ޚަބަރު

"ރަމަޟާން މަހު ބައިތުލްމަޤްދިސްގެ މުސްލިމުންނަށް ހުރަސް އެޅުން ބަލައިނުގަނެވޭނެ"


ބަރަކާތްތެރި ރަމަޟާން މަހު ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާގައި ނަމާދު ކުރަން ބޭނުން މުސްލިމުންނަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި އުރުދުންގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު އަޔިމަން ޞަފާދީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި މި ވަނީ, ރަމަޟާން މަހު އަޤްޞާއަށް ވަދެވޭނީ ވަކި ޢަދަދެއްގެ މުސްލިމުންނަށް ކަމަށް ބުނެ, އެ ޢަދަދު ކޮންޓްރޯލް ކުރާނެ ކަމުގައި ޔަހޫދީ އިސްރާއީލުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

މަސްޖިދުލްއަޤްޞާ ބެލެހެއްޓުމުގެ ޒިންމާތައް މަތިކޮށްފައި އޮންނަނީ އުރުދުނަށެވެ. ޔަހޫދީންނަށް ރައްދު ދެއްވަމުން ޞަފާދީ ވިދާޅުވީ, މިސްކިތުގައި ނަމާދު ކުރެވޭނެ މީހުންގެ ޢަދަދު ޔަހޫދީންނަށް ނުހިފެހެއްޓޭނެ ކަމުގައެވެ. އަދި, އެ ކަން ބަލައިނުގަންނަ ކަމުގައެވެ. އަދި, އެ ފަދަ ގޮތަކަށް އަމަލު ކުރުމަކީ މެދުއިރުމަތި "ފަޅައިގެން ހިނގައިދާނެ" ފަދަ އަމަލެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ.

"އަލް-އަޤްޞާގެ ޙުރުމަތް ކެނޑުމާ ދެކޮޅަށް އަޅުގަނޑުމެން އިންޒާރު ދެން. އެއީ, އަލިފާނާ ކުޅުން ފަދަ ނުރައްކާތެރި ކަމެއް،" ޔަހޫދީ އިސްރާއީލުގެ ޖައްބާރު ސަރުކާރަށް އިންޒާރު ދެމުން ޞަފާދީ ވިދާޅުވިއެވެ. ބަނޑުފުރާނަ މުއްތި ކުރެވޭނެ ގޮތެއް ނެތް, އަދި ހައިހޫނު ކަމާ ހަނގުރާމަ ކުރަމުންދާ މުސްލިމުންނަށް އަޤްޞާއަށް ވަނުމަށް ހުރަސް އެޅުމަކީ, އަޅުކަން ކުރުމުގެ ޙައްޤަށް ހުރަސް އެޅުމުގެ އަމަލެއްގެ ގޮތުގައި ދެކޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"މުސްލިމުން ދީނީ އަޅުކަން ކުރުމުގެ ޙައްޤުން މަހުރޫމު ކުރުވުމަކީ, އަދި އަޤްޞާއަށް ވަނުމަށް ހުރަސް އެޅުމަކީ ވަރަށް ނުރައްކާތެރި އަމަލަކަށް ވާނެ. އަޅުގަނޑުމެން މި އިންޒާރު ދެނީ, އެ ގޮތަށް އަމަލު ކޮށްފި ނަމަ މަސްރަޙު 'ގޮވާފާނެ'،" ޞަފާދީ ވިދާޅުވިއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާންތަކެއް ހިންގަމުންދާ މި ދަނޑިވަޅުގައި, އަޤްޞާއަށް ވަނުމަށް މުސްލިމުންނަށް ހުރަސް އެޅުމަކީ ހުޅަނގު އައްސޭރީގެ މަސްރަޙު ކެކި, ފަޅައިގެން ހިނގައިދާނެ ފަދަ އަމަލެއްގެ ގޮތުގައި ވެސް ޞަފާދީ ސިފަ ކުރެއްވިއެވެ. އަދި, ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިންގެ ޢަދަދު އިތުރު ކުރުމަށް ޔަހޫދީ ސަރުކާރުން އެ މީހުން ގެދޮރު އަޅައިދެމުންދާ ކަމަށާއި, މިއީ ވެސް ހާލަތު ބަދަލުވާނެ ފަދަ ނުރައްކާތެރި އަމަލެއް ކަމުގައި ޞަފާދީ ވިދާޅުވިއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފެށި ޢުދުވާންތަކާ އެކު, ހުޅަނގު އައްސޭރީގެ މުސްލިމުންނާއި ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިންނާ ދެމެދު ހިނގާ ކުރިމަތިލުންތައް ވެސް ވަނީ އިތުރުވެފައެވެ. ޔަހޫދީ ފައުޖުން ދަނީ ދޭތެރެދޭތެރެއިން ހުޅަނގު އައްސޭރިއަށް އަރައި ޢުދުވާންތައް ހިންގަމުންނެވެ. މި ޢުދުވާންތަކުގައި އޮކްޓޫބަރު 7ށް ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 400އަށް އަރައެވެ.

ބައިތުލްމަޤްދިސަށް ޔަހޫދީން އަތްގަދަ ކޮށްފައި ވަނީ 1967 ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައިގައެވެ. އެއަށްފަހު, ޔަހޫދީން ދަނީ މުސްލިމުންގެ އެ ބިމުގައި އިސްތިޢުމާރީ ވެރިކަމެއް ހިންގަމުންނެވެ. އަޤްޞާ ވެސް އޮތީ އެ މީހުންގެ ބާރުގެ ދަށުގައެވެ. އަދި, ޔަހޫދީ ފައުޖުގެ ސިފައިންނާއި ފުލުހުން ދަނީ ދޭތެރެދޭތެރެއިން މިސްކިތް ތެރެއަށް ވަދެ, ޢުދުވާން ހިންގައި, މުސްލިމުންގެ ލޭ އޮހޮރުވައިލާ, އެ ތަނުގެ ޙުރުމަތް ކަނޑަމުންނެވެ.

އަޤްޞާއަކީ އިސްލާމްދީން ފެށިގެން ދިޔަ ދުވަސްވަރު ޢިބާދަތް ކުރުމުގެ ފުރަތަމަ ޤިބުލަ ކަމުގައި ބެލެވުނު ތަނެވެ. ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވައިފައި ވަނީ ކީރިތި ރަސޫލާ މުޙައްމަދު ﷺ އިސްރާގެ ދަތުރުފުޅު ކުރައްވައިފައި ވަނީ މަސްޖިދުލްޙަރަމުން އަޤްޞާއަށް ކަމުގައެވެ. އެއީ, އެ ތަނެއް ވަށައިގެން މާތް الله ބަރަކާތް ލައްވާފައިވާ ތަނެކެވެ. އަދި, ރަސޫލާ ﷺ އިސްރާގެ ދަތުރުފުޅާ ގުޅިފައިވާ ބަރަކާތްތެރި މަޤާމުފުޅެވެ. ކޮންމެ އަހަރެއްގެ ރަމަޟާން މަހު އެތަކެއް ހާސް މުސްލިމުންނެއް އަޤްޞާއަށް ޒިޔާރަތް ކުރެއެވެ.