ޚަބަރު

އިޤްތިޞާދު ފުޅާކުރާނީ ފައިސާ ޗާޕުނުކޮށް ދަރަނިވެސް ދައްކަމުން: ރައީސް


  • މިދިޔަ ސަރުކާރުގައި 8.2 ބިލިއން ރުފިޔާ ޗާޕްކުރިކަން ވަނީ ހާމަވެފައި

  • ނަމަވެސް މިސަރުކާރުން ވަނީ ފައިސާ ޗާޕްނުކުރުމަށް ނިންމަވާފައި

  • އިޤްތިޞާދު ފުޅާކުރަން ކަނޑުން ނަފާ ހޯއްދަވާނެކަމަށް

ރާއްޖޭގެ އިޤްތިޞާދު ވަރުގަދަކޮށް ފުޅާކުރައްވަމުން ގެންދަވާނީ، ފައިސާ ޗާޕްނުކޮށް، ދަރަނިވެސް ދައްކަމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޤައުމީ ދިފާޢީ ބާރުގެ ވައިގެ ބާރު އުފައްދަވައި އަންމޭންޑް އޭރިއަލް ވެހިކަލްސް އިފުތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ނޫންކަމަށާއި، މިހާރު މިއީ ވަރަށް ބޮޑު ޤައުމެއްކަމާއި، ޤައުމުގެ ބިޔަ ބޮޑު ސަރަހައްދު ބެލެހެއްޓުމުގެ ޤާބިލްކަން ލިބިފައިވާ ޤައުމެއްކަން ޤަބޫލުކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިޤައުމުގެ އިޤްތިޞާދުގައި ބުންވަރު ޖައްސަމުން ފުޅާކުރައްވަމުން ގެންދަވާނީ ފައިސާ ޗާޕްނުކޮށް، އަދި ދަރަނިވެސް ދައްކަމުންކަމަށެވެ. މީގެ އިތުރުން އިޤްތިޞާދު ފުޅާކުރައްވާނީ އިންވެސްޓްކުރާނެ އިންވެސްޓަރުންނަށް ޔަޤީންކަން ހޯދައިދެމުންކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ގެދޮރުވެރިކަން ޔަޤީންކޮށްދެއްވާނެކަމަށާއި، ކޮންމެ ރައްޔިތަކީވެސް ދިވެއްސަކަށްވީތީ ފަޚުރުވެރިވާ ބަޔަކަށް ވާންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުން ފެށިގެން ދިއުމާއެކު، ކަނޑުގެ ބިޔަ ސަރަހައްދުގެ ބޭނުން އިޤްތިޞާދީގޮތުން ހިފުމަށްވެސް އެދިވަޑައިގެންނެވިއެވެ. އެގޮތުން މަސްވެރިކަމަށް އަލަށް ތަޢާރަފްކުރެވުނު އެޕްލިކޭޝަނާއެކު މަސްއައިންތައް ދަތުރުކުރާ ތަންތަން ހޯދި އެކަމުގައިވެސް މަސްވެރިކަން ފުޅާކުރުމަށް ފަސޭހަވެގެންދާނެކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ބިޔަ ކަނޑުގެ ސަރަހައްދުގެ ބޭނުން އިޤްތިޞާދީގޮތުން ހިފަންޖެހޭކަމަށެވެ. ކަނޑުގެ ބިޔަ ސަރަހައްދަކީ ވަސީލަތްތައް ގިނަ، ކަނޑުގެ އަޑި ބޭނުންކުރުން ޤާނޫނީގޮތުން ހިފުމުގެ ހައްގު އޮތް ތަނެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މަސްވެރިކަން ކުރާ ބޮޑެތި އުޅަނދުތައް ބަނދެ މި ސިނާއަތް އިތުރަށް ފުޅާކުރުމަކީ އެމަނިކުފާނުގެ ސިޔާސަތެއްކަމަށް ރައީސް ވިދާޅުވިއެވެ.

“ކުރިއަށް އޮތް ދުވަސްތަކުގައި މިހާރު މި ގެންގުޅޭ ސައިޒަށްވުރެ ފެންވަރަށްވުރެމަތީ މަސް ދޯނިތައް ބަނދެ، މި ބިޔަ ސަރަހައްދުގައި މަސް އައިންތައް އުޅޭ ސަަރައްދުތައް އެނގުމުން މަސްދޯނިތައް ނިކުމެ އަދި އެކި ކަހަލަ އޯޝަން ރިސޯސައްތަކުގެ ފުރިހަމަ ބޭނުން ހިފާނަން.” ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ވަރަށް ފުޅާކޮށް ދިވެހީންގެ މިނިވަންކަން ޤަބޫލުކުރަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިޤްތިޞާދު ނަގާ ކޮޅަށްޖަހައި އިޤްތިޞާދީ ގޮތުން މިނިވަންކަން އޮތް ބަޔަކަށް ދިވެހިންވާކަން ޤަބޫލުކުރަންޖެހޭކަމަށެވެ. އެއީ ދިވެއްސަކަށް ވީތީ ފަޚުރުވެރިވާންޖެހޭ ކަމެއްކަމަށެވެ.

ރާއްޖޭގެ އިޤްތިޞާދު ވަރުގަދަކުރައްވާނީ ފައިސާ ޗާޕުނުކޮށްކަމަށް ރައީސް ވިދާޅުވެފައިވާއިރު، ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ދައުލަތުން 8.2 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާކަން މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ވަނީ ހާމަވެފައެވެ.

ނަމަވެސް މި ސަރުކާރުން ވަނީ ފައިސާ ޗާޕުކުރުން ނިމުމަކަށް ގެނެސްފައެވެ. އެގޮތުން މިދިޔަ ސަރުކާރުގައި އެކަން ކުރުމަށް ޤާނޫނަށް ގެނައި އިޞްލާހު އައު ނުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.