ޚަބަރު

ޔަހޫދީ ފައުޖުން ލުބްނާނަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފި


ޒަޔަނިސްޓު އިސްރާއީލުގެ ޔަހޫދީ ފައުޖުގެ އަސްކަރީ މަތިންދާބޯޓުތަކުން ލުބްނާނަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފިއެވެ. މި ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އެ ޤައުމުގެ ދެކުނުގައި އޮންނަ ރަށެއް ކަމުގައިވާ ބަޢަލަބަކަގެ އަލް-ބިޤާޢު ވާދީއަށެވެ. ޢުދުވާންތަކުގައި ލުބްނާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, ޙިޒްބުاللهގެ ދެ އަސްކަރީ މަރުކަޒަކަށް ޙަމަލާދީ, އެ ޖަމާޢަތުގެ މުޖާހިދެއް ޝަހީދު ކޮށްލާފައިވާނެ ކަމުގައި ޔަހޫދީ ފައުޖުން ބުނެއެވެ.

މިއީ, ޙިޒްބުاللهން ދާދިފަހުން ޔަހޫދީ ފައުޖުގެ ސިފައިންނަށް އަމާޒުކޮށް ރޮކެޓް ޙަމަލާތަކެއް ދިނުމާ ގުޅިގެން, އެ ކަމުގެ ރައްދުގައި ދީފައިވާ ޙަމަލާތަކެކެވެ. ޙިޒްބުاللهގެ ހަނގުރާމަވެރިންގެ ރޮކެޓް ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އިސްރާއީލުގެ އުތުރުގެ ރަށްތަކަށެވެ. އަދި, ޖޫލާންގެ އުސް ބިންތަކުގައި ޔަހޫދީ ފައުޖުގެ ސިފައިން ގާއިމު ކޮށްފައިވާ އަސްކަރީ މަރުކަޒަކަށް ޑްރޯން ޙަމަލާތަކެއް ވެސް ދީފައިވެއެވެ. ޖޫލާންގެ އުސް ބިންތަކަކީ, 1967 ވަނަ އަހަރު ޔަހޫދީން ފޭރިގަނެ, އަތްގަދަ ކޮށްފައިވާ ބިމެކެވެ.

ބަޢަލަބަކަގެ ގަވަރުނަރު ބަޝީރު ޚަޟަރު ވިދާޅުވީ, ޔަހޫދީ ފައުޖުން ދިން ވައިގެ ޙަމަލާތަކުގައި އެ ރަށުން ޢާންމުންގެ އެކަކު ޝަހީދުކޮށްލާފައިވާ ކަމުގައެވެ. އަދި, އިތުރު ބަޔަކު ޒަޚަމުވެ, ފަރުވާ ދޭން ޖެހުނު ކަމުގައެވެ. މި ޙަމަލާތަކުގައި ޙިޒްބުاللهގެ ހަނގުރާމަވެރިއަކު ޝަހީދުވެފައިވާ ކަން އެ ޖަމާޢަތުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ޙިޒްބުاللهގެ ހަނގުރާމަވެރިން ވަނީ އިސްރާއީލުގެ ރަށްތަކާއި, ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް 100 އަށްވުރެ ގިނަ 'ކަތްޔޫޝާ' މަރުކާގެ ރޮކެޓް ޙަމަލާ ދީފައެވެ. ޙިޒްބުاللهން ޔަހޫދީންގެ ރަށްތަކާއި ސިފައިންނަށް ޙަމަލާތައް އަމާޒު ކުރަން ފަށާފައި މި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާންތަކެއް ހިންގަން ފެށުމާ ގުޅިގެންނެވެ. ދެ ފަރާތުގެ ދެމެދުގައި ކޮންމެ ދުވަހަކު ހެން ދަނީ ޙަމަލާތައް ބަދަލު ކުރަމުންނެވެ.

ޔަހޫދީންގެ ވައިގެ ޙަމަލާތައް އަމާޒު ކޮށްފައިވާ ބަޢަލަބަކައަކީ ޙިޒްބުاللهގެ މައި މަރުކަޒެކެވެ. އެއީ, ލުބްނާނާއި ސޫރިޔާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ރަށެކެވެ. ޔަހޫދީންނާއި ޙިޒްބުاللهގެ ހަނގުރާމަވެރިންނާ ދެމެދު މިހާރު ބަދަލު ކުރަމުންދާ ޙަމަލާތަކަކީ, 2006 ވަނަ އަހަރު ދެ ފަރާތުގެ ދެމެދުގައި ކުރި ހަނގުރާމައަށް ފަހު ބަދަލު ކުރާ މި ފަދަ އެންމެ ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެވެ.

ފެބުރުވަރީ 26 ވަނަ ދުވަހު ވެސް ޔަހޫދީ ފައުޖުން ބަޢަލަބަކައަށް ވައިގެ ޙަމަލާތަކެއް ދީފައިވެއެވެ. އަދި, ޖަނަވަރީ 2 ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ލުބްނާނުގެ ވެރިރަށް ބެއިރޫތަށް ބޮންއަޅައި, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ އިސް ކޮމާންޑަރެއް ޝަހީދު ކޮށްލާފައެވެ.

ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރަމުންދާ ޙަމަލާތަކުގައި ޔަހޫދީ ފައުޖުން ވަނީ ޙިޒްބުاللهގެ 200 އެއްހާ މެންބަރުން ޝަހީދު ކޮށްލާފައެވެ. އަދި, ލުބްނާނުގެ ޢާންމުންގެ ތެރެއިން 50 މީހުން ޝަހީދު ކޮށްލާފައެވެ. މި ޙަމަލާތަކުގެ ރައްދުގައި ޙިޒްބުاللهން ވެސް ވަނީ ޔަހޫދީ ފައުޖުގެ ޑަޒަނެއްހާ ސިފައިންނާއި ޔަހޫދީންގެ ހަ މީހުން މަރައިލާފައެވެ.

ޙިޒްބުاللهއަކީ 1982 ވަނަ އަހަރު އީރާނުގެ އިންޤިލާބީ ލަޝްކަރުން ފަހަތުގައި އޮވެގެން އުފައްދާފައިވާ ހަތިޔާރު އެޅި ޖަމާޢަތެކެވެ. އަދި, އީރާނުން އެކުލަވައިލާފައިވާ 'އެކްސިސް އޮފް ރެސިސްޓެންސް'ގެ ބައިވެރިއެކެވެ. އީރާނުން މިހާރު ވެސް ދަނީ އެ ޖަމާޢަތަށް ވާގިވެރިވެދެމުންނެވެ. އެ ޖަމާޢަތް އުފެއްދުމުގެ މައިގަނޑު މަޤުޞަދަކީ ޒަޔަނިސްޓު އިސްރާޢީލާއި، ޔަހޫދީންނަށް ވާގިވެރިވާ އެމެރިކާއާ ދެކޮޅަށް ހަނގުރާމަ ކުރުމެވެ.