ޚަބަރު

ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް 15 މިލިއަން ރުފިޔާގެ ސްކީމެއް


  • މި ސްކީމް އަމާޒުކޮށްފައިވަނީ ' މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް' މެޕްގެ ހަރަކާތްތަކަށް

  • އެގޮތުން ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށުގެ ދަނޑުވެރިންނަށް

  • މިގްރާންޓަށް އެދި ހުށަހެޅުމަށް ފަހުގެ ތާރީހެއްގައި އިއުލާން ކުރާނެ

ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން، 15 މިލިއަން ރުފިޔާގެ ސްކީމެއް ކުރިއަށްގެންދިޔުމަށް ސަރުކާރުން ނިންމަވައިފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އާއި މާލީ ވުޒާރާއާއި އެސް.ޑީ.އެފް.ސީންނެވެ.

މި އެއްބަސްވުމަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އަދި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓު، އިފާޑާއި ގުޅިގެން ހިންގަމުންގެންދާ ' މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް' މެފްގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން، 15188700 ( ފަނަރަ މިލިއަން އެއްސަތޭކަ އަށްޑިހަ އަށްހާސް ހަތްސަތޭކަ) ރުފިޔާގެ މެޗިން ގްރާންޓް ސްކީމެއް ކުރިއަށްގެންދިޔުމާއި ގުޅޭ އެއްބަސްވުމެކެވެ.

މާލީ ވުޒާރާގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ، ސްޓޭޓު މިނިސްޓަރ ޙުސައިން ޝާމް އާދަމެވެ. ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން އެ ވުޒާރާގެ ސްޓޭޓު މިނިސްޓަރ މަރިޔަމް ވިޝާމާ އަޙްމަދު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އެސްޑީއެފްސީން ސޮއިކުރެއްވީ އެބޭންކުގެ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ފިފްޝީން އަލީއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރ މަރިޔަމް ވިޝާމާ އަޙްމަދު ވިދާޅުވީ އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމްގެ ނަމުގައި ކުރިއަށްގެންދާ މި ސްކީމް އަމާޒުކޮށްފައިވަނީ "މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް" މެޕްގެ ހަރަކާތްތައް ކުރިއަށްދާ ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ކަމަށެވެ.

" ގްރީން ހައުސްތަކުގައި ހައިޑްރޮފޯނިކްސް ސިސްޓަމް ޤާއިމްކޮށްގެން ދަނޑުވެރިކަންކުރަން ބޭނުންވާ ދަނޑުވެރިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މިގްރާންޓަށް އެދި ހުށަހެޅުމަށް ފަހުގެ ތާރީޚެއްގައި އިއުލާން ކުރާނެ" ވިޝާމާ ވިދާޅުވިއެވެ.

މެޕަކީ ހއ، ހދ އަދި ށ އަތޮޅުގެ 26 ރަަށެއްގައި ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. އެގޮތުން 26 ރަށުގެ ދަނޑުވެރިން ހިމަނައިގެން އައިލެންޑް ފާރމާ ފޯރަމް ގުރޫޕެއް ހަދައި އެފަރާތްތަކަށް ދަނޑުވެރިކަމާއި ގުޅުންހުރި ދާއިރާތަކުން ތަމްރީނާއި މައުުލޫމާތާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވެމުންގެންދެވެއެވެ.

ޕްރޮޖެކްޓުގެ މައިގަނޑު އެއް މަސައްކަތެއްގެގޮތުގައި 12 ރަށެއްގައި ގްރީންހައުސް އަޅައިގެން ކޮކޯޕީޓްގައި ކިއުކަމްބާ އަދި މެލަން ހައްދާނެގޮތުގެ ޓެކްނިކަލް ތަމްރީން ޕްރޮގްރާމްތަކެއް މިހާރުވެސް ކުރިއަށް ދެއެވެ.

މީގެ ބޭނުމަކީ ކްލައިމެޓް ސްމާޓު އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވާ ޒަމާނުއްސުރެ ދަނޑުވެރިކަން ކުރަމުން އަންނަގޮތަށްވުރެ ރަނގަޅު އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ދަނޑުވެރިންގެ މެދުގައި ޝައުގުވެރިކަން އުފައްދާ އަދި އަހުލުވެރިކުރުވުންކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއްވައެވެ.

މިޕްރޮޖެކްޓުން މިކުރާ މަސައްކަތުން ކުރެވޭ އުންމީދަކީ ދަނޑުވެރިކަމުގެ ސިނާއަަތު މިހާރަށްވުރެ ފުޅާވެ ޒަމާނީ ދަނޑުވެރިކަމަށް ޝައުގުވެރިވާ ޒުވާނުން އިތުރުވެގެން ދިއުންކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.