ޚަބަރު

އިލެކްޝަންސްގެ ލޯފަން މީހުންގެ ދަފްތަރުގައި 60 މީހުން ރަޖިސްޓަރވެއްޖެ


  • ދެފަހަރަށް ހުޅުވާލުމުން ރަޖިސްޓަރ ވީ 60 މީހުން

  • ރިޔާސީ އިންތިޚާބުގައި ހުރިހާ މަރުކަޒަކަށްވެސް ޓެމްޕްލޭޓް ފޮނުވި

  • މިފަހަރު ޓެމްޕްލޭޓް ފޮނުވާނީ ހަމައެކަނި ރަޖިސްޓަރވި ލޯފަން މީހުން ތިބި ތަންތަނަށް

އިލެކްޝަންސް ކޮމިޝަންގައި ހުޅުވާލާފައިވާ ލޯފަން މީހުންގެ ދަފްތަރުގައި މިހާތަނަށް 60 މީހުން ރަޖިސްޓަރ ވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިފަރާތްތަކަށް ވޯޓުލެވޭނެހެން އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށް ޙަބީބް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ، އެންސްޕާ ފަދަ އިދާރާތަކުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު ރާއްޖޭގައި ވޯޓުލެވޭ އާބާދީއަށް ނިސްބަތްވާ ގިނަ ލޯފަން މީހުން ތިބިކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް ލޯފަން މީހުންނަށް ވޯޓު ލެވޭނެހެން ޓެމްޕްލެޓް ފޮނުވާފައިވާކަމަށް ޙަބީބް ވިދާޅުވިއެވެ.

ޙަބީބް ވިދާޅުވީ، ބޮޑު ޚަރަދެއްކޮށްގެން އެކަން ކުރިނަމަވެސް ވޯޓުލާން ނުކުމެފައިވަނީ ލޯފަން މީހުންގެ ތެރެއިން ވަރަށް މަދުބައެއް ކަމަށެވެ. އަދި މިކަމަށް ހައްލެއް ގެނައުމަށް ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާތަކެއް ކުރެވުނުކަމަށެވެ. އެގޮތުން ނިންމާފައިވަނީ ލޯފަން މީހުންނަށް ޚާއްސަ ދަފްތަރެއް އިލެކްޝަންސް ކޮމިޝަންގައި ޤާއިމުކުރުމަށްކަމަށް ޙަބީބް ވިދާޅުވިއެވެ.

ދެފަހަރެއްގެ މަތިން ޢިއުލާންކޮށްގެން މިހާތަނަށް 60 ފަރާތަކުން މިދަފްތަރުގައި ރަޖިސްޓަރ ކޮށްފައިވާކަމަށް ޙަބީބް ވިދާޅުވިއެވެ.

"އެ 60 ބޭފުޅުން ރަޖިސްޓަރ ވީ ތަންތަނަށް މިހާރުވާނީ އޮފިޝަލުން ތަމްރީންކޮށްވެސް ނިންމާފައި. މީގެ ދެފަރާތަށްވެސް ދަތިތަކެއް އެބަހުރި މުޅިން އައުކަމެއް ވީމަ." ޙަބީބް ވިދާޅުވިއެވެ.

ލޮލަށް ފެނުމުން މަޙުރޫމްވެފައިވާ މީހުންނަށް އެމީހުންގެ އަމިއްލަ އިޚްތިޔާރުގައި އިންތިޚާބުތަކުގައި ވޯޓު ލެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތުމަކީ މީގެ ކުރިން އެފަދަ ފަރާތްތަކުގެ އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ނަމަވެސް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ގެނެވުނު އިސްލާޙާއެކު މިދިޔަ ރިޔާސީ އިންތިޚާބުގައި ފުރަތަމަ ފަހަރަށް ވަނީ ލޯފަން މީހުންނަށް އަމިއްލަ އިޚްތިޔާރުގައި އިތުރު މީހެއްގެ އެހީއަކާނުލާ ވޯޓުލެވޭނެ އިންތިޒާމު ޤާނޫނީ ބާރުވެރިކަމާއެކު ދީފައެވެ.

އެފަހަރު ވޯޓުލާ ހުރިހާ މަރުކަޒަކަށްވެސްވަނީ ލޯފަން މީހުންނަށް ވޯޓުލެވޭނެހެން ޓެމްޕްލޭޓް ފޮނުވާފައެވެ. މި ޓެންޕްލޭޓް ހުންނަނީ އެމްބޯސް ނުވަތަ ކަރުދާހުގައި އުފުލިފައި ހުންނަ ގޮތަށް ހުންނަ ކުދި ބޮޅުތަކެކެވެ. ކޮންމެ ކެންޑިޑޭޓެއްގެ ކެންޑިޑޭޓް ނަންބަރުގެ އަދަދު މި ޓެމްޕްލޭޓުން ދެނެގަނެވޭނެއެވެ. ރިޔާސީ އިންތިޚާބުގައި ވޯޓުލާފައިވަނީ ލޯފަން މީހުންގެ ތެރެއިން 45 މީހުންނެވެ.