ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތާޢީދު ހޯއްދެވުމަށް ރައީސް މުޢިއްޒު ޑޯޓުޑޯއަށް


  • ބުރާސްފަތި އަދި ހުކުރު ފިޔަވާ ކޮންމެ ދުވަހަކު މެންދުރު 2:00 އިން 3:00އަށް ޑޯޓުޑޯ ކުރިއަށްދާނެ

  • ގޭގެއަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވާނެ

އަންނަމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގައި ޑޯޓުޑޯ ކެމްޕެއިނެއް ފައްޓަވައިފިއެވެ.

ސިޔާސީ ޕާޓީތަކުން މަޖިލިސް އިންތިހާބުގެ ކެމްޕެއިން ބާރަށް ކުރިއަށްގެންދާއިރު، މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 21 ވަނަ ދުވަހުއެވެ،

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީއެންސީ ބުނީ ބުރާސްފަތި ދުވަހާއިހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޑޯޓޫޑޯ ކެމްޕެއިންގައި ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ. އެގޮތުން މެންދުރު 2:00 އިން 3:00 އަށް ރައީސުލްޖުމްހޫރިއްޔާ ގޭގެއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާނެކަމަށް އެ ޕާޓީން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި ޑޯޓޫޑޯ ކެމްޕެއިންގައި އެމަނިކުފާނު ފުރަތަމަ ވަޑައިގެންނެވީ ހެންވޭރު ހުޅަނގު ދާއިރާގެ ގެތަކަށެވެ. އެގޮތުން ބޮޑުތަކުރުފާނު މަގުން، ސޯސަން މަގަށް އަދި އަބަދަށް އުފާ މަގާއި ރޯޝަނީ މަގުގައި ހުރި ގެތަކަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވިއެވެ، އެ ގެތަކަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންނާއި ބައްދަލު ކުރައްވައި، އެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އައްސަވާފައެވެ.

ޕީއެންސީ ބުނީ ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި ޑޯޓޫޑޯ ކެމްޕެއިން ކުރިއަށްދާނީ އަންނަ މަހުގެ 8 ވަނަ ދުވަހާ ހަމައަށްކަމަށެވެ. މަޖިލިސް އިންތިހާބަށް ތާޢީދު ހޯޢްދެވުމަށް ޑޯޓުޑޯ ކެމްޕެއިންގެ އިތުރުން، ކެމްޕެއިންގެ އެހެން ބައެއް ހަރަކާތްތައްވެސް ސަރުކާރު ކޯލިޝަނުން އަންނަނީ ކުރިއަށްގެންދަމުންނެވެ. އޭގެތެރޭގައި އަތޮޅުތަކަށް ކުރާ ދަތުރުތަކާއި އެހެނިހެން ކެމްޕެއިން ރެލީތައް ހިމެނެއެވެ.

ސަރުކާރު ކޯލިޝަނުގެ އިތުރުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އިސްކޮށް ހުންނަވައިގެން އިދިކޮޅު އެމްޑީޕީންވެސް ގެންދަނީ މާލޭގައި ޑޯޓުޑޯ އާއި ކެމްޕެއިން ހަރަކާތްތައް ކުރިއަށްގެންދަމުންނެވެ.

އަންނަމަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރާނެއެވެ. އަދި މި އިންތިހާބުގައި 371 ކެންޑިޑޭޓުން ވާދަކުރާނެއެވެ.