ކުޅިވަރު

އޯޕަން ޓޭޕްބޯލް: މީޓިއޯސް އާއި ފިނޮޅަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓޭޕްބޯލްގައި މިއަދު ކުޅުނު މެޗުތަކުން މީޓިއޯސް އާއި ފިނޮޅު މޮޅުވެއްޖެއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ބީގެ ފުރަތަމަ މެޗުން މީޓިއޯސް މޮޅުވީ ހަފްލާންއާ ބައްދަލުކޮށް ހަ ވިކެޓުންނެވެ.

މި މެޗުގެ ގުރުދިމާވުމުން ހަފްލާން އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 78 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 23 ބޯޅައިން 35 ލަނޑު ހެދި އަބްދުﷲ އަފީފެވެ.

ޖަވާބުގައި މީޓިއޯސް ކުޅެން އަރައި 5.2 ވަނަ އޯވަރުގައި ވަނީ ތިން ކުޅުންތެރިން ނުބައިވެގެން 82 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ އަށް ބޯޅައިން 36 ލަނޑު ހެދި ރަޔާން ތޮލާލާއި، ނުބައިނުވެ 15 ބޯޅައިން 27 ލަނޑު އެއްކުރި މުޙައްމަދު ރިޝްވާނެވެ.

މީގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ބީގެ ދެވަނަ މެޗުން ފިނޮޅު މޮޅުވީ ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާ ބައްދަލުކޮށް އަށް ވިކެޓުންނެވެ.

މި މެޗުގެ ގުރުދިމާވުމުން ޑީއެސްސީ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 94 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 16 ބޯޅައިން 38 ލަނޑު ހެދި އިސްމާޢީލް ނާޝިދާއި، 17 ބޯޅައިން 21 ލަނޑު އެއްކުރި މުޙައްމަދު ޝަރީފެވެ.

ޖަވާބުގައި ފިނޮޅު ކުޅެން އަރައި 5.4 ވަނަ އޯވަރުގައި ވަނީ އެންމެ ކުޅުންތެރިއަކު ނުބައިވެގެން 95 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 17 ބޯޅައިން 33 ލަނޑު ހެދި އަދްލީ އަޙްމަދު ދީދީ އާއި، ނުބައިނުވެ 12 ބޯޅައިން 24 ލަނޑު އެއްކުރި އިސްހާގު އަޙްމަދެވެ.

ދިވެހީންނަށް ހުޅުވާލައިގެން ކުރިއަށްދާ އޯޕަން މުބާރާތުގައި މި ފަހަރުވެސް 12 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހެވެ.