ޓުއަރިޒަމް

ސިޔާސީ ހަލަބޮލިކަމުގެ މާބޮޑު އަސަރެއް ފަތުރުވެރިކަމަކަށް ނުކުރޭ


ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހިނގަމުންދާ ކަންތައްތަކާއި، ރާއްޖޭގެ ފަތުރުވެރިކަން އިނދަޖައްސާލުމަށް ބައެއް ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަސަރު ދިވެހި ފަތުރުވެރިކަމަށް ކުޑަމިންވަރަކަށް މެނުވީ ނުކުރާކަމަށް ރާއްޖޭގައި އިންވެސްޓްކުރަމުންދާ ތައިލެންޑުގެ ބައެއް އިންވެސްޓަރުން ބުނެފިއެވެ.

ތައިލެންޑުގެ އިންވެސްޓަރުން ރާއްޖޭގައި ހިންގުމަށް ތައްޔާރުވަމުންދާ މަޝްރޫޢުތަކާއި އަދި މިހާރު ހިންގަމުންދާ މަޝްރޫޢުތަކާ ގުޅޭގޮތުން ޕަބްލިކް ސާވިސް މީޑިޔާ، (ޕީއެސްއެމް) އަށާއި، ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ ސަންއަށް މަޢުލޫމާތުދެމުން ތައިލެންޑުގެ އިންވެސްޓަރުން ބުނީ، ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް އެތެރޭގެ ކަންތައްތަކެއް ހުންނާނެ ކަމަށާއި ނަމަވެސް އެކަންތައްތަކުގެ އަސަރު ފަތުރުވެރިކަމަށް ކުރަމުންދާކަން ފާހަގަކުރެވިފައި ނުވާކަމަށެވެ.

ތައިލެންޑުން ސްރީލަންކާއަށާއި ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވީ ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ކަންތައްތަކުގެ އަސަރު ފަތުރުވެރިކަމަށް ކުޑަކޮށް ކުރިނަމަވެސް ފާހަގަކުރެވޭވަރަށް އެކަމުގެ އަސަރު ކުރަމުން ނުދާކަމަށެވެ. އަދި ރާއްޖެއާއި ތައިލެންޑާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، ދެ ޤައުމަށްވެސް ފައިދާ ވާނެގޮތްތަކަކަށް ގުޅިގެން މަސައްކަތްކުރުމަށް ދެ ޤައުމުންވެސް އިސްކަންދެމުން އަންނަކަމަށެވެ. އަދި ތައިލެންޑުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭގޮތުން ތައިލެންޑުގެ އިންވެސްޓަރުންނާއި އަދި ތައިލެންޑުގެ އިޤްތިޞާދީ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާއެކު ޕަބްލިކް ސަރވިސް މީޑިޔާއާއި ސަންގެ ނޫސްވެރިން ބޭއްވި ބައްދަލުވުންތަކުގައި އެފަރާތްތަކުން ވަނީ ދިވެހިރާއްޖެއަށް ތަޢުރީފްކޮށް ވާހަކަދައްކާފައެވެ. ޚާއްޞަކޮށް ދިވެހި ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކަންމަތީ ހިފަހައްޓައި، ފަތުރުވެރިކަން ކުރިއެރުވުމަށް އިސްކަންދޭ މިންވަރުވެސް އެފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.