ޚަބަރު

ޙިޒްބުاللهން ޔަހޫދީ ސިފައިންނަށް ޑްރޯން ޙަމަލާތަކެއް ދީފި


ލުބްނާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, ޙިޒްބުاللهން ޔަހޫދީ ފައުޖުގެ ސިފައިންނަށް އަމާޒުކޮށް ވަރުގަދަ ޑްރޯން ޙަމަލާތަކެއް ދީފިއެވެ. ޙިޒްބުاللهގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޖޫލާންގެ އުސް ބިންތަކުގައި ޔަހޫދީ ފައުޖުގެ ސިފައިން ގާއިމު ކޮށްފައިވާ އަސްކަރީ މަރުކަޒަކަށެވެ. އެއީ, 1967 ވަނަ އަހަރު ޔަހޫދީން ފޭރިގަނެ, އަތްގަދަ ކޮށްފައިވާ ބިމެކެވެ.

ޙިޒްބުاللهން ޔަހޫދީ ފައުޖުގެ ސިފައިންގެ އިތުރުން ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް ޙަމަލާދޭން ފަށާފައި ވަނީ, އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާންތަކެއް ފެށުމާ ގުޅިގެންނެވެ. މި ޙަމަލާތަކުގައި ޙިޒްބުاللهން ވަނީ ޔަހޫދީންނަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި, ގިނަ ޢަދަދެއްގެ ޔަހޫދީން މަރައިލާފައެވެ. މި ޙަމަލާތަކުގެ ބޭނުމަކީ, ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓައިލަން ބާރު އެޅުމެވެ.

ޙިޒްބުاللهން ބުނީ, ޖޫލާންގެ އުސް ބިންތަކުގައި އޮންނަ ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒަށް އަމާޒުކޮށް ހަތަރު ޑްރޯން ޙަމަލާއެއް ދީފައިވާނެ ކަމުގައެވެ. އަދި, ކާމިޔާބުކަމާ އެކު ޑްރޯންތައް އަމާޒަށް ވާސިލުވެފައިވާ ކަމުގައެވެ. މިއީ, ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުގައި ދީފައިވާ ޙަމަލާއެއް ކަމުގައި ވެސް ޙިޒްބުاللهން ބުންޏެވެ. މި ޙަމަލާތަކުގައި ޔަހޫދީ ސިފައިންގެ މީހެއްގެ ފުރާނައަށް ނުރައްކާވެފައިވާ ކަން އަދި ސާފެއް ނޫނެވެ.

ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރަމުންދާ ޙަމަލާތަކާ ގުޅިގެން, ދެ ޤައުމުގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ރަށްތަކުގައި ދިރިއުޅޭ ޢާންމު ރައްޔިތުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ. މި ޙަމަލާތަކުގައި ލުބްނާނުން 250އެއްހާ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ޢާންމުންގެ 50 ވަރަކަށް މީހުން ހިމެނެއެވެ. އަދި, ޙިޒްބުاللهން ވެސް ވަނީ ޔަހޫދީންގެ 12 ވަރަކަށް ސިފައިންނާއި ޢާންމުންގެ ފަސް މީހުން މަރައިލާފައެވެ.

ޙިޒްބުاللهއަކީ 1982 ވަނަ އަހަރު އީރާނުގެ އިންޤިލާބީ ލަޝްކަރުން ފަހަތުގައި އޮވެގެން އުފައްދާފައިވާ ހަތިޔާރު އެޅި ޖަމާޢަތެކެވެ. އަދި, އީރާނުން އެކުލަވައިލާފައިވާ 'އެކްސިސް އޮފް ރެސިސްޓެންސް'ގެ ބައިވެރިއެކެވެ. އީރާނުން މިހާރު ވެސް ދަނީ އެ ޖަމާޢަތަށް ވާގިވެރިވެދެމުންނެވެ. އެ ޖަމާޢަތް އުފެއްދުމުގެ މައިގަނޑު މަޤުޞަދަކީ ޒަޔަނިސްޓު އިސްރާޢީލާއި، ޔަހޫދީންނަށް ވާގިވެރިވާ އެމެރިކާއާ ދެކޮޅަށް ހަނގުރާމަ ކުރުމެވެ.