ޚަބަރު

މަޖިލިސް އިންތިޚާބުގައި ބަހައްޓާނީ 602 ވޯޓު ފޮށި


  • ކުރިން ނިންމީ 608 ވޯޓުފޮށި ބަހައްޓަން، މިހާރު 602 ވޯޓުފޮށި

  • ޢަދަދަށް ބަދަލު އައީ އިންތިޚާބު ބާއްވަން ފަސްކުރުމުން

  • މާލޭ ސަރަޙައްދުގައި 241 ވޯޓު ފޮށި

  • އަތޮޅުތަކުގައި 319 ވޯޓު ފޮށި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 602 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ. މިއީ އެކޮމިޝަނުން ކުރިން ބަހައްޓަން ނިންމެވި ޢަދަދަށްވުރެ މަދު ޢަދަދެކެވެ.

މިމަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެއްސިއިރު 608 ވޯޓުފޮށި ބަހައްޓަން ނިންމިއެވެ. އެހެންނަމަވެސް އިންތިޚާބު އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވަން ނިންމުމުން ރީ ރަޖިސްޓްރޭޝަން އައި ބަދަލާއެކު މިހާރު ބެހެއްޓުމަށް ނިންމަފައިވަނީ 602 ވޯޓު ފޮށި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

މަޖިލިސް އިންތިޚާބުގައި 602 ވޯޓުފޮށި ބަހައްޓާއިރު މާލެ ސަރަހައްދުގައި 241 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލޭގައި 181 ފޮށި، ހުޅުމާލޭގައި 51 ފޮށި އަދި ވިލިމާލޭގައި 9 ވޯޓު ފޮށްޓެވެ.

މި އިންތިޚާބުގައި އަތޮޅުތަކުގައި 319 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި ރާއްޖޭން ބޭރުގެ 3 ޤައުމެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާއިރު ރިސޯޓުތަކުގައި 34 ވޯޓު ފޮށި އަދި ޖަލުތަކުގައި 5 ވޯޓު ފޮށި ބެހެއްޓުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

ރާއްޖެއިން ބޭރުގައި ފޮށި ބަހައްޓާނެ ގައުމުތައް ކަނޑައަޅާފައިވަނީ ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވި މީހުންގެ ނިސްބަތަށް ބެލުމަށްފަހުއެވެ. ބޭރު ޤައުމުތަކުގައި ވޯޓު ފޮށި ބަހައްޓަނީ މަދުވެގެން 150 މީހުން ވޯޓުލާން ރަޖިސްޓްރީ ކުރުމުންނެވެ. އަދި ރިސޯޓްތަކުގައި ވޯޓު ފޮށި ބަހައްޓަނީ އެ ރިސޯޓެއްގައި ވޯޓްލުމަށް މަދުވެގެން 30 މީހުން ރަޖިސްޓްރީވުމުންނެވެ.

ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާ ޤައުމުތައް

- އިންޑިއާ/ ޓްރިވެންޑްރަމް
- ސްރީލަންކާ/ ކޮލަމްބޯ
- މެލޭޝިއާ/ ކުއަލަލަމްޕޫރު

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ކަނޑއެޅިފައިވާ އަދަދަށް ވުރެ މަދުން ރީ-ރަޖިސްޓަރ ވުމުގެ ސަބަބުން ބާޓިލްކޮށްފައިވާ ވޯޓުފޮށިތަކަށް ރަޖިސްޓަރީކޮށްފައިވާ މީހުން، ފޮށި ބެހެއްޓޭނެކަން މިހާރު ކަށަވަރުވެފައިވާ ތަންތަނަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އަދި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް އެ ނޫން ފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓަރީވުމަށްވެސް ވަނީ ހުޅުވާލާފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރާނެއެވެ. މި އިންތިހާބުގައި ޖުމްލަ 371 ކެންޑިޑޭޓުން ވާދަކުރައްވައެވެ.