ޚަބަރު

ނައިޖީރިޔާގެ މަދަރުސާއެއްގެ 286 ދަރިވަރުން ރަހީނު ކޮށްފި


ހަތިޔާރު އެޅި ޖަމާޢަތަކުން ނައިޖީރިޔާގެ މަދަރުސާއަކުން 286 ދަރިވަރުންނާއި މުދައްރިސުން ރަހީނު ކޮށްފިއެވެ. އެ ކުދިން ރަހީނު ކޮށްފައި ވަނީ ނައިޖީރިޔާގެ ހުޅަނގުއުތުރުގައި އޮންނަ ކަޑޫނާ ސްޓޭޓްގެ ކުރީގާ ކިޔާ ރަށެއްގައި ހުންނަ މަދަރުސާއަކުންނެވެ. ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރާނީ 620,000 އެމެރިކާ ޑޮލަރު ދިނުމުން ކަމަށް އެ ޖަމާޢަތުން ވަނީ ބުނެފައެވެ.

މިއީ, 2021 ވަނަ އަހަރަށް ފަހު ނައިޖީރިޔާގެ މަދަރުސާއެއްގެ މިހާ ގިނަ ޢަދަދެއްގެ ދަރިވަރުންތަކެއް ރަހީނު ކޮށްގެން ގެންގޮސްފައިވާ ފުރަތަމަ ފަހަރެވެ. ކުރީގާގެ އިސް އޮފިޝަލެއް ކަމުގައިވާ ޖިބްރީލް އަމީނޫ ވިދާޅުވީ, އެ ފައިސާ ދައްކައި ޚަލާސް ކުރުމަށް އެ ޖަމާޢަތުން 20 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމުގައެވެ. އަދި, ފައިސާ ނުދައްކައިފި ނަމަ, ހުރިހާ ކުދިން މަރައިލާނެ ކަމުގެ އިންޒާރު އެ ޖަމާޢަތުން ދީފައިވާ ކަމުގައި ވެސް އަމީނޫ ވިދާޅުވިއެވެ.

ކުރީގާގެ އެހެން އޮފިޝަލެއް ކަމުގައިވާ އިދްރީސް އިބްރާހީމް ވިދާޅުވީ, މި ކުށުގެ ފަހަތުގައި ވަނީ ކޮން ޖަމާޢަތެއްތޯ ކަށަވަރު ކުރުމަށް ކަމާ ގުޅޭ އިދާރާތަކުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި, އެ ރަހީނު ކޮށްފައިވާ ކުދިން ހޯދައި, ސަލާމަތް ކުރުމަށް މަސައްކަތް ފަށާފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މި ކަމާ ގުޅޭ ގޮތުން ނައިޖީރިޔާގެ ރައީސް ބޯލާ ޓިނޫބޫގެ އޮފީހުން ވަކި އެއްޗެއް ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް, ނައިޖީރިޔާގެ އިންފޮމޭޝަން މިނިސްޓަރ މުޙައްމަދު އިދްރީސް ވިދާޅުވީ, ރަހީނު ކޮށްފައިވާ ކުދިން ސަލާމަތް ކުރުމަށް އެ ޤައުމުގެ ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި, މި ކުށުގެ ފަހަތުގައިވާ ޖަމާޢަތަށް ފައިސާ ދިނުމަކީ ޓިނޫބޫގެ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ހަތިޔާރު އެޅި ޖަމާޢަތްތަކުން ރަހީނު ކޮށްފައިވާ އަސީރުންގެ ބަދަލުގައި އެ ޖަމާޢަތްތަކަށް ފައިސާ ދިނުމަކީ ނައިޖީރިޔާގެ ޤާނޫނުތަކުން މަނާ ކަމެކެވެ. މި ކަން ޤާނޫނެއްގެ ދަށުން މަނާ ކޮށްފައި ވަނީ ނައިޖީރިޔާގެ ކުރީގެ ސަރުކާރުންނެވެ. އެ ޤާނޫނުގައިވާ ގޮތުން, އެ ފަދަ އަމަލެއް ހިންގައިފި މީހަކު, ނުވަތަ ބަޔަކު, އަދަބެއްގެ ގޮތުން ޖަލަށް ލެވޭނެއެވެ. މިއީ, ނައިޖީރިޔާގެ ގިނަ ޢަދަދެއްގެ ދަރިވަރުންތަކެއް ރަހީނު ކޮށްފައިވާ ފުރަތަމަ ހާދިސާއެއް ނޫނެވެ.