ޚަބަރު

ދިވެހި އަސްކަރިއްޔާއަށް ރައީސް ގެންނަވަނީ ބޮޑުތަކުރުފާނު ގެންނެވިފަދަ ބަދަލެއް: ޣައްސާން


  • ފުރަތަމަ ފަހަރަށް ވައިގެ ބާރެއް އުފައްދައި 24 ގަޑިއިރު ރާއްޖޭގެ ސަރަހައްދު ވަނީ ބަލަހައްޓަން ފަށާފައި

  • ދިވެހިން ފަޚުރުވެރިވާ ފަދަ އަސްކަރިއްޔާއަކަށް ދިވެހި އަސްކަރިއްޔާ ހައްދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވި

ދިވެހި އަސްކަރިއްޔާއަށް ރައީސުލްޖުމުހޫރުއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނަވަނީ ބޮޑުތަކުރުފާނު ދިވެހި އަސްކަރިއްޔާއަށް ގެންނެވި ފަދަ ބަދަލެއްކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ވަޒީރު ވަނީ ދިވެހިންނަކީ ބޯދާ ޒަމާނުއްސުރެ ވަޒަންދެކެ ލޯބިވާ ހަރުދަނާ ބައެއްކަމަށް ބުނާބުނުމަކީ ތެދެއްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ސާބިތުކޮށްދެއްވާފައިވާކަމަށް ވިދާޅުވެފައެވެ.

ޣައްސާން މިިހެން ވިދާޅުވީ، ދިވެހި ސިފައިންގެ އެއަރ ކޯރ އިފްތިތާޙްކޮށް، އަންމޭންޑް އޭރިޔަލް ވެހިކަލް، ޔޫ.އޭ.ވީ ސިފައިންގެ ޚިދުމަތުގައި ބޭނުންކުރަން ފެށުމާގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެއަރ ކޯރއާއި ޔޫ.އޭ.ވީ ވެހިކަލްގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މިއީ ރާއްޖޭގެ ސަރަޙައްދު ކަނޑާއި ވައިގެ މަގުން ބެލެހެއްޓުމަށް ދިވެހި އަސްކަރިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދިޔަ އިންޤިލާބީ ކުރިއެރުމެއްގެ ގޮތުގައި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވަނީ ފާހަގަކުރައްވާފައެވެ.

މި ކާމިޔާބީ ފާހަގަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވަނީ ދިވެހިންގެ ތެރޭގައި މަޝްހޫރުވި މަޖައްލާއެއްކަމަށްވާ "ފަތްތޫރަ"ގެ 62 ވަނަ އަދަދުގައި ޢަބްދުލް މަޖީދު ޢަބްދުއްވައްހާބް ލިޔުއްވާފައިވާ ލިޔުންކޮޅެއްގެ ބައެއް ހިއްސާކުރައްވާފައެވެ.

ވަޒީރު ހިއްސާކުރެއްވި ލިޔުންކޮޅުގައި "އަޅުގަނޑުމެން ދިވެހީންނަކީވެސް ބޯދާ ޒަމާނުއްސުރެ ވަޒަންދެކެ ލޯބިވާ، ޢަދުއްވުންގެ ޙަމަލައިން ރާއްޖެ ދިފާޢުކޮށް، އެކުވެރި ބިދޭސީންނާއި ވިޔަފާރިއާއި ޘަޤާފީ ގޮތުން މުޢާމަލާތުކޮށް އުޅެމުން އަންނަ ހަރުދަނާ ބަޔަކީމުއެވެ. ބޭރުން އަރާ ހަތުރުވެރިކަމުގެ ނަގޫރޯޅިތަކުން ރެކި ދަފަރާވެގެން ތިބޭއިރު ބޭރުންޖެހޭ މިތުރުވެރިކަމުގެ ނަލަ ރޯޅިތަކުން ލޮބުވެތި ދިވެހިރާއްޖޭގެ ނަވުގެ "ބަނޑުރިޔާ ފެނު" އަޅުވާލާފަދަ ބަޔަކީމުއެވެ." މިފަދައިން ބުނެފައިވެއެވެ.

މި ލިޔުންކޮޅުން މިސާލު ނަންގަވާ ވަޒީރު ވިދާޅުވީ، މިއީ އަދިވެސް ތެދެއްކަން ރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ސާބިތުކޮށްދެއްވާފައިވާކަމަށެވެ. އަދި ޤައުމަށާއި ދިވެހި އަސްކަރިއްޔާއަށް އެ ގެނެސްދެއްވި އިންޤިލާބީ ކުރިއެރުމަށްޓަކާ ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާއަށް ވަޒީރު ވަނީ އައްސަރިބަހާއި ސާބަސް އަދި ހިފެހެއްޓުމެއްނެތް ޝުކުރު ދަންނަވާފައެވެ.

ދިވެހި އަސްކަރިއްޔާއަށް އަލަށް ތަޢާރަފުކުރި މި ޚިދުމަތާއެކު ރާއްޖޭގެ ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމުގެ ގޮތުން އެސަރަޙައްދު ބެލެހެއްޓުމަށްޓަކައި ހިންގަންޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ހިންގާނެއެވެ.

ރާއްޖޭގެ ވައިގެ ސަރަހައްދު ދިފާޢުކޮށް ބެލެހެއްޓުމާއި އެންމެހާ ކަނޑުގެ ސަރަހައްދުތައް ބެލެހެއްޓުމަށްޓަކައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޭރިއަލް ސަރވެއިލަންސް އޮޕަރޭޝަންތައް ކޯސްޓްގާޑާއި ގުޅިގެން ހިންގާނެއެވެ.

ޤައުމީ ދިފާޢީ ބާރުގެ އެއަރ ކޯރގެ ޚިދުމަތަށް ގެނެސްފައިވަނީ ތުރުކީވިލާތުގެ އުފެއްދުމެއްކަމަށްވާ ބޭރެކްޓަރ މޮޑެލްގެ އަންމޭންޑް ކޮމްބެޓް އޭރިއަލް ވެހިކަލްތަކެކެވެ. މިއީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ބޭނުންކުރާފަދަ ވެހިކަލްތަކެކެވެ.