ޚަބަރު

ނައިބު ރައީސް މިހާތަނަށް ހިލާލީ ގޭގައި ދިރިއުޅުއްވާފައެއް ނުވޭ: ސަރުކާރު


  • ނައިބު ރައީސް ހިލާލީ ގެއިން ނިކުމެވަޑައިގެންކަމަށް ބުނެ ފަތުރަނީ ދޮގެއް

  • ނައިބު ރައީސް ހިލާލީ ގެއަށް ދިރިއުޅުން ބަދަލުކުރައްވާފައެއް ނުވޭ

  • މަރާމާތަށް ފަހު ދިރިއުޅުން ހިލާލީގެއަށް ބަދަލުކުރައްވާނެ

ހިލާލީ ގޭގައި ދިރިއުޅުއްވުމަށްފަހު ނައިބު ރައީސް އެގެއިން ނިކުމެވަޑައިގެންފައިވާ ކަމަށް ބުނެ ފަތުރާފައިވަނީ ޙަޤީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި މިފަދަ ދޮގުހަދާ މުޖްތަމަޢު ފަސާދަކުރުން ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް އެދިވަޑައިގެންފިއެވެ.

ނައިބު ރައީސް މިގޮތަށް އެދިވަޑައިގެންނެވީ ނައިބު ރައީސުންނަށް ޚާއްސަ ސަރުކާރުގެ ގެކޮޅު، ހިލާލީ ގޭގައި ދިރިއުޅުއްވުމަށްފަހު އެމަނިކުފާނު އެގެއިން ނިކުމެވަޑައިގެންފައިވާކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ވާހަކައަކާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.

މިކަމާ ގުޅިގެން ނައިބު ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަތުރަމުންދަނީ ދޮގު ވާހަކައެއްކަމަށެވެ. އަދި ޙަޤީގަތެއް ނެތް ދޮގު ވާހަކަތައް ފަތުރާ، މުޅި މުޖުތަމަޢުގެ މަސްލަހަތު ހިމެނޭ މިފަދަ ވާހަކަތައް ފެތުރުމުގެ ކުރިން ކަމުގެ ޙަޤީޤަތް އޮޅުންފިލުވުމަށް ނައިބު ރައީސް ވަނީ އެދިވަޑައިގެންފައެވެ. މިފަދަ ވާހަކަތައް ފެތުރުމަކީ މުޖުތަމަޢުގައި ފިތުނަ ފަސާދަ އިތުރުވެ މަސްލަހަތު ގެއްލޭނެ ކަންކަމަށްވާތީ، ދޮގު ވާހަކަ ނުފެތުރުމަށް ނައިބު ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ސަރުކާރުން ވިދާޅުވީ ނައިބު ރައީސް މިހާތަނަށް އެއްވެސް އިރެއްގައި ހިލާލީ ގެއަށް ދިރިއުޅުން ބަދަލުކުރައްވާފައި ނުވާކަމަށެވެ. ނަމަވެސް ހިލާލީގޭގައި ކުރިއަށްދާ ބައެއް މަރާމާތުތަކަށްފަހު، ކައިރި މުސްތަޤުބަލެއްގައި އެ ގެއަށް ދިރިއުޅުން ބަދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.