ޚަބަރު

ރައީސް ޑރ. މުޢިއްޒަކީ ރާއްޖޭގެ ތާރީޚު ބަދަލުކޮށްލާނެ މޮޅު ލީޑަރެއް: ފައިޞަލް


  • ދިވެހިވަންތައް ދިވެހީންގެ ރާއްޖެއެއް ހޯދައިދިނުމަކީ ރައީސްގެ އަމާޒެއްކަން ފާހަގަކުރެއްވި

  • ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވަޢުދުތައް ފުއްދަމުންދާކަންވެސް ފާހަގަކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ދިވެހިރާއްޖޭގެ ތާރީޚް ބަދަލުކޮށްލާނެ މޮޅު ލީޑަރެއްކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ފުރަތަމަ ފަހަރަށް ވައިގެ ބާރެއް އުފައްދަވައި، 24 ގަޑިއިރު ރާއްޖޭގެ ސަރަޙައްދު ބަލަހެއްޓޭނެ އިންތިޒާމް ހަމަޖައްސަވާ އެކަން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިފްތިތާޙްކުރެއްވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ބޮޑެތި ވަޢުދުތަކަކާއެކުކަމަށެވެ. އަދި އެއިން ކޮންމެ ވަޢުދެއްވެސްވީ އެ ވަޢުދެއް ފުއްދަވާނެކަމުގެ އިޙްލާސްތެރި ހެޔޮނިޔަތުގައިކަމަށެވެ.

ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ވަޢުދުތައް ފުއްދެވުމުގެ މަސައްކަތް ރައީސް ކުރައްވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނަށް ހެޔޮވެރިކަމެއްކޮށްދީ، ފުދުންތެރި ރައްޔިތުން ދިރިއުޅޭ ދިވެހިވަންތައް ދިވެހީންގެ ދިވެހި ރާއްޖެއެއް ހޯދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ އަމާޒެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބޮޑުކަމާއި ބިޔަކަމުން ރާއްޖެއިން އަމިއްލައަށް ކަނޑުމަގުންނާއި ވައިގެ މަގުން އެ ސަރހައްދު ފުރިހަމައަށް ބެލެހެއްޓޭ ގޮތެއް މިހާތަނަކަށް ނެތެވެ. މިހާތަނަށް އެކަން ކުރަމުން އައީ ކައިރި އަވަށްޓެރި ޤައުމުތަކަށް ބަރޯސާވެގެންނެވެ. އެހެންކަމުން ދިވެހީންގެ މިނިވަންކަމާއި، އަމިއްލަވަންތަކަން ކަށަވަރުކޮށްދެއްވައި ދިވެހިންގެ ދިވެހިރާއްޖެ ޙަޤީޤީ މާނައިގައި ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ.

މި ރޮނގުން ކުރެވުނު މަސައްކަތްތަކާއެކު އެމްއެންޑީއެފް އެއަރ ކޯރ އިފްތިތާޙްކޮށް، އަންމޭންޑް އޭރިޔަލް ވެހިކަލްގެ ޚިދުމަތާއެކު ރާއްޖެ ހިމެނޭ ސަރަހައްދު ކަނޑާއި ވައިގެ މަގުން ބެލެހެއްޓުމަށް ޤައުމީ ދިފާޢީ ބާރުންކުރައްވާ މަސައްކަތްތަކަށް މިވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. އަލަށް ޤާއިމުކުރި އެއަރ ކޯރއާއެކު ރާއްޖޭގެ ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމުގެ ގޮތުން އެސަރަޙައްދު ބެލެހެއްޓުމަށްޓަކައި ހިންގަންޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ހިންގާނެއެވެ.

ދިވެހި އަސްކަރިއްޔާގެ ޚިދުމަތަށް ތަޢާރަފްކުރި އަންމޭންޑް އޭރިޔަލް ވެހިކަލް، ޔޫ.އޭ.ވީތަކަކީ މީޑިއަމް އެލްޓިޓިއުޑް ލޯންގް އެންޑިއުރެންސް، ޓެކްޓިކަލް އާރމަޑް ޔޫ.އޭ.ވީތަކެކެވެ. މިއީ 220 ކިލޯމީޓަރުގެ ބާރުމިނުގައި މެދުނުކެނޑި 20 ގަޑިއިރަށް ދުއްވުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ.

މި ޔޫ.އޭ.ވީތަކަކީ އިންޓެލިޖެންސް އޮޕަރޭޝަން، ސަރވައިލެންސް އޮޕަރޭޝަންތައް ކުރިއަށްގެން ދިއުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ.