ޚަބަރު

ކުށުގެ ވެއްޓަށް ކުޑަކުދިން ހުށަހެޅޭ މިންވަރު ދަނީ އިތުރުވަމުން: ފުލުހުން


  • މިދިޔަ އަހަރު އާއިލާއާބެހޭ 619 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވޭ

  • ޖުވެނައިލް އޮފެންސިސް ޑިޕާޓްމަންޓްއަށް މިދިޔަ އަހަރު 134 މައްސަލައެއް

ކުށުގެ ވެށީގައި ކުޑަކުދިން ހަރަކާތްތެރިވަމުންދާ މިންވަރު އިތުރުވަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.

ފުލުހުން މިކަން ހާމަކުރެއްވީ އެ މުއައްސަސާއިން ތަޙުޤީގު ކުރަމުންދާ ބައެއް މައްސަލަތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް އިން ބަލަމުންގެންދާ މައްސަލަތަކާއި ގުޅޭގޮތުން މައުލޫމާތު ޙިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާއިލީ މައްސަލަަތައް އިތުރުވަމުން ދިއުމާއި ކުޑަކުދިން ކުށުގެ ވެއްޓަށް ހުށަހެޅޭ މިންވަރު ކަންބޮޑުވާ ދަރަޖައަކަށް ގޮސްފައިވާކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.

ހެޑް އޮފް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ސްޕްރިޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަސީރު ވިދާޅުވީ ނިމިދިޔަ އަހަރު އާއިލާއާބެހޭ 619 މައްސަލައެއް ހުށައަޅާފައިވާކަމަށާއި އަދި މިއަހަރުގެ ފެބްރުއަރީ މަހުގެ ފަނަރައިގެ ނިޔަލަށް 59 މައްސަލައެއް ހުށައަޅާފައިވާކަމަށެވެ.

ކްރައިމް އެގެއިންސްޓް ޗިލްޑްރަންސް ޑިޕާޓްމަންޓްއަށް 2023 ވަނަ އަހަރު 307 މައްސަލައެއް ހުށައެޅިފައިވާއިރު މިއަހަރުގެ ފެބްރުއަރީމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 41 މައްސަލައެއް ހުށައަޅާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުންގެ ޖުވެނައިލް އޮފެންސިސް ޑިޕާޓްމަންޓްއަށް މިދިޔަ އަހަރު 134 މައްސަލަ އަދި މިއަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 12 މައްސަލައެއް ވަނީ ހުށައަޅާފައެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަަތަކާއި އަދި އެ ނޫން އެހެން މައްސަލަތަކާއި ގުޅިގެން ފުހުންނަށް ހުށައެޅޭ މައްސަލަތަކުގެ ތެރެއިން 130 ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އަދި ކުށުގެ ވެއްޓަށް އަންހެން ކުދިން ހުށަހެޅޭ މިންވަރުވެސް އިތުރުވަމުންދާކަން ފުލުހުން ފާހަގަކުރެއްވިއެވެ.

ފުލުހުން ވިދާޅުވީ ކުޑަކުދިންނާ ގުޅޭގޮތުން މިހާރު އެންމެ ގިނައިން ހުށައެޅެނީ ބްލެކްމެއިލާއި ގުޅުންހުރި މައްސަލަކަމަށެވެ.

އެކްޓިން ހެޑް އޮފް ކްރައިމް އެގެއިންސްޓް ޗިލްޑްރަން، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙުމަދު ސޮފްއަތު ރައުފް ވިދާޅުވީ ބްލެކްމެއިލް ކުރުމުގެ މައްސަލަތައް އެންމެ ގިނައިން ފެތުރެނީ ޝޯސަލް މީޑިއާގެ ޕްލެޓްފޯމް މެދުވެރިކޮށްކަމަށެވެ.

"މިފަދަ މައްސަލަތައް ހުށައެޅުމުން ބޭރުގައި މިފަދަ މައްސަލަތައް އިންވެސްޓިގޭޓްކުރާ ފަރާތްތަކާ ގުޅިގެން މައްސަލަތައް ތަޙުޤީގް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން، އަދި ބަރަހަނާ ފޮޓޯ ފޮނުވުމާއި ބްލެކްމެއިލް ކުރުން ދަނީ އިތުރުވަމުން. ކުޑަކުދިންގެ އޮރިޔާން ފޮޓޯ ވީޑިއޯ ވެސް މިހާރުވަނީ އާންމުކަމަކަށް ވެފައި، މީގެ ތެރެއިން ސީރިއަސް ދެ މައްސަލައެއް ވަނީ ތަޙްޤީގްކޮށް ޕީޖީއަށް ފޮނުވާފައި" ސޮފްއަތު ރައުފް ވިދާޅުވިއެވެ.

ކުޑަކުދިން ބޭނުންކޮށްގެން ހިންގާ އެކިއެކި ކުށްތައް ތަޙްޤީގު ކުރުމުގައި މިހާރަށްވުރެ ފަސޭހަ ގޮތްތަކެއް ހޯދުމާއި ގުޅޭގޮތުން ޕީޖީއާއެކު މަޝްވަރާކުރެވުމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މިހާރު ފުލުހުން ހިންގާ އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްތައްވެސް ހާއްސަކުރާ އެއްދާއިރާއަކީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައްކަމަށެވެ. އަދި ބެލެނިވެރިންވެސް ކުޑަކުދިންގެ ކަންކަމަށް ސަމާލުކަންދޭ މިންވަރު އިތުރުކޮށް، އެކަންކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.