ކުޅިވަރު

ކެރިއަރު ބަދަލުކުރުން، އަންހެން ކްރިކެޓަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުން


ރާއްޖޭގައި އަންހެނުންގެ ކްރިކެޓް ކުރިއަރުވަން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކިޔެވުން ނިންމާލުމަށްފަހު ކެރިއަރު ބަދަލުކުރުން ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ޑިވެލޮޕްމަންޓް މެނޭޖަރ އިމާދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަދައްކަވަމުން އިމާދު ވިދާޅުވީ ތައުލީމު ހާސިލްކުރުމަށްފަހު އާމްދަނީއެއް ހޯދުމުގައި އެހެން މަސައްކަތަކަށް ދިޔުމުން، ކުޅުންތެރިންނަށް އެ ކުޅިވަރަށް ވަގުތު ނުދެވޭ ކަމަށެވެ. އަދި އެފަދަ ސަބަބުތަކާ ހުރެ މީގެ ކުރިން މުބާރާތްތަކުގައި ވާދަކުރި އަންހެން ކުޅުންތެރިން، މިދިޔަ ފެބްރުއަރީ މަހު ބޭއްވި އޭޝިއަން ކްރިކެޓް ކުއިންސިލް (އޭސީސީ) ވިމެންސް ޓީ20 ކްރިކެޓް ކަޕުގައި ވާދަކުރި ރާއްޖޭގެ ޓީމުގައި ނުހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ކުޅުންތެރިން ހިފަހައްޓައިގެން ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދިފަނުވާ ކަމަށެވެ. އަދި ރާއްޖޭގައި އެންމެ ކާމިޔާބުކަމާއެކު އަންހެނުންގެ ކުރިކެޓް ކުރިއަށްދާ ދެ ރަށް ކަމަށްވާ ލ. ކުނަހަންދޫ އާއި ފުވައްމުލައް ސިޓީންވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުޅުންތެރިން ދެމެހެއްޓެނިވި ގޮތެއްގައި ކުރިކެޓުގައި ހަރަކާތްތެރިނުވުން ކަމަށް އިމާދު ވިދާޅުވިއެވެ.

"
މިސާލަކަށް ބުނަންޏާ ލ. އަތޮޅު ރަށްތަކުގެ ކުދިން ރިސޯޓުތަކުގައި އެބަ މަސައްކަތްކުރޭ. އެ ސަސްޓެއިން ކުރެވޭނެ ގޮތެއް އަޅުގަނޑުމެންނަކަށް އަސްލު ބުނަންޏާ ނެތް. އެ ކުދިން ދިރިއުޅޭނެ ގޮތަކާ މެދު ވިސްނަން ޖެހޭތީ، އެހެން ކަންތައްތަކާ ހުރެ ކުރިކެޓަށް ވަގުތެއް ނުދެވޭ.
އިމާދު އިސްމާޢީލް - ކްރިކެޓް ޑިވެލޮޕްމަންޓް މެނޭޖަރ

ކުރިކެޓް ޑިވެލޮޕްމަންޓުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އިމާދު ވިދާޅުވީ އެންމެ ކުޑައިރުން ފެށިގެން ގައުމީ ޓީމަށް ކުޅުންތެރިއަކު ނެގޭ ހިސާބުން، ކުރިކެޓާ ދުރަށްދިޔުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.