ޚަބަރު

އާންމު ހިއްސާދާރުންގެ ފަރާތުން އެސްޓީއޯގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި


  • އަންހެން ބޭފުޅުން ކުރިމަތިލުމަށްވަނީ ބާރުއަޅާފައި

  • ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މީހަކަށްވާންޖެހޭ

  • ޝަރުތުތަކުގެތެރޭގައި އުމުރުން 30 އަހަރުވެފައިވުން ހިމެނޭ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެސްޓީއޯއިން މިކަމާއި ގުޅިގެން ނެރެފައިވާ އިޢުލާނުގައި ބުނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރާ އަދި އިންތިޚާބުކުރާ ހުރިހާ ޑިރެކްޓަރުންނަކީވެސް، ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށްވުމަށް ކުންފުނިން ބާރުއަޅާކަމަށެވެ.

އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބާރުއަޅާ ފަދައިން، ކުންފުނީގެ ބޯޑަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ކުރިމަތިލެއްވުމަކީ ކުންފުނިން ބާރުއަޅާކަމެއްކަމަށްވެސް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން ބުނީ މިކަމުގެ ސަބަބުން މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުންފުނިން ކުރަމުންގެންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބޭނެކަމަށެވެ.

އެސްޓީއޯގެ ޑިރެކްޓަރުކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކު ކަމުގައިވުން، ކުންފުނީގެ ހިއްސާދާރަކަށްވުން، އުމުރުން 30 އަހަރުވެފައިވުން ހިމެނެއެވެ. މީގެއިތުރުން ވިޔަފާރިއާއި ގުޅުންހުރި ދާއިރާއަކުން ބައިނަލްއަގްވާމީ ޔުނިވަރސިޓީއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ފެންވަރުގެ ސަނަދަކާއެކު 5 އަހަރުގެ އަމަލީ ތަޖުރިބާ ނުވަތަ ޑިޕްލޮމާ ފެންވަރުގެ ސަނަދަކާއެކު މަދުވެގެން 10 އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުމަކީވެސް މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކެވެ.

ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ފުރުސަތު 08 އޭޕްރީލް 2024އާ ހަމަށް ވަނީ ހުޅުވާލާފައެވެ.

އެސްޓީއޯއިން ބުނީ ޑިރެކްޓަރުކަމަށް ކުރިމަތިލާ ފަރާތްތައް އިވޭލުއޭޓްކޮށް، އެ ފަރާތްތަކާއެކު އިންޓަވިއުކުރުމަށްފަހު، ކޮމިޓީން ތައްޔާރުކުރާ ރިޕޯޓް ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެކަމަށެވެ. އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު ހޮވާނީ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުންކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

7 މެމްބަރުން ތިއްބަވާ އެސްޓީއޯގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލްކުރާ 1 ޑިރެކްޓަރ އަދި ސަރުކާރުގެ ފަރާތުން 6 ޑިރެކްޓަރުން ތިއްބަވައެވެ.