ޚަބަރު

ކެޓް ޝެލްޓަރ 2 މަސްތެރޭގައި ނިންމާ ބުޅާތައް ބަދަލު ކުރަންފެށޭނެ: އާޒިމް


  • މިމަސައްކަތް ސަރުކާރުން މާލެ ސިޓީ ކައުންސިލާ ހަވާލުކުރީ މިދިޔަ ޖަނަވަރީމަހު

  • އެންމެ ފުރަތަމަވެސް މަސައްކަތް ކުރާނީ ބުޅާތައް ބަދަލު ކުރުމުގެ މަސައްކަތް

  • މިއީ ހަފުތާ ސާދައިގައި ހިމެނޭ މަސައްކަތެއް

ހުޅުމާލޭގައި އަޅާ ޕެޓް ކެއަރ ޝެލްޓަރގެ މަސައްކަތް ދެމަސްތެރޭގައި ނިންމާލެވޭނެ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ މި ޝެލްޓަރގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މާލެ ހުޅުމާލެ ވިލިމާލޭގެ މަގުތަކުގައި ބުޅާގިނަވުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަމެކެވެ. ބުޅަލުގެ އުނދަގޫޖެހި އެތައް ބަޔަކު ޝޯސަލް މީޑިއާގައި ވެސް ނުރުހުމުގެ ޝުއޫރުތައް ފާޅުކުރަމުންދެއެވެ. މިކަމަކީ މިހާރުން މިހާރަށް ހައްލުކުރަން ޖެހިފައި އޮތް ކަމަކަށްވުމުން ސަރުކާރުންވެސް މިކަމަށްވެސް ޚާއްސަ އިސްކަމެއްދެއްވާ މިމަސައްކަތް އަވަހަށްފެށުމަށް ސިޓީ ކައުންސިލާ ހަވާލުކުރެއްވިއެވެ.

ޕެޓް ކެއަރ ޝެލްޓަރގެ މަސައްކަތް ދަނޑުވެރިކަމާ ދިރޭތަކެއްޗާބެހޭ ވުޒާރާއިން މާލެ ސިޓީ ކައުންސިލާ ހަވާލުކުރެއްވީ މިދިޔަ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ. ހުޅުމާލެ ފޭސް ދޭއްގައި ހަދާ މި ޕެޓް ކެއަރ ޝެލްޓަރގެ މަސައްކަތް ފަށްޓަވައިދެއްވީ މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމާއި، ދަނޑުވެރިކަމާ ދިރޭތަކެއްޗަށް ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މަރިޔަމް ވިޝާމްއެވެ.

ޕެޓް ކެއަރ ޝެލްޓަރގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އަމާޒަކީ ކުރިއަށް މިއޮތް 2 މަަސްތެރޭގައި މަސައްކަތް ނިންމާ މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް އެތަނަށް ބަދަލު ކުރުންކަމަށެވެ.

"ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއްދޭ މަސައްކަތެއް މިއީ. މިކަމަށް ފުރިހަމަ އެއްބާރުލުން ލިބޭ އަދި ސިޓީ ކައުންސިލާ ދިރޭތަކެއްޗާބެހޭ ވުޒާރާ ގުޅިގެން މަސައްކަތް ދާކަން ފާހަގަކުރަން. އަޅުގަނޑުމެންނާ ހަވާލުކުރި މިމަސައްކަތް ކުރިއަށް މިއޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވި ބުޅާތައް ބަދަލު ކުރުމުގެ މަސައްކަތް ފެށިގެންދާނެކަމުގެ ޔަގީންކަން ދެން" މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދަނޑުވެރިކަމާ ދިރޭތަކެއްޗާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މަރިޔަމް ވިޝާމް ވިދާޅުވީ، ކައުންސިލަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެކަމަށާ، މިކަމަކީ ސަރުކާރުން ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ހަފުތާ ސާދައިގައި ހިމަނުއްވައިގެން ފަށްޓަވާފައިވާ މުހިންމު މަސައްކަތެއްކަމަށެވެ. މި މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ކުރާނީ ފެންސުގެ މަސައްކަތްކަމަށާއި، އެމަސައްކަތް ނިމުމުން ފެސިލިޓީ ޤާއިމްކުރުމުގެ މަސައްކަތް ފެށޭނެކަމަށް ވިޝާމް ވިދާޅުވިއެވެ.

"މިފެސިލިޓީ ޤާއިމްވެގެން ދިޔައީމަ ބުޅާތަކާ ހެދި އާންމު ރައްޔިތުންނަށް ދިމާވާ އުނދަގޫތަކަށް ނިމުން އަންނާނެ. އަދި ސަރުކާރުން މިކަމުގައި ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނަން. އަދި ކައުންސިލުންވެސް މިކަމަށް ޚާއްސަ އިސްކަމެއް ދީގެން އަވަސް ކުރުމަށް މަސައްކަތްތަކެއް ދަނީ ކުރަމުން. އުންމީދަކީ ވީއެންމެ އަވަހަކަށް މަސައްކަތް ނިންމާލެވި ބުޅާތައް ހިފާ މިޝެލްޓަރއަށް ގެނައުން" ސްޓޭޓް މިނިސްޓަ މަރިޔަމް ވިޝާމް ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން 5،000 އަކަފޫޓުގެ ބިމެއް މިކަމަށްވަނީ ޚާއްސަކޮށްފައެވެ. އެމަޝްރޫއުގެ ދަށުން ހަދާ ކެޓް ޝެލްޓަރގައި ބުޅަލާއެކު ޢާންމުންނަށް ވަގުތު ހޭދަކޮށްލެވޭ ގޮތަށް ކެޓް ކެފޭއަކާއި ވެޓް ކްލިނިކެއްގެ އިތުރުން ކެޓް ޝޮޕެއް ވެސް ހުޅުވާނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މިމަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ކެޓް ޝެލްޓަރ ހެދި ނަމަވެސް ކުރިއަށް އޮތްތަނުގައި ދޫނި ފަދަ ރާއްޖޭގައި އޮޅުކޮށްގެން ގެންގުޅޭ ދިރޭތަކެތި ބެލެހެއްޓޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެ ކަމަށެވެ.

މިމަޝްރޫއަށް ޖުމްލަ 18،000 އަކަފޫޓުގެ ބިމެއް ކުރިއަށް އޮތްތަނުގައި ހަމަޖެހިގެންދާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.