ކުޅިވަރު

ވެޓެރަންސް ލީގު: ފަހަތުން އަރައި އެމްއެސް މޭޓްސް އަތުން ދަ ގްރާންޑޭއަށް މޮޅެއް


އެފްއޭއެމް ވެޓެރަންސް ލީގު 2024 ގައި ފަހަތުން އަރައި މޯލްޑިވްސް ސޮކަރ މޭޓްސް (އެމްއެސް މޭޓްސް) ބަލިކޮށް، އެންމެ ފަހުގެ ރަނަރަޕް ޓީމު ކަމަށްވާ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުން ފެށުން ރަނގަޅުކޮށްފިއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ކުޅުނު ގްރޫޕް ބީގެ މެޗު ދަ ގްރާންޑޭއިން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ އެމްއެސް މޭޓްސްއިންނެވެ. މެޗުގެ 21 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އަޝްއަމެވެ. އޭގެ ފަހުން މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންވެސް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، މި ހާފުގައި އިތުރު ލަނޑެއް ފެނިފައެއް ނުވެއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ދަ ގްރާންޑޭއިން ކުޅުން ރަނގަޅުކޮށް އެ ޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަ ކުރިއިރު، މެޗުގެ 34 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު ދަ ގްރާންޑޭއަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޝަހީމެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ދަ ގްރާންޑޭން ވަނީ އިތުރު ލަނޑެއް ޖަހައި، އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. މެޗުގެ 52 ވަނަ މިނެޓުގައި މި ލަނޑު ދަ ގްރާންޑޭއަށް ކާމިޔާބުކޮށްދިނީ އަލީ ނާޝިދެވެ.

40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ ވެޓެރަންސް ލީގު މި ފަހަރު ކުރިއަށްދަނީ 10 ޓީމުގެ މެދުގައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، ދަ ގްރާންޑޭ އާއި އެމްއެސް މޭޓްސްގެ އިތުރުން ގްރޫޕް ބީގައި ހިމެނެނީ މުއިވެޔޮ އާއި، ލެގޫންސް ސްޕޯޓްސް ކުލަބު އަދި ކުލަބު ސްޓެލްކޯއެވެ. އަދި ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް އާއި ވިިލިމާލެ ޔުނައިޓެޑާއި، ޕޮލިސް ކުލަބާއި، ހުއްރިއްޔާ އަދި ދިވެހި ސިފައިންގެ ކުލަބެވެ.