ކުޅިވަރު

200 މީޓަރުގެ ގައުމީ ޖޫނިއަރ ރިކޯޑު ރޫޔާ އައުކޮށްފި


ޖެމެއިކާގައި ކުރިއަށްދިޔަ ވެލޯސިޓީ ފެސްޓް 14 ގައި ވާދަކޮށް ރާއްޖޭގެ ހުނަރުވެރި ދުވުންތެރިޔާ މަރިޔަމް ރޫޔާ އަލީ، 200 މީޓަރު ދުވުމުގެ ގައުމީ ޖޫނިއަރ ރިކޯޑު އައުކޮށްފިއެވެ.

ރޫޔާ މި ފަހުން އަންނަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދިން ސްކޮލަޝިޕެއްގެ ދަށުން ޖެމެއިކާގައި ތަމްރީނު ހަދަމުންނެވެ. ވެލޯސިޓީ ފެސްޓް 14 ގައި ދުވެ ރޫޔާ ރިކޯޑު އައުކޮށްފައިވަނީ 25.11 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑު މީގެ ކުރިންވެސް އޮތީ ރޫޔާގެ އަތުގައެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހު ކުރިއަށްދިޔަ ޖެމެއިކާގެ 20 އަހަރުން ދަށުގެ މުބާރާތުގައި ވާދަކޮށް، 25.59 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މީގެ އިތުރުން ވެލޯސިޓީ ފެސްޓް 14 ގައި ވާދަކުރި ރާއްޖޭގެ މުޙައްމަދު މިންހާލް ޝާމިން (މިންކޮ) ވަނީ 200 މީޓަރު ދުވުމުގައި ވާދަކޮށް، އޭނާގެ އަމިއްލަ ޓައިމިން ރަނގަޅުކޮށްފައެވެ. އެގޮތުން މިންކޮ ރޭސް ނިންމީ 22.10 ސިކުންތުންނެވެ. މިންކޮ އަކީވެސް ބީއެމްއެލްއިން ދިން ސްކޮލަޝިޕެއްގެ ދަށުން ޖެމެއިކާގައި ތަމްރީނު ހަދަމުން އަންނަ އެތުލީޓެކެވެ.