ޚަބަރު

މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުޞަތު ދިނުމަށް އިލްތިމާސްކޮށްފި


  • އަންނަ ހޮނިހިރުން ފެށިގެން މާލޭގައި އޮފިޝަލުން ތަމްރީނު ކުރަން ފެށޭނެ

  • ރިސޯޓްތަކުގައި 30 މީހުން ހަމަ ވާނަމަ ވޯޓް ފޮށި ބަހައްޓާނެ

  • ބޭރު ޤައުމުތަކުގައި 150 މީހުން ހަމަވާނަމަ ވޯޓް ފޮށި ބަހައްޓާނެ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުޞަތު ދިނުމަށް އިލެކްޝަން ކޮމިޝަން، އީސީން އިލްތިމާސްކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން މިގޮތަށް އިލްތިމާސްކޮށްފައިވަނީ އިންތިޚާބާއި ބެހޭ ޤައުމީ ލަފާދޭ ކޮމިޓީގައިއެވެ.

ޤައުމީ ލަފާދޭ ކޮމިޓީގައި ވާހަކަދައްކަމުން އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، މަޖިލިސް އިންތިޚާބުގައި ކޮންމެ ކެންޑިޑޭޓަކަށްވެސް ހަމަހަމަ ފުރުޞަތު އޮތުން މުހިންމުކަމަށެވެ. އެގޮތުން އިލެކްޝަން ކޮމިޝަނުންނާއި އަދި ކަމާއި ގުޅުންހުރި މުވައްސަސާތަކުންވެސް މިކަމަށް ވަރަށް ބޮޑަށް ބާރު އަޅާކަމަށް ހަބީބު ވަނީ ވިދާޅުވެފައެވެ.

ހަބީބު ވިދާޅުވީ ޙާއްސަކޮށް އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ފަރާތުން މިފަދަ ޝަކުވާތައް އަންނަކަމަށެވެ. އެގޮތުން ޕޯސްޓަރ ފަދަ ތަކެތި ހަރުކުރުމަށް ހުއްދައަށް އެދި 18 ވަރަކަށް ދުވަސް ވާއިރުވެސް ކައުންސިލްތަކުން ހުއްދަ ނުދޭ ޝަކުވާ ލިބިފައިވާކަމަށް ހަބީބް ފާހަގަކުރެއްވިއެވެ. ހަބީބު ވަނީ މިފަދަ މައްސަލަތައް ވަރަށް ގާތުން ބެލުމަށް ކަމާއި ގުޅުން ހުރި މުވައްސަސާތަކުގެ ކިބައިން އެދިފައެވެ.

"ހަމަހަމަ ފުރުސަތު އިންތިހާބެއްގައި އޮތުމަކީ ވަރަށް މުހިންމު ރުކުނެއް. އެހެންވީމަ ހަމަހަމަ ފުރުޞަތު ނުލިބޭކަމުގައިވާނަމަ އެއީ ގަދަ މީހާއަށް ގަދަކޮށް، ބަލިމީހާއަށް ބަލިކޮށް އޮންނަ އުޞޫލުން އޮންނަނަމަ އެ އިންސާފަކަށް ނުވޭ." ހަބީބު ވިދާޅުވިއެވެ.

ހަބީބު އިތުރަށް ވިދާޅުވީ ވޯޓުލުމަށްޓަކައި ވީހާވެސް ގިނަ މީހުން ނުކުތުމަކީ ވަރަށް ބޮޑަށް އެދޭކަމެއްކަމަށެވެ. އެހެންކަމުން މުވައްސަސާތަކުން ވީހާވެސް ގިނަ ބަޔަކު އިންތިޚާބު އޮންނަ ދުވަހު ވޯޓުލުމަށް ނެރުމަށް މަސައްކަތް ކުރުމަކީ މުހިންމުކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު މި މަހުގެ 16 ވަނަ ދުވަހަށް އިތުރުކޮށްފައިވާއިރު، ރިސޯޓްތަކުން 30 މީހުން ހަމަވާ ކޮންމެ ރިސޯޓެއްގައި ވޯޓް ފޮށި ބަހައްޓާނެކަމަށެވެ. އެގޮތުން ރާއްޖޭން ބޭރުގެ ޤައުމުތަކުގެ ތެރެއިން އިންޑިއާ، އިންގިރޭސިވިލާތް، ޔޫއޭއީ، ތައިލެންޑް ގައި 150 މީހުން ވޯޓްލާން ރަޖިސްޓަރ ކުރާނަމަ ވޯޓް ފޮށި ބަހައްޓާނެކަމަށެވެ.

އިންތިޚާބަށް ވަމުންދާ ތައްޔާރީތަކުގެ ތަފްޞީލު ދެއްވަމުން ހަބީބް ވިދާޅުވީ، 6000 އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތުގެ ތެރެއިން 4400 އޮފިޝަލުން ތަމްރީނުކޮށް މިހާރު ނިމިފައިވާކަމަށެވެ. އަދި އަތޮޅުތަކުގެ ބައެއް ރަށްރަށް ފިޔައި ޖުމްލަކޮށް އެއްކޮންހެން ތަމްރީނުކޮށް ނިމިފައިވާކަމަށެވެ. މާލެ ސަރަހައްދުން ނެގުމަށް ހަމަޖެހިފައިވާ 3000 އޮފިޝަލުންގެ ތެރެއިން 1400 އެއްހާ މީހުން ތަމްރީނު ކުރެވިފައިވާކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ ރޯދަމަހު އޮފިޝަލުން ތަމްރީނުކުރުން އަންނަ ހޮނިހިރުން ފެށިގެން 2 ދުވަހަށް ރޭގަނޑު 21:00 އިން 1:00އަށް ކުރިއަށް ގެންދާނެކަމަށެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިޚާބުކުރާނެއެވެ. އަދި އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން މިހާރު ދަނީ ކުރައްވަމުންނެވެ. 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބު އޮންނާނީ އަންނަ މަހުގެ 21 ގައެވެ.