ކުޅިވަރު

ގައުމީ ކުޅިވަރުތަކަށް ޚާއްސަ ދަނޑެއް ހުޅުމާލޭގައި ގާއިމުކުރަނީ


ގައުމީ ކުޅިވަރުތައް ކުޅުމަށް ޚާއްސަ ދަނޑެއް ހުޅުމާލޭ ފޭސް އެކެއްގައި ގާއިމުކުރައްވާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މަގާމާ ހަވާލުވުމުގެ ކުރިންވެސް ކުޅިވަރު ދަނޑެއް އެޅުމަށް ހަވާލުކުރެވިފައިވާ ބިމުގައި، ގައުމީ ކުޅިވަރުތަކަށް ޚާއްސަކޮށްގެން ދަނޑެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ ކުރިން ކޮންސްޓްރަކްޝަން މިނިސްޓްރީއާ ހަވާލުކުރި ބިން، ކުޅިވަރާ ބެހޭ ވުޒާރާއިން ކުރި މަސައްކަތުން މިހާރު އަލުން އަނބުރާ ހޯދައި، އެ ބިމުގައި ގައުމީ ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން އެ ދަނޑާ ގުޅިގެން ފައިނޭންޝިއަލީ ކުރަންޖެހޭ ހުރިހާ މަސައްކަތެއް މި އަހަރުގެ ތެރޭގައި ކުރެވިގެންދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

"
އަޅުގަނޑުމެން މިކުރި މަސައްކަތުން އެ ބިން ވަނީ ސްޕޯޓްސް މިނިސްޓްރީއަށް އަލުން އަނބުރާ ދެއްވާފައި. އެ ބިމުގައި ނެޝަނަލް "އައިކޮނިކް" ސްޓޭޑިއަމެއްގެ މަސައްކަތް ފަށާ ގޮތަށް މި އޮތީ. އެ ޑިޒައިންނާ ކޮންސެޕްޓުގެ މަސައްކަތް މި އަހަރު ފެށޭނެ.
ޢަބްދުﷲ ރާފިޢު - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު

ރާފިޢު ވިދާޅުވީ ރާއްޖޭގައި ރަނގަޅު ފެންވަރެއްގެ ފުޓްބޯޅަ ދަނޑެއްވެސް އޮންނަން ޖެހޭ ކަމަށެވެ. އަދި މުޅި ރާއްޖޭގައި މަލްޓިޕާޕަސް ކުޅިވަރު ކޮމްޕްލެކްސްގެ އިތުރުން، އެކި ކުޅިވަރު ދަނޑުތައް ތަރައްގީކުރެވިގެންދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ވަޒީރު މިހެން ވިދާޅުވިއިރު، ހަފުތާ 14 ގެ މަގުޗާޓުގައި ކުޅިވަރުގެ ދާއިރާއިން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން ފަސް ދަނޑުގެ މައްޗަށް އެކުލެވޭ ފުޓްސަލް އާއި ނެޓްބޯޅަ ކޮމްޕްލެކްސް އިމާރާތްކުރާ ބިން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ ހަވާލުކޮށްފައެވެ.

ފުޓްސަލް ކޮމްޕްލެކްސް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް ދޭއްގައެވެ. އަދި ނެޓްބޯޅަ ކޮމްޕްލެކްސް ގާއިމުކުރާނީ ހުޅުމާލެ ފޭސް އެކެއްގައެވެ. މިއީ ރާއްޖޭގައި ގާއިމުކުރާ ފަސް ދަނޑުގެ ފުރަތަމަ ކޮމްޕްލެކްސްތަކެވެ. އަދި މި ދެ ކޮމްޕެލްކްސް ވެގެންދާނީ މަލްޓި ސްޕޯޓްސް ކުޅެވޭ ގޮތަށް ފަރުމާކުރެވިގެން ތައްޔާރުކުރެވޭ ދެ ތަނަށް ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.