ކުޅިވަރު

ބެޑްމިންޓަން އެސޯސިއޭޝަނަށް އޭސީސީގެ ޓީމެއް ވަދެއްޖެ


ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުގެ ތަހުގީގަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ޓީމެއް އެ އެސޯސިއޭޝަނަށް ވަދެއްޖެއެވެ.

ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ބެޑްމިންޓަން އެސޯސިއޭޝަނުގެ ވެރިންގެ މައްޗަށް ވަނީ އަމާޒުވެފައެވެ. އެއާއެކު އޭސީސީގެ ތަހުގީގީ ޓީމެއް ބެޑްމިންޓަން އެސޯސިއޭޝަނަށް މިއަދު ވަދެފައިވާއިރު، އެ އެސޯސިއޭޝަނުން ކުއްޔަށް ހިފާފައިވާ ތަންތަންވެސް، ވެރިންގެ އަމިއްލަ ގެތަކުން ކުއްޔަށް ނަގާފައިވާ ކަމުގެ ތުހުމަތުކުރެވެއެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު (މޫސަ) މިހާރު ފުރުއްވަމުން އަންނަނީ އޭނާގެ ތިންވަނަ ދައުރެވެ. މޫސައާ މެދު ކުރެވޭ ސީރިއަސް ތުހުމަތުތަކެއްގެ ވާހަކަ އެކިއެކި ޕްލެޓްފޯމްތަކުގައި ދެކެވޭތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އޭގެ ތެރޭގައި ކުރީގެ ބައެއް ބެޑްމިންޓަން ކުޅުންތެރިންވެސް ހިމެނެއެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސްކަމަށް ކުރިމަތިލެއްވީ އަޖުފާނާއި އިއްޕަ

ބެޑްމިންޓަން އެސޯސިއޭޝަނުން މި މަހު 22 ވަނަ ދުވަހު އިންތިޚާބު ބާއްވަން އިއުލާންކުރުމާއެކު، އެ އިންތިޚާބުގެ ކަންކަން މަޑުޖައްސާލަން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވަނީ އަންގަވާފައެވެ. އަދި އިއްޔެ ބޭއްވި ބައްދަލުވުމަކަށްފަހު ބެޑްމިންޓަން އެސޯސިއޭޝަނުގެ އިންތިޚާބުގެ ކުރިން އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައި، ލަފާދީފައިވާ ބަދަލުތައް ގެންނަން ޖެހޭ ކަމަށްވެސް ސްޕޯޓްސް ކޮމިޝަނަރު ވަނީ އަންގަވާފައެވެ. އެ ބައްދަލުވުމުގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެމްބަރުންނާއި ކުޅިވަރާ ބެހޭ އެކި މުއައްސާސާތަކުން ބައިވެރިވިއެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުގެ އިންތިޚާބުގައި ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިޔާ މުޙައްމަދު އަޖުފާން ރަޝީދާއި، އެ އެސޯސިއޭޝަންގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އިޝްފާން މުޙައްމަދު (އިއްޕަ) އެވެ. މީގެ ތެރެއިން އަޖުފާނާއެކު ނައިބު ރައީސަކަށް ކުރިމެތިލެއްވީ މި ވަގުތު އެސޯސިއޭޝަންގެ ރައީސްގެ މަގާމު ތިންވަނަ ދައުރަކަށް ފުރަމުން އަންނަ މޫސައެވެ.