ޚަބަރު

ޕާކިސްތާނުގެ ރައީސް ކަމުގެ މަޤާމަށް އާސިފް ޢަލީ ޒަރްދާރީ އިންތިޚާބުކޮށްފި


ޕާކިސްތާންގެ ރައީސް ކަމުގެ މަޤާމަށް ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)ގެ އެއް ބާނީ, އާސިފް ޢަލީ ޒަރްދާރީ އިންތިޚާބު ކޮށްފިއެވެ. ރައީސް ކަމުގެ މަޤާމަށް ޒަރްދާރީ އިންތިޚާބު ކުރުމަށް ޤާނޫނު ހަދާ މަޖިލީހާއި ޕްރޮވިންސްތަކުގެ މަޖިލިސްތަކުގައި ނެގި ވޯޓު އޭނާ ކާމިޔާބު ކުރައްވާފައި ވަނީ ބޮޑި އަޢުލަބިއްޔަތަކުންނެވެ. ޒަރްދާރީއަށް 411 މެންބަރުންގެ ތާޢީދު ލިބިވަޑައިގެންނެވިއިރު, އޭނާއާ ވާދަ ކުރައްވާފައިވާ މަޙްމޫދް ޚާން އަޝަކްޒާއީއަށް ލިބިވަޑައިގަތީ 181 ވޯޓެވެ.

ޒަރްދާރީއާ ދެކޮޅަށް އަޝަކްޒާއީ ވާދަ ކުރައްވާފައި ވަނީ, ޖަލަށް ލާފައިވާ ޕާކިސްތާނުގެ އިދިކޮޅު ލީޑަރު އިމްރާން ޚާންގެ ތާޢީދާ އެކުގައެވެ. އިމްރާން ޚާނަށް ބޮޑެތި ހުކުމްތަކެއް އިއްވައި, ޖަލަށް ލާފައި ވަނީ ފެބުރުވަރީ 8 ވަނަ ދުވަހު ބޭއްވި ޢާންމު އިންތިޚާބުގެ ދުވަސްކޮޅެއް ކުރިންނެވެ. އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ އޭނާގެ ތާޢީދާ އެކު ވާދަ ކުރެއްވި މިނިވަން ކެނޑިޑޭޓުންނެވެ. ނަމަވެސް, ގުޅިފައިވާ ސަރުކާރެއް އެކުލަވައިލަން މިނިވަން ކެނޑިޑޭޓުން ކުރި މަސައްކަތްތައް ވަނީ ނާކާމިޔާބުވެފައެވެ.

ޕާކިސްތާނުގެ ރައީސް ކަމުގެ މަޤާމަކީ ރަމްޒީ މަޤާމެކެވެ. އެ މަޤާމަށް, އަވަހާރަ ކޮށްލާފައިވާ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ފިރިކަލުން އިންތިޚާބު ކޮށްފައި މި ވަނީ, ޕީޕީޕީއާއި ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލް-އެން) ޕާޓީއާ އެކު ހަދާފައިވާ ކޯލިޝަން އެއްބަސްވުމެއްގެ ދަށުންނެވެ. ޕާކިސްތާންގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް އިންތިޚާބު ކޮށްފައި ވަނީ ޕީއެމްއެލް-އެންގެ ޝެހްބާޒް ޝަރީފެވެ. އޭނާއަކީ, ޕީއެމްއެލް-އެންގެ ބާނީ އަދި ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކޮއްކޯފުޅެވެ.

ފެބުރުވަރީ މަހުގެ 8 ވަނަ ދުވަހު ޕާކިސްތާނުގެ ޢާންމު އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ނުތަނަވަސް ދަނޑިވަޅެއްގައެވެ. ވޯޓުލުން ކުރިއަށް ދިޔަ ވަގުތު މޮބައިލް ފޯނާއި އިންޓަރނެޓުގެ ޚިދުމަތްތައް އޮތީ މެދުކަނޑައިލާފައެވެ. އަދި, ޕާކިސްތާނާއި އަފްޣާނިސްތާން އަދި އީރާނާ ގުޅޭ ސަރަޙައްދީ ރޮނގު އޮތީ ބަންދު ކޮށްފައެވެ. ފޯނާއި އިންޓަރނެޓުގެ ޚިދުމަތްތައް ކަނޑައިލުމާ ގުޅިގެން, އިންތިޚާބުގެ ނަތީޖާ އިޢުލާނު ކުރުމަށް ވެސް ލަސްތަކެއް ކުރިމަތިވިއެވެ. މި ކަމާ ގުޅިގެން އިންތިޚާބުގެ ނަތީޖާ އޮޅުވައިލަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުގެ އަޑުތައް ގަދަވެގެން ދިޔައެވެ.

އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި) ޕާޓީން ވަނީ, ރައީސް ކަމުގެ މަޤާމަށް ޒަރްދާރީ އިންތިޚާބު ކޮށްފައި ވަނީ ޤާނޫނުއަސާސީއާ ޚިލާފަށް ކަމަށް ތުހުމަތު ކޮށްފައެވެ. އެ ޕާޓީން ދާދި ފަހުން ވަނީ, އަންހެން ކެނޑިޑޭޓުންނާއި މައިނޯރިޓީތަކަށް މަޖިލީހުގެ ގޮނޑިތައް ކަނޑައަޅާފައިވާ ގޮތާ މެދު ހިތްހަަމަނުޖެހި, ކޯޓަށް މައްސަލައެއް ވައްދާފައެވެ.

މީގެ ކުރިން, ޕާކިސްތާނުގެ ރައީސް ކަމުގެ މަޤާމަށް ޒަރްދާރީ އިންތިޚާބު ކޮށްފައި ވަނީ 2008 ވަނަ އަހަރު, ބުއްޓޫ އަވަހާރަ ކޮށްލި ޙަމަލާއަށް ފަހުގައެވެ. ބުއްޓޫ އަވަހާރަ ކޮށްލާފައި ވަނީ, ކެމްޕޭން ކުރައްވަމުން ގެންދަވަނިކޮށް ދިން ބޮމާއި ބަޑީގެ ޙަމަލާއެއްގައެވެ. ޒަރްދާރީ ވަނީ 2013 ވަނަ އަހަރާ ޖެހެންދެން ރައީސް ކަމުގެ މަޤާމު ފުރުއްވާފައެވެ. ރައީސް ކަމުގެ މަޤާމަކީ ކުރިން ބޮޑެތި ބާރުތަކެއް އޮންނަ މަޤާމެކެވެ. ނަމަވެސް, 2010 ވަނަ އަހަރު އެ ބާރުތައް ހަނި ކުރައްވާފައި ވަނީ ޒަރްދާރީ އަމިއްލަފުޅަށެވެ.