ޚަބަރު

ވައިގެ ބާރެއް އުފެއްދުމަކީ އަސްކަރިއްޔާގެ ކުރިމަގަށް އެޅުނު ބިންގަލެއް: ކުރީގެ ޚިދުމަތްތެރިން


  • އަސްކަރީ ޑްރޯންގެ ޒަރިއްޔާއިން 24 ގަޑިއިރު ރާއްޖޭގެ އިން ބަލަހައްޓާނެ

  • ދިވެހި އަސްކަރިއްޔާއަށް ލިބު ބޮޑު ކުރިއެރުމެއް

  • ކުރިއަށް އޮތްތަނުގައި އިތުރު ވަސީލަތްތައް ހޯދާނެ

ފުރަތަމަ ފަހަރަށް ދިވެހި އަސްކަރިއްޔާގައި ވައިގެ ބާރެއް އުފައްދައި، 24 ގަޑިއިރު ރާއްޖޭގެ އިން ބަލަހައްޓަން ޒަމާނީ އަސްކަރީ ޑްރޯންގެ ޚިދުމަތް ފެށުމަކީ
ރާއްޖޭގެ ތާރީޚުގައި ސިފައިންގެ ކުރިމަގަށް އެޅުނު ވަރަށް ފުރިހަމަ ބިންގަލެއްގެ ގޮތުގައި، ޤައުމީ ދިފާޢީ ބާރަށް ޚިދުމަތްކުރައްވާ ރިޓަޔަރކުރައްވާފައިވާ ބައެއް ބޭފުޅުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އެއަރ ކޯރ އިފްތިތާޙްކޮށް، އަންމޭންޑް އޭރިއަލް ވެހިކަލް ސިފައިންގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު އިތިތާޙްކޮށްދެއްވުމާއި ގުޅިގެން އެކަމުގެ އެންމެ ބޮޑަށް ފަޚުވެރިވާނެ އެއްބަޔަކީ ހަމަގައިމުވެސް އަސްކަރިއްޔާގައި ދެމިތިބި އަދި ކުރިން ޚިދުމަތްކުރައްވާފައިވާ ބޭކަލުންނެވެ.

ޤައުމީ ދިފާޢީ ބާރުގެ އެއަރ ކޯރގެ ޚިދުމަތަށް ގެނެސްފައިވަނީ ތުރުކީވިލާތުގެ އުފެއްދުމެއްކަމަށްވާ ބޭރެކްޓަރ މޮޑެލްގެ އަންމޭންޑް ކޮމްބެޓް އޭރިއަލް ވެހިކަލްތަކެކެވެ. މި ޔޫވީތައް ހޯދުމުގެ މަސައްކަތާއެކު މިކަމަށް ބޭނުންވާ ސިފައިން ތަމްރީންކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. އެގޮތުން މިކަމަށް ބޭނުންވާ ސިފައިންގެ ފުރަތަމަ ޓީމް މިހާރު ވަނީ ތަމްރީންކޮށްފައެވެ. އަދި އިތުރު ސިފައިން މިހާރުވެސް ދަނީ ތުރުކީވިލާތުގައި ތަމްރީން ފުރިހަމަކުރަމުންނެވެ.

ދިވެހި އަސްކަރިއްޔާގެ ޚިދުމަތަށް ތަޢާރަފްކުރި ޔޫއޭވީތަކަކީ މީޑިއަމް އެލްޓިޓިއުޑް ލޯންގް އެންޑިއުރެންސް، ޓެކްޓިކަލް އާރމަޑް ޔޫއޭވީތަކެކެވެ. މި ޔޫއޭވީތަކަކީ 220 ކިލޯމީޓަރުގެ ބާރުމިނުގައި މެދުނުކެނޑި 20 ގަޑިއިރަށް ދުއްވުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ.

މި ޔޫއޭވީތަކަކީ އިންޓެލިޖެންސް އޮޕަރޭޝަން، ސަރވައިލެންސް އޮޕަރޭޝަންތައް ކުރިއަށްގެންދިއުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ.

މި ޚިދުމަތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަފުޅު ދެއްކެވި އަސްކަރިއްޔާއަށް ކުރިން ޚިދުމަތްކުރައްވާފައިވާ ބައެއް ބޭކަލުން ވިދާޅުވިގޮތުގައި މިއީ ދިވެހި އަސްކަރިއްޔާގެ ކުރިއެރުމަށް ލިބުނު އިންގިލާބީ ކުރިއެރުމެކެވެ.

ދިވެހި އަސްކަރިއްޔާއަށް 41 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް މުޙައްމަދު ޝަރީފް ވިދާޅުވިގޮތުގައި މީގެކުރިން ކަނޑުމަތީގެ އެކި ހާދިސާތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށާއި، އޮޕަރޭޝަނަލް ޙާލަތުގައިވެސް ވަރަށް ގިނަ ވަގުތު ގެއްލިގެންދާކަމަށެވެ. ނަމަވެސް އަސްކަރިއްޔާއަށް އަލަށް ތަޢާރަފްވި ޒަމާނީ ވަސީލަތާއެކު އަސްކަރިއްޔާގެ ޚިދުމަތް އެތައް ގުނައަކުން އަވަސްވެގެންދާނެކަަމށެވެ. ޝަރީފް ސިފަކުރެއްވިގޮތުގައި މިއީއަސްކަރިއްޔާގެ ކޮންމެބޭކަލަކުވެސް ފަޚްރުވެރިވާނެ ކަމެކެވެ.

"މީގެކުރިން ކަނޑުމަތީގައި ހާލުގައި ޖެހިގެން ބަޔަކު އުޅުނަސް އަދި އޮޕަރޭޝަން ހާލަތެއްކަމުގައިވިޔަސް އަޅުގަނޑުމެން ވަރަށް ގިނަ ވަގުތު އެބަ ގެއްލޭ. އޭގެ ސަބަބެއްކަމަށް މިވަނީ ކަނޑުގެ އުޅަނދެއްވެސް އެ އޮންނަ ހިސާބަކުން ފުރައިގެން އެހިސާބަށް ދިއުމަށް. ޕޮޒިޝަން ލޮކޭޓްކުރުމަށް ވަގުތުތަކެއް ގެއްލިގެންދޭ. އެއީ އޭރުގެ ހާލަތު. ނަމަވެސް މިފަދަ ވަސީލަތެއް ޤާއިމްވެގެން ދިޔާމަ މި އޮންނަ ވަގުތު ވަރަށް ބޮޑަށް ސަލާމަތްވެގެންގޮސް ވަރަށް އަވަހަށް ޚިދުމަތް ފޯރުކޮށްދެވޭނެ ވަސީލަތެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. އަދި މިއީ ސަރވައިލަންސް އަދި ހިއުމަނިޓޭރިއަން އެއިޑްގެ އިތުރުން އޮޕަރޭޝަނަލް ކަންކަމަށްވެސް ބޭނުންކުރެވޭނެ އުޅަނދަކަށްވާތީ ދިވެހި އަސްކަރިއްޔާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އަޅުގަނޑު ދެކެނީ." ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ކުރިމަގު ފެނިވަޑައިގަންނަވަނީ ވަރަށް އުޖާލާކޮށްކަމަށެވެ. 80ގެ އަހަރުތަކުގައި ޚިދުމަތާއި ގުޅިވެވަޑައިގެންނެވި ދުވަސްވަރާ އަޅަބަލާއިރު އިންސާނީ އަދި ވަސީލަތުގެ ގޮތުންވެސް ދުނިޔޭގެ ފެންވަރުގެ އެންމެ ޒަމާނީ އަސްކަރީ ޢާލާތްތައް ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ލިބުނު ކުރިއެރުމެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ފުލުހުންނާއި އަސްކަރިއްޔާއަށް ޚިދުމަތްކުރައްވާ އަދި އިސް މަޤާމުތަކެއް ފުރުއްވި ލެފްޓިނެންޓް ކާނަލް ރިޓަޔަރޑް އިބްރާހީމް ލަޠީފް ވިދާޅުވީ މިއީ ދިވެހި ތާރީޚުގައި ދިވެހި ކޮންމެ ރައްޔިތަކުވެސް ފަޚްރުވެރިވާނެ ކަމެއްކަމަށެވެ މިއީ ސިފައިންގެ ހަޔާތުގައި ކޮންމެ ސިފައިންގެ މީހަކުވެސް ބޭކަލަކުވެސް ދެކެން ބޭނުންވާނެ ދުވަހެއްކަމަށާއި، އެކަން ހަގީގަތަކަށް ވެގެން ދިޔައީކަމަށް އަސްކަރިއްޔާއަށް 19 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ފުލުހުންގެ ކުރީގެ ސީނިއަރ ޑެޕިއުޓީ ކޮމިޝަނަރ އަދި މިހާރު ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ލެފްޓިނެންޓް ކާނަލް ރިޓަޔަރޑް އިބްރާހީމް ލަޠީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ވެދާނެ މިއީ ކުޑަ ފެށުމަކަށްވެސް. ނަމަވެސް މިއީ ވަރަށް އިންގިލާބީ ވަރަށް ތަހްޒީބީ ވަރަށް ރަނގަޅު ފެށުމެއް. އަޅުގަނޑުމެން ދެކެނީ ރާއްޖޭގެ ތާރީޚުގައި ސިފައިންގެ ކުރިމަގަށް އެޅުނު ވަރަށް ފުރިހަމަ ބިންގަލެއްކަމަށް. ހަމަ ގައިމުވެސް މީގެ ސަބަބުން ދިވެހި ސިފައިންނަށް ދިވެހި ޤައުމުގެ މިނިވަންކަން ދިފާޢުކުރުމަށް އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅަކަށް ވެގެންދާނެ. އަޅުގަނޑު ހަމަ ގައިމުވެސް ފަޚުރުވެރިވޭ." ލެފްޓިނެންޓް ކާނަލް ރިޓަޔަރޑް އިބްރާހީމް ލަޠީފް ވިދާޅުވިއެވެ.

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މުޅިން އަލަށް ވައިގެ ބާރެއް އުފައްދައި އެބާރުގައި ޔޫއޭވީ ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތު ހިމާޔަތްކޮށް ދިފާޢުކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ މުހިންމު ފިޔަވަޅެކެވެ. މިޚިދުމަތުގެ ސަބަބުން ރާއްޖޭގެ މަސްކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހިނގާފާނެ ޣައިރު ޤާނޫނީ އަމަލުތައް ހުއްޓުމަށްވެސް ބޮޑު އެހީއަކަށްވާނެއެވެ.

ހުރިހާގޮތަކުން ބެލިނަމަވެސް މިއީ ދިވެހި އަސްކަރިއްޔާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.