ޚަބަރު

ރޯދަ މަސް ދައްކުވައިދެނީ މުސްލިމުންގެ ފަޚުރުވެރި އާދަކާދައާއި ސަޤާފަތް


ރޯދައަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި ދިރިއުޅޭ އެތައް މިލިއަން މުސްލިމުންނެއް އެއްބައިވަންތަ ކޮށްދޭ މަހެކެވެ. ރޯދަ ހިފުމާއި އަޅުކަން ކުރުމުގެ އިތުރުން އެ މަސްދުވަސް ގެނެސްދެނީ މުސްލިމުންގެ މެދުގައި އޮންނަ ރީތި އާދަކާދަތަކެވެ. އެއް އުންމަތަކަށް މުސްލިމުން ނިޞްބަތްވި ނަމަވެސް މުސްލިމުންގެ އެކި ޤައުމުތަކުގައި ޢަމަލުކުރާ ތަފާތު އާދަކާދަތަކެއް ހުރެއެވެ.

އިސްލާމީ ހަޟާރަތުގެ ފެށުން ކަމުގައިވާ ސަޢުދީ ޢަރަބިއްޔާގައި ރޯދަ މަހަށް އިސްތިޤްބާލު ކުރުމުގެ ގޮތުން ފޮނި ކާތަކެއްޗާއި މެޓާ ބެހުމުގެ ސަޤާފަތެއް އޮވެއެވެ. އެ ގޮތުން އެތައް ސަތޭކަ އަހަރެއްވެފައިވާ އެ ސަޤާފަތުގައި ރޯދަ މަހުގެ 13، 14 އަދި 15 ވަނަ ރޭ އެ ޤައުމުގެ ކުޑަކުދިން ސަޤާފީ ހެދުމުގައި އަވަށްޓެރިން އަތުން ފޮނި ކާތަކެއްޗާއި މެޓާ ހޯދުމަށް ދޮރުން ދަރަށް ސަޤާފީ ލަވަކިޔަމުން ހިނގައެވެ. އެއީ ސަޢުދީ ޢަރަބިއްޔާގެ އިތުރުން އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގައި ވެސް އޮންނަ އާދަކާދައެކެވެ. އޭގެ އިތުރުން ރޯދަ މަހުގެ ތެރޭގައި ލަވަޔާއި މިއުޒިކާ ދުރުވެ ސަޢުދީ ޢަރަބިއްޔާގެ ރައްޔިތުންނަކީ ޤުރުއާން ހަތިމުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެމުންދާ ބައެކެވެ. އަދި ތަރާވީސް ގަޑީގައި ގޭގެއަށް ޒިޔާރަތް ކުރުމާއި ރޭގަނޑު ވިޔަފާރި ކުރުމަކީ ރޯދަ މަހު ސަޢުދީ ޢަރަބިއްޔާގެ ޢާންމުންގެ މެދުގައި މަޤްބޫލު ކަންކަމެވެ. ޢާންމު މަސްމަހާ ޚިލާފަށް ސަޢުދީ ޢަރަބިއްޔާގައި ވަޒީފާ އަދާކުރުމަށް ކަނޑައަޅާފައި ވަނީ އަށް ގަޑިއިރުގެ ބަދަލުގައި ހަ ގަޑިއިރެވެ.

ދުނިޔޭގެ އެންމެ ޒަމާންވީ ހަޟާރަތެއް އޮތް މިޞްރުގައި ރޯދައަކީ އަބަދުވެސް ޢާއިލާތަކުގެ މެދުގައި އެކުވެރިކަން ގެނެސްދީ ޢާންމު މުޖުތަމަޢުތަކަށް އުފާވެރިކަން ގެނެސްދޭ މަހެކެވެ. އެ ގޮތުން ރޯދަ މަހު ފާނޫޒުތަކުން މިޞްރުގެ މަގުތައް ދިއްލުމަށް އެ ޤައުމުގެ އެކި ރަށްތަކުގެ އަހުލުވެރިން ވަރަށް ބޮޑު އިސްކަމެއް ދެއެވެ. ބުނެވޭ ގޮތުގައި އެ އާދަކާދަ ފެށުނީ މީގެ 1،000 އަހަރު ކުރިން ފާޠިމީ ޚިލާފަތުގެ ދުވަސްވަރުއެވެ. އޭގެ އިތުރުން މިޞްރުގެ މަގުތަކުގައި ދަންވަރުގެ ވަކި ގަޑިއެއްގައި ބެރުޖެހައި ހާރުކާން ހޭލެއްވުމަކީ ވެސް އެ ޤައުމުގައި ރޯދަ މަހަށް ޚާއްޞަކޮށްގެން ޢަމަލުކުރަމުންދާ މުޙިންމު ސަޤާފީ އާދަކާދައެކެވެ.

ހާރުކާން ހޭލެއްވުމަކީ މިޞްރުގައި އެކަނި ކުރާ ކަމެއް ނޫނެވެ. ދާދި ފަހަކާ ޖެހެންދެން ވަރުގަދަ އިސްލާމީ ހަޟާރަތެއް އޮތް ތުރުކީވިލާތުގައި ކޮންމެ ރޯދަ މަހެއްގައި ހާރުކާން ހޭލައްވަން 20،000 މީހުން ޙަރަކާތްތެރިވެއެވެ. ބެރުދުންމާރި ހިފައިގެން އެ މީހުން ތުރުކީވިލާތުގެ ހުރިހާ ރަށެއްގައި ޙަރަކާތްތެރިވެއެވެ. މުސްލިމުންގެ ކުރީގެ ވެރިރަށް ކަމުގައި ބަލައި އިސްތަންބޫލުގައި އެކަނިވެސް 20،000 މީހުން ޙަރަކާތްތެރިވެއެވެ.

މެދުއިރުމަތީގެ އެހެން ޤައުމެއް ކަމުގައިވާ މަޣްރިބުގައި ވެސް އެފަދަ އާދަކާދަތަކެއް ގެންގުޅެއެވެ. އެ ގޮތުން ދުރާލާ ޢައްޔަންކުރާ މީހެއް ސަޤާފީ ހެދުމުގައި ދުންމާރިއެއް ފުމެމުން ރަށު ތެރޭގައި ހާރު ގަޑީގައި ހިނގައެވެ. އެއީ މީލާދީން ހަތްވަނަ ޤަރުނުން ފެށިގެން މަޣްރިބުގައި ޢަމަލުކުރަމުންދާ ސަޤާފީ އާދަކާދައެކެވެ.

ސޫރިޔާއާއި ލުބުނާނުފަދަ ޤައުމުތަކުގައި އިރުއޮއްސުނުކަން އަންގައިދޭން ބޮޑުބަޑި އަދިވެސް ޖަހައެވެ. ބުނެވޭ ގޮތުގައި އެ އާދަކާދަ ފެށުނީ މީގެ 200 އަހަރު ކުރިން މިޞްރުގެ ޤާހިރާގައި ބޮޑުބަޑިއެއް ތަޖުރިބާކުރުމުގެ މަސައްކަތުގެ ތެރެއިން އޮޅިގެން އެ ބަޑި ޖެހުމުންނެވެ. އެ ވަޤުތަކީ އިރުއޮއްސުނު ވަޤުތުކަމުން ޢާންމުން ހީކުރީ އެއީ ރޯދަވިއްލާ ވަޤުތު އަންގައިދޭން ޖެހި ބަޑިއެއް ކަމަށެވެ. އެއާއެކު އެ ކަމަކީ ކަމުދާ ކަމަށްވެ ރޯދަ މަހުގެ މުޙިންމު ސަޤާފީ އާދަކާދައަކަށް ބަދަލުވީއެވެ.