ކުރީ ސަރުކާރުން ފެނަކަ އޮތީ ބަންގޫރުޓުވާ ލެވަލްއަށް ގެންގޮސްފައިކަމަށާއި، މިހާލަތުން އަރައިގަނެ ހައްލުތައް ހޯދަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން އަޅާ ނުލާ ހުރުމުގެ ސަބަބުން، ކުންފުނީގެ މެޝިނަރީޒްތައް ހުރީ ހަލާކުވެފައިކަމަށެވެ. އަދި މިފަދަ ހާލަތެއްގައި ކުންފުނި އޮތްއިރު، ރަށްރަށަށް ކަރަންޓު ފޯރުކޮށްދިނުމުގައި ދަތިތައް ހުރި ކަމަށެވެ.
މުއާޒު ވިދާޅުވީ ވަރަށް ކްރިޓިކަލް 17 ރަށެއް ފާހަގަކުރެވިފައިވާ ކަމަށާއި ސަރުކާރުގެ އެހީގައި އެ ރަށްރަށަށް ބޭނުންވާ ޖެންސެޓުތައް ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.
"ވަރަށް ކްރިޓިކަލް 17 ރަށެއް އައިޑެންޓިފައި ކުރެވިފައިވަނީ، އެރަށްރަށަށް ބޭނުންވާ ޖެންސެޓުތައް ހޯދުމަށް ޓެންޑަރިންގ މަރުހަލާގައި މިހާރު އޮތީ، މީގެއިތުރުންވެސް 40ހަކަށް ރަށަށް ބޭނުންވާ ޖެންސެޓު ހޯދުމުގެ މަސައްކަތް އެބަކުރަން" މުއާޒު ވިދާޅުވިއެވެ.
މުއާޒު ވިދާޅުވީ 40ވަރަކަށް ޖެންސެޓު މިރޯދަމަހުގެތެރޭ ހޯދާ ކްރިޓިކަލް ރަށްރަށަށް އެޖެންސެޓުތައް ފޯރުކޮށްދޭނެ ކަމަށެވެ.
ކުރީ ސަރުކާރުން އޮތީ ފެނަކަ އާއި މެދު ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށާއި، މިއީ ރައްޔިތުންނަށް އެންގެން ޖެހޭ ކަމެއް ކަމަށް މުއާޒު ވިދާޅުވިއެވެ.
"ކުރީގެ ސަރުކާރުން ފެނަކައަށް ވަރަށް ބޮޑަށް އިހުމާލުވެފައި އޮތީ، ފެނަކައިގެ ހުރިހާ ކަމެއް ނާޖާއިޒްކޮށް ހިނގާ، ޕްރޮޖެކްޓުތަކުން ނާޖާއިޒު ފައިދާ ނަގާ، ދިވެހި އެތައް ސަޕްލަޔަރުންނަކާއި، ބޭރުގެ އެތައް ސަޕްލަޔަރުންނަކަށް ކުންފުނި ދަރުވާލާ، މިހާލަތަށް ވެއްޓިފައި އޮތުމުން، ކުންފުންޏަށް މަޑުޖެހުމެއް އަންނަނީ،" މުއާޒު ވިދާޅުވިއެވެ.
މުއާޒު ވިދާޅުވީ ގޮންޖެހުންތައް ހުރި ނަަމަވެސް ސަރުކާރާއި ގުޅިގެން ހައްލުތައް ހޯދަމުންދާ ކަމަށެވެ.
މުއާޒު މީގެކުރިން ވިދާޅުވެފައިވަނީ، ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ފެނަކައިގެ ދަރަނި 4.3 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ. އަދި އެ ކުންފުންޏަށް 120 މިލިޔަން ރުފިޔާގެ ޢާމްދަނީއެއް ލިބުނުނަމަވެސް 8000 މުވައްޒަފުންނަށް ކޮންމެ މަހަކު 86 މިލިއަން ރުފިޔާ މުސާރައަށް ހޭދަކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ފެނަކައިން ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން މުއާޒް ވިދާޅުވީ ފެނަކައިގެ އޮފީސް އެޅުމަށް ކުރިއަށް ގެންދިޔަ 60 މަޝްރޫޢަކަށް އެއް ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވީ ނަމަވެސް އެމަޝްރޫޢުތައް އޮތީ ހުއްޓިފައިކަމަށެވެ. އަދި މަޝްރޫއުތަކުގެ 45 އިންސައްތަވަރު ނިމިފައި ހުއްޓަސް، މަޝްރޫއުތައް އަލުން ކުރިއަށް ގެންދިއުމަށް ބިލިއަނެއްހާ ރުފިޔާ އިތުރަށް ބޭނުންވާ ކަމަށްވެސް މުއާޒް ފާހަގަކޮށްފައިވެއެވެ.