ޚަބަރު

ބޮޑެތި ކުށްތަކަކަށް ހިތްވަރު ލިބޭފަދަ 5 ޓެލެގްރާމް ޗެނަލެއް ހުއްޓުވާ 2 މީހަކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނެއް

  • މި މީހުންގެ މައްޗަށް މަނީ ލޯންޑްރިންގއާއި ޑްރަގް ޓްރެފިކިންގެ ތުޙުމަތުވަަނީ ކޮށްފައި

  • ހަށިވިއްކުމާއި އޮރިޔާން ކާޑު އުފައްދާ ބެހުމުގެ ތުޙުމަތުވެސް ވަނީކޮށްފައި

ބޮޑެތި ކުށްތަކަކަށް އަރައިގަތުމަށް ހިތްވަރު ލިބޭފަދަ ޓެލެގްރާމް ޗެނަލްތަކެއް ހިންގި 2 މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ތަފާތު ބޮޑެތި ކުށްތަކަށް އަރައިގަތުމަށް "ޖަޒީރާ އެޑްމިން"، "ޖަޒީރާ ގާރލްސް"، "ޖަޒީރާ އެސްކޯޓް ގެލެރީ"، "ޖަޒީރާ ސްކޭމް އެލާޓް" އަދި "ޖަޒީރާ ލިންކް ޚަބަރު"ގެ ނަމުގައި މިދިޔަ އަހަރުގެ އޭޕްރީލްމަހުން ފެށިގެން ހިންގަމުންދިޔަ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލަ ތަޙުޤީޤުކުރަމުންދާކަމަށެވެ.

މި މައްސަލައިގައި މި ޗެނަލްތައް ހިންގާކަމުގެ ތުޙުމަތުގައި އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި އަންހެނެއް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 6 ވަނަ ދުވަހު ފުލުހުންގެ ސައިބަރ ޕޮލިސިންގ ސެންޓަރުން ހިންގި އޮޕަރޭޝަނެއްގައި 4 ތަނެއް ބަލައި ފާސްކޮށް، މި މައްސަލައާއި ގުޅުންހުރި ބައެއް ތަކެތި ފުލުހުން ބެލުމުގެ ދަށަށް ގެނައުމަށްފަހުގައެވެ.

މި ތަކެތީގެ ފޮރެންސިކް ތަޙުލީލުތައްކޮށް ހެކި ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާކަމަށާއި، މިހާތަނަށް ކުރެވުނު މަސައްކަތުން މި ޗެނަލްތައް ސީޒްކޮށް ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް މަނީ ލޯންޑްރިންގއާއި ޑްރަގް ޓްރެފިކިންގއާއި ހަށި ވިއްކުމާއި، ހަށި ވިއްކުމަށް ހިތްވަރު ދިނުމާއި، އޮރިޔާން ކާޑު އުފެއްދުމާއި އޮރިޔާން ކާޑު ބެހުމުގެ ކުށަށް ތުޙުމަތުކުރެވޭކަމަށެވެ. އަދި މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ މާލީ މުއާމަލާތުތަކަށް ބަލާއިރު، އެމީހުން ކުރާ މަސައްކަތާ ނުބައްދަލު ގިނަ އަދަދެއްގެ މާލީ މުއާމަލާތުތަކެއްކޮށްފައިވާކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގައި ހައްޔަރުކުރި 2 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރުމުން ފުރަތަމަ ފަހަރު 5 ދުވަހަށް ބަންދުކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ވަނީ ޢަމުރުކޮށްފައެވެ. އަދި ދެވަނަ ފަހަރަށް ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ޙާޒިރުކުރުމުން އިތުރު 30 ދުވަހަށް ބަންދުކުރުމަށް ޢަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ މިފަދަ ޤާނޫނާ ޚިލާފު ކަންކަމާ ދުރުވެ، މިފަދަ ކަންކަމުގައި ބައިވެރިނުވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.