ރަމަޟާން މަހު ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަދިޔާކުރައްވާ ކާޑުގެ ބާވަތްތައް މާލެ ސަރަހައްދުގައި ރޭގަނޑު ބަހާގޮތަށް ހަމަޖައްސައިފިއެވެ.
ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަދިޔާކުރައްވާ ކާޑުގެ ބާވަތްތައް ބަހަން ފަށާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ.
ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިހާތަނަށް ކާޑު ދޫކުރަމުން އައީ ހެނދުނު 9:30 އިން މެންދުރު 13:00އަށް އަދި ރޭގަނޑު 9:00 އިން 11:30އަށެވެ. ނަމަވެސް މިހާރު ކާޑުގެ ބާވަތްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 9:00 އިން 12:00 އަށް ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
ކާޑު ބަހާ ވަގުތުތަކަށް ބަދަލު ގެނެސްފައިވަނީ ދުވާލުގެ ވަގުތުތަކުގައި ކާޑުގެ ބާވަތްތައް ބަލާ ދިއުމަށް ރައްޔިތުންނަށް އުނދަގޫވާތީކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
މާލޭގެ 5 ސަރަޙައްދަކުން ކާޑު ބެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން ސޯޝަލް ސެންޓަރުންނާއި، ގަލޮޅު ދަނޑުންނާއި މާލެ ސިޓީ ކައުންސިލްގެ އާއްމު ޚިދުމަތްތަކާއި ބެހޭ ބައިންނާއި، ހުޅުމާލޭ ޢުމަރު ޒާހިރު ބިލްޑިންގއާއި ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓް 10 އިންނެވެ.
މާލޭގައި ކާޑު ކާޑު ބަހަމުން އަންނަނީ ސިޓީ ކައުންސިލް މެދުވެރިކޮށެވެ. ރަށްރަށުގައި ކާޑު ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ އަތޮޅުތަކުގެ ރަށްރަށުގެ ކައުންސިލްތަކުންނެވެ.
ރަމަޟާން މަހާއި ދިމާކޮށް ސަރުކާރުން ރައްޔިތުންނަށް ޚާއްސަ އިނާޔަތްތަކެއް ދިނުމުގެ ގޮތުން ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
ސަރުކާރުން ބަހާ މިކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ދިވެހީންނަށެވެ. އެގޮތުން ކާޑު ދޫކުރާނީ ކަރަންޓު މީޓަރުގެ ނަންބަރަށް ބެލުމަށްފަހު ކާޑު ބަލާ އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނޯޓު ކުރުމަށްފަހުކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން ބުނީ އެކުންފުނިން މިމަސައްކަތް ކުރިއަށްގެންދަނީ ސަރުކާރުގެ ވުޒާރާތަކާއި ކައުންސިލްތަކާއި ބައެއް ޖަމިއްޔާތަކުގެ އެހީތެރިކަމާއެކުގައިކަމަށެވެ.