ޚަބަރު

ކަރާ، މިރުސް، އަދި މަހުގެ އަގުވެސް ދަށަށް


  • މިރުސް ކިލޯއެއް 650 ރުފިޔާއަށް

  • ކަރާ ކިލޯއެއް 15 ރުފިޔާއަށް

  • ކަނޑުމަހާ ކަންނެލީގެ ކިލޯއެއް 30 ރުފިޔާއަށް

އެހެން އަހަރުތަކުގެ ރޯދަމަހާ އަޅާބަލާއިރު، މިރޯދަމަހު ކުރިއަށް މިއޮތް ދުވަސްތަކުގައި ތަކެތީގެ އަގު ދަށަށް ދާނެކަމަށް ދަތުރުވެރިންގެ މާރުކޭޓްގައި ވިޔަފާރި ކުރާފަރާތްތަކުން ބުނެފިއެވެ.

ރޯދަމަސް ފެށުނުއިރު އެންމެ އަގު އުފުލިފައި ހުރި އެއްބާވަތަކީ މިރުހެވެ. އޭރު މިރުސް ކިލޯއެއް ހުރީ 800 ރުފިޔާއަށެވެ. މިހާރު މިރުސް ކިލޯއެއްގެ އަގު ހުރީ 500 ރުފިޔާ އާއި 650 ރުފިޔާއާ ދެމެދުގެ އަގުތަކުގައެވެ. މިރުހުގެ އަގު ދަށަށް ދިޔައީ ކަނޑޫދޫ އާއި ލ.އަތޮޅުން ގިނަ އަދަދަކަށް މިރުސް ގެނައުމާ ގުޅިގެންނެވެ. ބަޒާރުގައި ކަރާ ކިލޯއެއްގެ އަގު ރޯދަމަސް ފެށުނުއިރު، ހުރީ 25 ރުފިޔާއަށެވެ. އެހެންނަމަވެސް މިހާރު ކަރާ ކިލޯއެއްގެ އަގު ހުރީ 15 ރުފިޔާ އާ 18 ރުފިޔާދެމެދުގެ އަގުތަކުގައެވެ.

ރޯދަމަސް ފެށުނުއިރާ އަޅާބަލާއިރު ބާޒާރުގައި އަގު އެއްވަރެއްގައި ހިފެހެއްޓިފައި ހުރީ ދޮންކޭލުގެއެވެ. އެގޮތުން ރޯދަމަސް ފެށުނު އިރުވެސް އަދި މިހާރުވެސް ދޮންކޭލުގެ އަގު ހުރީ 60 ރުފިޔާގައެވެ. މީގެ އިތުރުން ފަތްޕިލާވެލީގެ ބާވަތްތަކުގެ ތެރެއިން ލެޓިއުސްގެ އަގުވެސް މިވަނީ ދަށަށް ގޮސްފައެވެ. އެގޮތުން ރޯދަމަހުގެ ފުރަތަމަ ފަސް ދުވަހު ލެޓިއުސް ކިލޯއެއް ހުރީ، 70 ރުފިޔާއަށެވެ. މިއަދު ލެޓިއުސް ކިލޯއެއް ހުރީ 45 ރުފިޔާ އާއި 60 ރުފިޔާއާ ދެމެދުގެ އަގުތަކުގައެވެ.

އެހެން ރޯދަމަސްތަކާ އަޅާބަލާއިރު ކަނޑުމަހުގެ އަގުވެސް މިރޯދަމަހު ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން ރޯދަމަސް ފެށުނު އިރު ކަޅުބިލަ މަހުގެ އަގުހުރީ ކިލޯއެއް 40 ރުފިޔާއަށެވެ. މިއަދު ކަނޑުމަހާއި މެދު ސައިޒުގެ ކަންނެލީގެ އަގު ހުރީ ކިލޯއެއް 30 ރުފިޔާއަށެވެ. ބޮޑު ކަންނެލީގެ އަގުހުރީ 65 ރުފިޔާ އާ 70 ރުފިޔާގައި ހިފެހެއްޓިފައެވެ.

ރޯދަމަސް ފެށިގެން މިއަދާ ހަމައަށް އައިރު ފަރުމަހުގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައިވާ ފާހަގަކޮށްލެވެއެވެ.