ޚަބަރު

ރޯދައިގެ ސަބަބުން ނިޢުމަތްތަކުގެ އަގު ވަޒަންކުރެވި، ޝުކުރުވެރިވުމަށް މަގުފަހިވޭ: ޚުޠުބާ


  • މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ " ރޯދައިގެ ޙިކުމަތް" މިމަޢުޟޫއަށް

  • ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، އެތައް ކަމެއް ޢިލްމުވެރިން ބަޔާންކުރައްވާފައިވޭ

  • މި ހުރިހާ ކަންކަމަކީ ވެސް، ތަޤްވާވެރިކަން ޙާޞިލުކޮށްދޭ ކަންކަންކަމަށް ވިދާޅުވި

ގިނަފަހަރަށް ނިޢުމަތެއްގެ އަގު ވަޒަންކުރެވެނީ، އެ ނިޢުމަތެއް ބީވެ ދިޔުމުން ކަމަށާއި، ރޯދައިގެ ސަބަބުން، މާތް ﷲ އިންސާނާއަށް ދެއްވި ނިޢުމަތްތަކުގެ އަގު ވަޒަންކުރެވި، އެނިޢުމަތްތަކަށް ޝުކުރުވެރިވެ އުޅުމަށް މަގުފަހިވެގެންދާކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "ރޯދައިގެ ޙިކުމަތް" މިމަޢުޟޫއަށެވެ.

ޚުތުބާގައި ވަނީ ރޯދައަކީ މާތް ﷲގެ އަމުރުފުޅުތައް ޤާއިމުކޮށް، އެކަލާނގެއަށް ކިޔަމަންތެރިވުމާއި، އެކަލާނގެ ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވުމަށް އެންމެބޮޑަށް އެހީވެދޭ އެއް އަޅުކަން ކަން ފާހަގަކުރައްވާފައެވެ.

ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، އެތައް ކަމެއް ޢިލްމުވެރިން ބަޔާންކުރައްވާފައިވާކަމަށާއި، މިހުރިހާ ކަންކަމަކީ ވެސް، ތަޤްވާވެރިކަން ޙާޞިލުކޮށްދޭ ކަންކަމެވެ.

ޚުޠުބާގައި ވިދާޅުވީ ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، މާތް ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުން ހިމެނޭކަަމަށެވެެ. ރޯދައަށް މީހާ ހުންނައިރު، ކެއިންބުއިމާއި، އެންމެހައި ޝަހުވާނީ އެދުންތަކުން، އޭނާގެ ނަފުސު، ހިފަހައްޓައެވެ. މާތް ﷲ އޭނާއަށް ހުއްދަކުރައްވާފައިވާ ބައެއް ނިޢުމަތްތަކާ ކުޑަވަގުތުކޮޅަކަށް ވިޔަސް ދުރުހެލިވުމުން، އެ ނިޢުމަތްތަކުގެ އަގު ވަޒަންކުރަން ދަސްވާކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

" ވަރަށް ގިނަފަހަރަށް ނިޢުމަތެއްގެ އަގު ވަޒަންކުރެވެނީ، އެ ނިޢުމަތެއް ބީވެ ދިޔުމުންނެވެ. ރޯދައިގެ ސަބަބުން، ﷲ تَعَالَى އިންސާނާއަށް ދެއްވި ނިޢުމަތްތަކުގެ އަގު ވަޒަންކުރެވި، އެ ނިޢުމަތްތަކަށް ޝުކުރުވެރިވެ އުޅުމަށް މަގުފަހިވޭ، އޭގެ ނަތީޖާއެއްގެ ގޮތުން ރޯދަވެރިޔާގެ ކިބައިގާ، އަވަށްޓެރީންނަށް ކަމޭހިތުމާއި، ނިކަމެތީންނަށް ހެޔޮފޯރުވުމާއި، ފަޤީރުންގެ ޙާލު ބަލައި އުޅުމުގެ މަތިވެރި އާދަ އަށަގަނޭ" ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ، ޝައިޠާނާ ނިކަމެތިކޮށް ބަލިކަށިކޮށްލުންކަމަށެވެ. ނަތީޖާއެއްގެ ގޮތުން، ޝައިޠާނާގެ ވަސްވާސްތަކާ މީހާ ދުރުކޮށްދޭކަމަށެވެ.
ރޯދަ ފަރުޟު ކުރެއްވުނު ޙިކުމަތާއި، އޭގެ ފައިދާ ޙާޞިލުކުރެވޭނީ، މާތްﷲ އެންގެވިގޮތަށް، ރޯދަ ހިފައިގެން ކަމަށާއި ރޯދަ ހިފުމުގައި ކީރިތި ރަސޫލާގެ ސުންނަތަށް ތަބަޢަވާން ޖެހޭ ކަމަށް ޚުޠުބާގައިވަނީ ހަނދާންކޮށްދީފައެވެ.

" ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ކަމަކީ، ސިއްރާއި ފާޅުގައި، ތިމާ ކުރާ ޢަމަލުތައް މާތް ﷲ ބައްލަވައި ވޮޑިގެންވާކަން ދަނެ، ތިމާގެ ނަފުސު ތަހުޛީބު ކުރުމެވެ. ރޯދައަކީ، ރޯދަވެރިޔާއާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ސިއްރެއް، ރޯދަވެރިޔާ ރޯދަގެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުންނަނީ، މާތް ﷲ ގެ ރުހިވޮޑިގަތުން ލިބިގަތުން، އެހެނީ ރޯދައަށް ހުރެ ސިއްރިޔާތުގައި ކައިބޮއި އުޅުނަސް، މީހަކަށް އެކަމެއް ނޭނގޭނެ، ރޯދަވެރިޔާއަށް އޭގެ މިންވަރު ނޭނގޭ ގިނަގުނަ ދަރުމަ ދެއްވުމަށް މާތް ﷲ ވަޢުދު ކުރައްވާފައި ވަނީ، މި އަޅުކަމުގައި ހުރި އިޚްލާޞްތެރިކަމުގެ ބޮޑުކަމުން" ޚުޠުބާގައި ވިދާޅުވިއެވެ.

ޙުޠުބާގައި ވިދާޅުވީ ރޯދައިގެ ޙިކުމަތަކީ، މާތް ﷲ އަށް ބިރުވެތިވެ، ތަޤްވާވެރިވުމެވެ. ކުރުމަށް އާދަވެފައިވާ ކަންތައްތަކުން ދުވަސްކޮޅަކަށް ނަމަވެސް އެއްކިބާވެ ހުރުމީ، ދުނިޔޭގެ އެދުންތަކުން ނަފްސު ސަލާމަތްކުރުމަށް ދެވޭ ތަރުބަވީ ފިލާވަޅެއްކަމަށް ޙުޠުބާގައި ވިދާޅުވިއެވެ.