ކުޅިވަރު

މިފަހަރުގެ ލީގު ކާމިޔާބީ ވަރަށް ޚާއްސަ - ބުފޮން


މިއަހަރުގެ އިޓާލިއަން ސެރީއޭގެ ކާމިޔާބީއަކީ ފާހަގަކުރަންޖެހޭ ފެންވަރުގެ ކާމިޔާބެއްކަމަށް ޔުވެންޓަސްގެ ކެޕްޓަން ޖިއަންލުއިޖީ ބުފަން ބުނެފިއެވެ. 

ޔުވެންޓަސްއަށް އިޓަލިއަން ސެރީއޭގެ ތަށި ޔަގީންވެގެންދިޔައީ ލީގުގެ ދެވަނާގައި އޮތް ނަޕޯލީ އެންމެ ފަހުން އެޓީމް ކުޅުނު މެޗުން ބަލިވުމާއި ގުޅިގެންނެވެ. މި މެޗުން ނަޕޯލީ ބަލިވީ ރޯމާއާއި ދެކޮޅަށް ކުޅެ އެކެއް ސުމެއްގެ ނަތީޖާއަކުންނެވެ. މެޗުގައި ރޯމާގެ ހަމައެކަނި ލަނޑު ޖަހައިދިނީ ރަޚާ ނައިންގޮލަންއެވެ. 

ޔުވެންޓަސްއަށް ލީގް ޔަގީންވުމާއިއެކު ކެޕްޓަން ޖިއަންލުއިޖީ ބުފަން ބުނީ ޖެހިޖެހިގެން ފަސް ސެރީއޭ އުފުލާލުމަކީ ޚާއްސަ ކާމިޔާބެއްކަމަށާއި، ފަސް ލީގުގެ ތެރެއިން މިފަހަރުގެ ލީގުގެ ކާމިޔާބީ މާ ބޮޑަށްވެސް ފާހަގަކޮށްލެވޭކަމަށެވެ. 

މިއަހަރުގެ ލީގުގެ ފުރަތަމަ ދިހަ މެޗު ނިމުނުއިރު ޔުވެންޓަސް ލީގުގެ ގަދަ ދިހައެއްގައިވެސް ނުހިމެނޭ. އެހްންނަމަވެސް ޖެހިގެން އައި ފަންސަވީސް މެޗުގައި ދެއްކި މޮޅު ކުޅުމާއިއެކު އެޓީމްވަނީ ލީގްގެ އެންމެ ކުރިއަށް އަރާ ބާރަ ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ބުފަން ބުނީ މި ކާމިޔާބީ ޚާއްސަވެގެންދަނީ މި ސަބަބާ ހެދިކަމަށެވެ.

"މިފަހަރުގެ ކާމިޔާބީ ވަރަށް ޚާއްސަ، ލީގުގެ ކުރީކޮޅު އެހާ ރަނގަޅު ކުޅުމެއް ނުދެއްކުނު، ފަހު ފަންސަވީސް މެޗުގައި ޓީމުން ދެއްކީ އާދަޔާޚިލާފު މޮޅު ކުޅުމެއް" ބުފޮން ބުންޏެވެ.

ޔުވެންޓަސްއަށް ލީގް ކާމިޔާބު މި ކުރެވުނީ ލީގުގައި ބާކީ ތިން މެޗް އޮތްވައެވެ.