ކުޅިވަރު

ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބު މަޑުޖައްސާލަން އޭސީސީން އަންގައިފި


އަންނަ ހުކުރު ދުވަހުގެރޭ ބާއްވަން މަސައްކަތްކުރަމުން އަންނަ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ އިންތިޚާބުގެ ކަންކަން މަޑުޖައްސާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފިއެވެ.

ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ބެޑްމިންޓަން އެސޯސިއޭޝަނުގެ ވެރިންގެ މައްޗަށް އަމާޒުވެފައިވާއިރު، އޭސީސީގެ ތަހުގީގީ ޓީމެއް އިއްޔެ ވަނީ ބެޑްމިންޓަން އެސޯސިއޭޝަނަށް ވަދެފައެވެ.

އަދި އޭސީސިން މިއަދު ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު (މޫސަ) އެޑްރެސްކޮށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ އެސޯސިއޭޝަނުގެ މި އަހަރުގެ އިންތިޚާބާ ގުޅިގެން ކޮރަޕްޝަނާ ގުޅުންހުރި ގިނަ މައްސަލަތަކެއް އެ ކޮމިޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާތީ، އެ ކޮމިޝަނުން އެ މައްސަލަ ތަހުގީގުކޮށް ވަކި އެއްޗެއް އަންގަންދެން، އިންތިޚާބުގެ ކަންކަން ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް އަންގާ ކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސަ މިހާރު ފުރުއްވަމުން އަންނަނީ އޭނާގެ ތިންވަނަ ދައުރެވެ. މޫސައާ މެދު ކުރެވޭ ސީރިއަސް ތުހުމަތުތަކެއްގެ ވާހަކަ އެކިއެކި ޕްލެޓްފޯމްތަކުގައި ދެކެވޭތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އޭގެ ތެރޭގައި ކުރީގެ ބައެއް ބެޑްމިންޓަން ކުޅުންތެރިންވެސް ހިމެނެއެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިޚާބު ބާއްވަން އިއުލާންކުރުމާއެކު، އެ އިންތިޚާބުގެ ކަންކަން މަޑުޖައްސާލަން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލްވެސް މީގެ ކުރިން ވަނީ އަންގަވާފައެވެ. އަދި މި ފަހުން ބޭއްވި ބައްދަލުވުމަކަށްފަހު ބެޑްމިންޓަން އެސޯސިއޭޝަނުގެ އިންތިޚާބުގެ ކުރިން އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައި، ލަފާދީފައިވާ ބަދަލުތައް ގެންނަން ޖެހޭ ކަމަށްވެސް ސްޕޯޓްސް ކޮމިޝަނަރު ވަނީ އަންގަވާފައެވެ. އެ ބައްދަލުވުމުގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެމްބަރުންނާއި ކުޅިވަރާ ބެހޭ އެކި މުއައްސާސާތަކުން ބައިވެރިވިއެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުގެ އިންތިޚާބުގައި ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިޔާ މުޙައްމަދު އަޖުފާން ރަޝީދާއި، އެ އެސޯސިއޭޝަންގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އިޝްފާން މުޙައްމަދު (އިއްޕަ) އެވެ. މީގެ ތެރެއިން އަޖުފާނާއެކު ނައިބު ރައީސަކަށް ކުރިމެތިލެއްވީ މި ވަގުތު އެސޯސިއޭޝަންގެ ރައީސްގެ މަގާމު ތިންވަނަ ދައުރަކަށް ފުރަމުން އަންނަ މޫސައެވެ.