ކުޅިވަރު

މައްސަލަތައް ހައްލުނުކޮށް ބާއްވާ އިންތިޚާބެއް ބަލައެއް ނުގަންނާނަން: ޠަލާލް


ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގައި ހުރި މައްސަލަތައް ހައްލުނުކޮށް ބާއްވަން އުޅޭ އިންތިޚާބު ބަލައިނުގަންނާނެ ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހު ގެޒެޓުގައި ޝާއިއުކުރި ބެޑްމިންޓަން އެސޯސިއޭޝަންގެ އިއުލާނެއްގައި ވަނީ މި މަހުގެ 10 ގައި ބޭއްވި މި އަހަރުގެ ބެޑްމިންޓަން އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ފުރަތަމަ ޖަލްސާގައި، މި މަހު 22 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި އެ އެސޯސިއޭޝަންގެ އިންތިޚާބީ ކޮންގްރެސް ބޭއްވުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ. އަދި އެ އެސޯސިއޭޝަނުގެ މަގާމުތަކަށް ކުރިމަތިލައްވާ ބޭފުޅުން މާދަމާގެ 14:00 ގެ ކުރިން އެ އެސޯސިއޭޝަނަށް ލިޔުމުން ހުށަހެޅުމަށްވެސް ވަނީ އެދިފައެވެ.

އެއާއެކު ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސް މޫސާ ނާޝިދަށް އެޑްރެސްކޮށް، ބުދަ ދުވަހު ސްޕޯޓްސް ކޮމިޝަނަރު ފޮނުއްވި ސިޓީގައި ވަނީ ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ގިނަ ޝަކުވާތަކެއްވެސް އެ ކޮމިޝަނަށް ހުށަހެޅެމުންދާކަމަށް ބުނެފައެވެ. އެހެންކަމުން އެ ކަންކަމާ ގުޅޭ ގޮތުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ހިމެނޭ ގޮތަށް ބެޑްމިންޓަން އެސޯސިއޭޝަނާއެކު ބޭއްވުމަށް ނިންމާފައިވާ ބަދައްދަލުވުން އިންތިޒާމުކުރެވި، ގޮތްތަކެއް ނިމެންދެން އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ އިންތިޚާބުގެ ކަންކަން ކުރިއަށް ނުގެންދިޔުމަށްވެސް ސްޕޯޓްސް ކޮމިޝަނަރު ވަނީ އަންގާފައެވެ.

އެކަމަކު ސްޕޯޓްސް ކޮމިޝަނަރުގެ އެ އެންގުމަށް ބޯލެނބުމެއް ނެތި، ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ 22 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެ އެސޯސިއޭޝަންގެ އިންތިޚާބުގައި ވޯޓުލެވޭނެ ލިސްޓު މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓްކޮށްފައެވެ. އެކަމާ ގުޅިގެން ޠަލާލް ވިދާޅުވީ މައްސަލަތައް ހައްލުނުކޮށް، އެންގުމާ ޚިލާފަށް ބާއްވާ އިންތިޚާބެއް ބަލައިނުގަންނާނެ ކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ގެޒެޓްކޮށްފައިވާ ވޯޓުލެވޭ ލިސްޓުގައި އެސޯސިއޭޓް މެންބަރުންގެ ގޮތުގައި ހިމަނާފައިވަނީ ދެ ކުލަބެވެ. އެއީ ކުލަބު ސްޓެޓިކް އާއި އިންޑޯ ސްޕޯޓްސް އެކެޑަމީއެވެ. އެކަމަކު މިދިޔަ ހަތަރު އަހަރު ބެޑްމިންޓަންގައި އެންމެ ބޮޑަށް ހަރަކާތްތެރިވަމުން އައި ރިވައިވަލް ސްޕޯޓްސް ކުލަބަށް ފުރުސަތު ދީފައެއް ނުވެއެވެ.

މީގެ އިތުރުން ވޯޓުލެވޭ ލިސްޓުގައި ވަނީ ފުރިހަމަ މެންބަރުންގެ ގޮތުގައި، ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ (ބީޑީސީ) ތަކުގެ ތެރެއިން ނ. ހޮޅުދޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ އާއި އައްޑޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ ހިމަނާފައެވެ. މީގެ ކުރިން ސްޕޯޓްސް ކޮމިޝަނަރު ފޮނުއްވި ސިޓީގައި ވަނީ ވޯޓުލެވޭ މެންބަރުންގެ ގޮތުގައި ކަނޑައެޅި ބީޑީސީތައް އުފެދިގެން އައި ގޮތާއި، އެ ކޮމިޓީތަކުގެ މަގުސަދާއި، އެ ކޮމިޓީތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް ބަލާއިރު، އެއީ އެސޯސިއޭޝަންގެ އެތެރޭގައި ކުޅިވަރު ތަރައްގީކުރުމަށް އެކުލަވާލެފިވާ ކޮމިޓީތަކެއްކަން އެނގެން އޮތުމާއި، އަދި އެ ކޮމިޓިތަކަކީ ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގައި ރަޖިސްޓްރީ ކުރެވިގެން ހިންގާ ކޮމިޓީތަކަކަށް ނުވާތީ، އެފަދަ ކޮމިޓީއަކުން އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާތަކުގައި ވޯޓު ދިނުމުގެ ހައްގުދެވިގެން ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ބެލެވެން ނެތް ކަމަށް ވަނީ ބުނެފައެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު މިހާރު ފުރުއްވަމުން އަންނަނީ އޭނާގެ ތިންވަނަ ދައުރެވެ. މޫސައާ މެދު ކުރެވޭ ސީރިއަސް ތުހުމަތުތަކެއްގެ ވާހަކަ އެކިއެކި ޕްލެޓްފޯމުތަކުގައި ދެކެވެމުން އަންނައިރު، ބައެއް މައްސަލަ ވަނީ ކަމާބެހޭ އެކި މުއައްސަސާތަކަށްވެސް ހުށަހަޅާފައެވެ.