ޚަބަރު

ތިނަދޫ ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދެވޭގޮތަށް ޤާނޫނަށް އިޞްލާހު ގެނެސްފި


  • ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ކުރީ ސަރުކާރުން

  • ނަމަވެސް އެދަރަޖަ ދިނީ ޤާނޫނީގޮތުން ބައެއް ކަންކަން ފުރިހަމަ ނުކޮށް

  • ތިނަދޫ ކައުންސިލުން ވަނީ މަޖިލީހަށް މައްސަލައެއް ހުށައަޅާފައި

ތިނަދޫ ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދެވޭގޮތަށް ޤާނޫނަށް އިޞްލާހު ގެނެސްފިއެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އެ އިޞްލާހު ގެނައީ ވޯޓުގައި ބައިވެރވެވަޑައިގެންނެވި 42 މެންބަރުންގެ ވޯޓުންނެވެ. ޤާނޫނަށް އެ އިޞްލާހު ހުށައެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިންއެވެ.

ލާމަރުކަޒީ ޤާނޫނުގައި މިހާރު ބަޔާންކޮށްފައިވާގޮތުގައި ރަށަކަށް ސިޓީއެއްގެ ދަރަޖަ ލިބޭނީ ޤާނޫނުގައި ބަޔާންކުރާ ޝަރުތުތައް ހަމަވެ، އެރަށަކީ ސިޓީއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުންނެވެ. މި ޤާނޫނުގައި ބުނެފައިވާގޮތުގައި އިދާރީ ދާއިރާއެއްގައި ހިމެނޭ ރަށެއް ސިޓީއެއްގެ ގޮތުގައި ކަނޑައެޅިނަމަވެސް، އެ ސިޓީ ހިންގަމުންދާނީ އެ ރަށް ސިޓީއަކަށް ބަދަލުވުމުގެ ކުރިން އެ ރަށް ހިންގުމަށްޓަކައި އިންތިޚާބުވެފައި އޮތް ރަށު ކައުންސިލުންކަމަށެވެ. އަދި ރަށެއް ސިޓީއަކަށް ބަދަލުވެއްޖެނަމަ، އެ ރަށް ސިޓީއަކަށް ބަދަލުވުމުގެ ކުރިން އެ ރަށް ހިންގުމަށްޓަކައި އިންތިޚާބުވެފައި އޮތް ރަށު ކައުންސިލުން އެ ސިޓީ ހިންގާނީ، އެ ރަށު ކައުންސިލްގެ ދައުރު ހަމަވަންދެންކަމަށްވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ރަށު ކައުންސިލްގެ ދައުރު ހަމަވުމުގެ ކުރިން އެކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ލިބޭގޮތަށް ޤާނޫނަށް އިޞްލާހު ގެނައީ ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިންނަމަވެސް، އެރަށު ކައުންސިލަށް ސިޓީއެއްގެ ދަރަޖަ ލިބިފައި ނުވާތީއެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ކުރީ ސަރުކާރުން ނިންމެވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. ނަމަވެސް އެ ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ލިބުމުގައި ޤާނޫނީ ހުރަސްތަކެއް ހުރުމުން އެކަމާއި ގުޅޭގޮތުން އެ ރަށު ކައުންސިލުން ވަނީ ލާމަރުކަޒީ ކޮމިޓީއަށް މައްސަލައެއް ހުށަހަޅާފައެވެ. ލާމަރުކަޒީ ކޮމިޓީން ނިންމާފައިވަނީ ޤާނޫނަށް އިސްލާހުތައް ގެނައުމަށްފަހު ތިނަދޫ ކައުންސިލަށް ސީޓީ ކައުންސިލެއްގެ ދަރަޖަ ދިނުމަށެވެ. ކޮމިޓީގެ ނިންމުމާއި އެއްގޮތަށް ހިސާން ހުށަހެޅުއްވި ބިލުގައި ވަނީ ފަސް އިސްލާހެއް ހުށަހަޅުއްވާފައެވެ.

ހިސާން ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ސިޓީއެއްގެ ދަރަޖަ ރަށަކަށް ދީފިނަމަ އެ ރަށެއްގެ ކައުންސިލް، ސިޓީ ކައުންސިލަކަށް ބަދަލުކުރުން ހިމެނެއެވެ. އަދި ސިޓީއެއްގެ ދަރަޖަ ލިބޭ ރަށުގެ، ކައުންސިލް ރައީސާއި ނައިބު ރައީސްގެ މަޤާމު، މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ މަޤާމަށް ބަދަލުވާނެކަމަށްވެސް މަޖިލީހުން ފާސްކުރި އިޞްލާހުގައިވެއެވެ.

މި އިސްލާހުގެ ދަށުން ރަށު ކައުންސިލް، ސިޓީ ކައުންސިލަކަށް ބަދަލުވި ނަމަވެސް އެ ކައުންސިލް ދެމި އޮންނާނީ ރަށު ކައުންސިލްގެ ދައުރު ހަމަވަންދެންކަމަށް ވަނީ ބަޔާންކޮށްފައެވެ.

އިދާރީ ދާއިރާއެއްގައި ހިމެނޭ ހުރިހާ ރަށެއް އެކުވެގެން ސިޓީއެއް އުފައްދާނަމަ އަމަލުކުރަންވާ ގޮތް ވެސް މި އިސްލާހުގައި ވަނީ ބަޔާންކުރައްވާފައެވެ. މިގޮތަށް ސިޓީއެއް އުފައްދާނަމަ އެ ދާއިރާއެއްގެ އަތޮޅު ކައުންސިލް އުވިގެންދާނެ ކަމަށާއި އެ ކައުންސިލްގެ ހުރިހާ މަސްއޫލިއްޔަތެއް ސިޓީ ކައުންސިލަށް ބަދަލުވާނެކަމަށްވެސް ވަނީ ބަޔާން ކުރައްވާފައެވެ.

މީގެ އިތުރުން ސިޓީ ކައުންސިލަކަށް ބަދަލުވުމާއެކު ޤާނޫނުން ސިޓީތަކަށް ލިބޭ ހުރިހާ ބާރަކާއި މަސްއޫލިއްޔަތެއް ކައުންސިލަށް ލިބިގެންދާނެ ކަމަށާއި ސިޓީތަކުން ލިބެންޖެހޭކަމަށް ޤާނޫނުގައި ބަޔާންކުރާ ހުރިހާ ޚިދުމަތެއް އެ ސިޓީއަކުން ލިބެން ޖެހޭނެ ކަމަށްވެސް އެ އިސްލާހުގައި ވަނީ ބަޔާންކުރައްވާފައެވެ.

ނިިމިދިޔަ ސަރުކާރުން މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ތާއީދު ހޯދުމަށް ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނީ ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކޮށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.