ޚަބަރު

މަގުތަކަށް އަރާގޮތަށް ބިން ދީފައިވާތީ ބައެއް ގޯތިތައް ރީލޮކޭޓްކުރަންޖެހޭ: އެޗްޑީސީ


  • ބިންވެރިޔާ ސްކީމްގައި ހުޅުމާލެއިން 1351 ގޯތި ދޫކުރޭ

  • ބިން ދޫކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދޭ

  • ބިންތައް ކުރަހާފައިވާގޮތަށް ބައެއް ބަދަލުތައް ގެންނަންޖެހޭ

ބިންވެރިޔާ ސްކީމްގައި ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ދޫކުރުމުގައި މަގުތަކަށް އަރާގޮތަށް ބައެއް ހިސާބުތަކުގައި ބިމުގެ އިން ކަނޑައަޅާފައިވާތީ އެ މައްސަލަތައް ހަލުކޮށް ގޯތި ހަވާލުކުރުމުގެ މަސައްކަތް އަވަސްކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ބުނެފިއެވެ.

އެޗްޑީސީން ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ބިން ލިބުނު މީހުންނަށް ބިން ދޫކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ. ނަމަވެސް ބިން ކަނޑައަޅާފައިވާގޮތުން، ބިން ކަނޑާ ދިނުމުގައި ގޮންޖެހުންތަކަކާ ކުރިމަތިވަމުންދާކަމަށެވެ.

އެޗް.ޑީ.ސީގެ ޕަބްލިކް ރިލޭޝަން އެސިސްޓަންޓް މެނޭޖަރ މުޙައްމަދު ސިރާޖު ވިދާޅުވީ ބައެއް ފަރާތްތަކަށް ބިން ހަވާލުކުރުން ލަސްވަނީ، ބިން ކަނޑައަޅެމުގައި އެކަށީގެންވާގޮތުގައި އާއްމު ޚިދުމަތްތަކާއި ގުޅޭ އިންތިޒާމްތަކަށް ނުބަލާ ބިމުގެ އިން ކަނޑައަޅާފައިވުމުންކަމަށެވެ. އެގޮތުން ބައެއް ގޯތިތައް ކުރަހާފައިވަނީ މަގުތައް ހުރަސްވާގޮތަށްކަމަށް ސިރާޖު ވިދާޅުވިއެވެ. އަދި ބައެއް ގޯތިތައް ދޫކޮށްފައިވާ ހިސާބުތަކަކީ ބައެއް ޔުޓިލިޓީ ވިއުގައިގެ މައި ހޮޅިތައް އަޅާފައިވާ ތަންތަންކަމަށްވެސް ސިރާޖު ވިދާޅުވިއެވެ.

މިހާރު އޮތް ގޮތަށް ބިން ދޫކޮށްފިނަމަ ފެނާއި ނަރުދަމާއާއި ކަރަންޓުފަދަ ޔުޓިލިޓީ ޚިދުމަތަކަށް ނެޓްވޯކް އެޅުމުގެ މަސައްކަތަށް ކުރިމަގުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް ސިރާޖު ވިދާޅުވިއެވެ. އެހެންކަމުން ގެތަކަށް އަރާގޮތަށް ހުރި ޔުޓިލިޓީ ނެޓްވޯކްތަކަށް ބަދަލުގެންނާނެކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ބައެއް ގެތައް ކުރަހާފައިހުރީ މަގުތަކާ ގޯޅިތަކަށް އަރާގޮތަށްކަމަށްވާތީ، އެފަދަ ސަރަޙައްދުތަކަށްވެސް ކޮންމެހެން ބަދަލުގެންނަންޖެހޭކަމަށް ސިރާޖްވަނީ ވިދާޅުވެފައެވެ.

"ގޯތިތައް މަގުތަކަށް އަރާގޮތަށް ދޫކޮށްފައި އެބަހުރި. މި ތަންތަން ޖެހޭނީ އަލުން ރީލޮކޭޓްކުރަން. މަގުތަކާއި ގޯޅިތައް ވަކި ހަމައަކުން ތަރުތީބުކުރެވިގެން ގޯތި ކަނޑާ ބިން ދޫކުރެވޭނި. ގޯތި ދިނުމުގައި ހުރި މިފަދަ ހުރަސްތައް ނައްތާލަމުން ދަނީ." އެޗްޑީސީގެ ޕަބްލިކްރިލޭޝަން އެސިސްޓަންޓް މެނޭޖަރ މުޙައްމަދު ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ މައްސަލަތައް ހުރި ބިންތަކުގެ މައްސަލަ ޙައްލުކޮށް، ވީހާވެސް އަވަހަށް އެފަރާތްތަކަށް ގޯތި ކަނޑާ ދޫކުރުމުގެ މަސައްކަތް އެޗް.ޑީ.ސީން ކުރާނެކަމަށެވެ. މީގެއިތުރުން ހުޅުމާލެ ދެވަނަ ފިޔަވައްސަކީ ކޮންސްޓަކްޝަނާއި ގުޅުންހުރި ގިނަ މަސައްކަތްތަކެއް ކުރާ ތަނަކަށްވާތީ، ބިންތައް ސާފުކުރުމުގެ މަސައްކަތްވެސް އެ ކޯރޕަރޭޝަނުން ފަށާފައިވާކަމަށް ސިރާޖު ވަނީ ވިދާޅުވެފައެވެ.

ބިންވެރިޔާ ސްކީމްގައި 9001 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، އޭގެތެރެއިން 1351 ގޯތި ދޫކުރަނީ ހުޅުމާލެއިންނެވެ. މިހާތަނަށް ބިން ކަނޑާ ދީފައިވާ ފަރާތްތަކުން ދަނީ ބިމުގެ އިންފާރުވެސް ރާނަމުންނެވެ.