ޚަބަރު

ޔަހޫދީންގެ ލާއިންސާނީ ޢުދުވާން ހުއްޓުވަން ޙަމާސުން އެއްބަސްވުމެއް ހުށަހަޅައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމަަށް, އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން އަނެއްކާ ވެސް އައު އެއްބަސްވުމެއް ހުށަހަޅައިފިއެވެ. އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން މަޝްވަރާތައް ވިލަރެސް ކުރަމުން ދަނީ ޤަޠަރާއި މިޞްރުގެ އިސްނެގުމުގެ ދަށުންނެވެ.

ޙަމާސުން މި ފަހަރު ފޮނުވާފައިވާ ހުށަހެޅުމުގައި އިސްކަން ދީފައި ވަނީ, ޔަހޫދީ ފައުޖުން ހައްޔަރުކޮށް, ޖަލަށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މިނިވަން ކުރުމަށެވެ. ޙަމާސުން ބުނީ, ޔަހޫދީންގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ގިނަ ޢަދަދެއްގެ ރައްޔިތުން މިނިވަން ކުރަން ޔަހޫދީން އެއްބަސްވާ ނަމަ, އެ ޖަމާޢަތުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުން މިނިވަން ކުރާނެ ކަމުގައެވެ. ޙަމާސުން މިނިވަން ކުރަން އެދިފައިވާ މީހުންގެ ތެރޭގައި ޔަހޫދީ ސަރުކާރުން އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވާފައިވާ ފަލަސްޠީނުގެ 100އެއްހާ ރައްޔިތުން ވެސް ހިމެނެއެވެ.

ޙަމާސުން ބުނީ, އެ މީހުން މިނިވަން ކުރަން ޔަހޫދީން އެއްބަސްވުމުން, އެ ޖަމާޢަތުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުންގެ ތެރެއިން އަންހެނުންނާއި, ކުޑަކުދިންނާއި, އުމުރުން ދުވަސްވީ މީހުންގެ އިތުރުން ބަލި މީހުން ދޫކޮށްލާނެ ކަމުގައެވެ. އޭގެ ތެރޭގައި ޔަހޫދީ ފައުޖުގައި ހިމެނޭ އަންހެން ސިފައިން ވެސް ހިމެނޭ ކަމުގައި ޙަމާސުން ބުނެއެވެ. އެ މީހުންގެ ބަދަލުގައި, ޔަހޫދީންގެ ޖަލުތަކުގައި ހައްޔަރުކޮށް ލާއިންސާނީ އަދަބުތައް ދެމުންދާ 700އާއި 1,000އާ ދެމެދު ޢަދަދަކަށް ފަލަސްޠީނުގެ ރައްޔިތުން މިނިވަން ކުރުމަށް ޙަމާސުން ފޮނުވި ހުށަހެޅުމުގައި ގޮވައިލާފައިވެއެވެ.

ނަމަވެސް, ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ވަނީ, ޙަމާސްގެ ހުށަހެޅުންތަކަށް ނޫނެކޭ ބުނެފައެވެ. ޔަހޫދީން ސިފަ ކުރާ ގޮތުގައި ޙަމާސްގެ ހުށަހެޅުންތަކަކީ "ބަލައިނުގަނެވޭނެ ޑިމާންޑު"ތަކެކެވެ. ނަމަވެސް, މި ހުށަހެޅުމާ މެދު ޔަހޫދީންގެ ހަނގުރާމައިގެ ކެބިނެޓުގައި މަޝްވަރާ ކުރާނެ ކަމުގައި ވެސް އޭނާގެ އޮފީހުން ބުންޏެވެ.

ޤަޠަރާއި މިޞްރުން އިސްނަގައިގެން މަސައްކަތް ކުރަމުން ގޮސްފައި ވަނީ, ރަމަޟާން މަސް ފެށުމުގެ ކުރިން ޔަހޫދީންގެ ލާއިންސާނީ ޢުދުވާންތައް ހުއްޓުވުމަށެވެ. ނަމަވެސް, ޔަހޫދީންގެ ޖައްބާރުކަމާ ގުޅިގެން އެ ކަން ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. އަދި, ފަލަސްޠީނުގެ ޣައްޒާގެ 2.3 މިލިޔަނެއްހާ މީހުން ރަމަޟާން މަހާ ކުރިމަތިލާން ޖެހިފައި ވަނީ ޔަހޫދީންގެ ބޮންތަކާއި މިސައިލްތަކުގެ އިތުރުން, ބަނޑުފުރާނަ މުއްތި ކުރެވޭނެ ގޮތެއް ނެތް ހާލަތުގައެވެ. ކާބޯތަކެތި ނުލިބި, އެ މީހުންގެ ކުރިމަތީގައި އޮތީ ހައިހޫނު ކަމެވެ. ޣައްޒާގައި 576,000 މީހުން ހައިހޫނު ކަމާ ހަނގުރާމަ ކުރަމުންދާ ކަމުގައި އދއިން ބުނެއެވެ.

ޙަމާސުން ބުނީ, އެއްބަސްވުމެއް އެކުލަވައިލުމަށް ކުރަމުންދާ މަޝްވަރާތަކުގައި ކާމިޔާބީއެއް ނުލިބިގެން އުޅެނީ ޔަހޫދީންގެ ސަބަބުން ކަމުގައެވެ. އަދި, ޙަމާސުން އެދިފައިވާ ގޮތަށް ޣައްޒާއިން ޔަހޫދީ ސިފައިން ބާލަން އިސްރާއީލުން ދެކޮޅު ހަދަމުންދާ ކަމަށާއި, ޣައްޒާގެ ދެކުނުގައި ހާލުގައި ޖެހިފައި ތިބި 1.5 މިލިޔަނެއްހާ މީހުން އެ މީހުންގެ ގެދޮރަށް އެނބުރި ދިޔުމަށް ޔަހޫދީ ފައުޖުން ހުރަސް އަޅަމުންދާ ކަމުގައެވެ. މީގެ އިތުރުން, ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން ވެސް ޔަހޫދީން ދަނީ ދެކޮޅު ހަދަމުންނެވެ.

ހުސްވި ފެބުރުވަރީ މަހު ވެސް ޙަމާސުން ވަނީ ޢުދުވާންތައް ހުއްޓައިލުމާ ގުޅޭ ގޮތުން ހުށަހެޅުމެއް ޔަހޫދީންނަށް ފޮނުވާފައެވެ. 40 ދުވަހުގެ މުއްދަތަކަށް ޢުދުވާންތައް މެދުކަނޑައިލައި, އަސީރުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މިނިވަން ކުރުމަށް އެއްބަސްވާނެ ކަމަށް ޙަމާސުން ބުނި ނަމަވެސް, ޖައްބާރު ނަތަންޔާހޫ ވަނީ އެ އެއްބަސްވުމަށް ވެސް ދެކޮޅު ހަދާފައެވެ.

އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 31,490އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭ ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދިފަހުން ވިދާޅުވެފައިވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 73,439އަށް އުފުލިފައެވެ.