މާލޭގެ މަގުތަކަށް ގޭގެއިން ގިނަ އަދަދަކަށް ކުނި ނެރެ ބެހެއްޓުމުގެ ސަބަބުން މިހާތަނަށް 100 މީހުން ޖޫރިމަނާކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވީ ކުނި އެޅުން މަނާ ސަރަޙައްދުތަކަށް ކުނި އަޅައިގެން މިދިޔަ ފެބްރުއަރީ މަހުން ފެށިގެން މިހާތަނަށް 100 މީހަކު ޖޫރިމަނާކޮށްފައިވާކަމަށެވެ. ޖޫރިމަނާކޮށްފައިވަނީ ކޮންމެ މިީހަކު 500 ރުފިޔާއިންކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން، ގެތައް ސާފުކުރުމަށްފަހު މާލޭގެ އެކި މަގުތަކަށް ކުނި ނެރެ އުކާނުލާ ބެހެއްޓުމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. މިކަމާއި ގުޅިގެން ދުއްވާ އުޅަނދުތަކަށާއި، މަގު ބޭނުންކުރާ ފަރާތްތަކަށްވެސް ދަތިތައް އަންނަނީ ކުރިމަތިވަމުންނެވެ.
ގެތައް ސާފުކޮށް މަގުތަކަށް ނެރެފައި ހުރި ކުނީގެ ތެރޭގައި، ހިފައިގެންގުޅޭ ސާމާނާއި އަދި ފަރުނީޗަރު ފަދަ ބޮޑެތި ކުނީގެ ބާވަތްތައްވެސް ހިމެނެއެވެ. އަދި ކުނިވާޒާތުގެ ކުނިވެސް މަގުތަކަށް ނެރެފައި ހުރިކަންވެސް ފާހަގަކޮށްލެވެއެވެ.
މާލޭގެ މަގުތައް ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނައިރު ރޭ ވަނީ 17 ޕިކަޕެއްގައި 350 ކިލޯގެ ކުނި ނަގާފައެވެ. އަދި 11 ޕިކަޕެއްގައި 1.5 ޓަނުގެ ކުނި ނަގާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އެހެންނަމަވެސް މާލޭގެ މަގުތަކުން ކުނި ނަގާވަރަކަށް ކުނި އަޅަމުންދާކަން ސިޓީ ކައުންސިލުން ފާހަގަކުރައްވައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ މާލޭގެ މަގުތަކަށް ބޮޑެތި ކުނިތައް ނެރެފައި ބަހައްޓަނީ ވަކި ބަޔަކުކަމަށާއި ކުނި އަޅާ މީހުން ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރައްވަމުން އަންނަކަމަށެވެ. އަދި އެފަދަ މީހުން ހޯދާ އާންމުކުރައްވާނެކަމަށާއި ކުނި އަޅާ މީހުންނާ މެދު ފިޔަވަޅު އަޅަމުން ގެންދާނެކަމަށް އާޒިމް ވިދާޅުވިއެވެ.
" ވެމްކޯއާ ގުޅިގެން މިހާރު ކުނި އުކުމުގެ މަސައްކަތައް ބަދަލެއް ގެނެވޭތޯ މަސައްކަތް ކުރަމުން މިދަނީ. ކުނި އަޅާ މީހުން އެނގުން މުހިންމު." ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވިއެވެ.
މާލެ އާއި ވިލިމާލޭގެ މަގުތަކާއި ޕާކު ތަކާއި އާންމުތަންތަނާއި ބަނދަރުތަކާއި ވިޔަފާރި ސަރަހައްދުތަކަށް ކުނި އެޅުމަކީ މަނާ ކަމެކެވެ. އެފަދަ ތަންތަނަށް ކުނި އަޅާ ނަމަ ކައުންސިލުން ފުލުހުންނަށް މައްސަލަ ހުށަހެޅުމުން ފުލުހުންނަށް ޖޫރިމަނާ ކުރެވެއެވެ.
މަގުތަކުގައި ކުނި ބަހައްޓަމުންދާތީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިއީ ވެށި ހަޑިވުމާއި ސިއްޙީގޮތުންވެސް ނޭދެވޭ އަސަރު ކުރާ ކަމަކަށްވާތީ އެކަން ނުކުރުމަށް އީޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
ގޭބިސީތަކުން އުކާލާ ހިފައިގެންގުޅޭ ސާމާނާއި ފަރުނީޗަރު ފަދަ ތަކެތި އުކާލުމުގެ ކެޕްސް ޚިދުމަތް ވެމްކޯއިންވެސް ދަނީ ފޯރުކޮށްދެމުންނެވެ.