ބަހުގެ ގޮތުން އިންސާނާގެ އުފެއްދުންތެރިކަން މުއްސަނދިކުރުމުގައި ވަރަށް މުހިންމު އެއްޗެއްކަން ވަޒީރު ފަހަގަކުރެއްވިއެވެ.

"ދިވެހި ޅެންވެރިކަމުގައި އަދަބިއްޔާތު ރީތިކޮށްދޭ ހުރިހާ ސިފަތަކެއް އެބަހުރި. ރާއްޖޭގެ ޅެންވެރިކަމަށް ބެލީމަ ދިވެހިންގެ ޙަޔާތާ ގުޅިފައިހުރި ކަންކަން ޅެންވެރިކަމަށް ވަދެފައި އެބަހުރި. މިސާލަކަށް ދިވެހިންގެ ދީނީ ފޮތްތައް ޅެންބަހުން އެކުލަވާލަފައިވޭ. މިސާލަކަށް ސިޔަރަތުގެ ރަންހާރާއި ބޮޑު ތާހީދު. ދިވެހިންނަށް ދިމާވެފައިވާ ހާދިސާތައް ޅެން ބަހުން ގެނެސްދީފައިވޭ. މިސާލަކަށް ބޮޑު ވިއްސާރަ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޅެންވެރިކަމަކީ މުޖުތަމަޢަކަށް ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އެގޮތުން މީގެ ކުރިން ރާއްޖޭގައި ތިމާވެށްޓާއި ގަސް އިންދުމާ ގުޅޭގޮތުން ހޭލުންތެރިކުރުމަށް ޅެން ބޭނުންކުރިކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އިންތިޚާބުތަކުގައި ފޯރި އުފެއްދުމުގެ ގޮތުން ސިޔާސީ މައިދައިނުގައިވެސް ޅެންވެރިކަން ބޭނުންކުރާކަން ވަޒީރު ފަހަގަކުރެއްވިއެވެ.