ސޫރިޔާގައި ތަންފީޒުކުރަމުން ގެންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިހްތިރާމް ކުރުމެއްނެތި އެޤައުމުގައި ހަނގުރާމައިގެ އަމަލުތައް އިތުރުވެގެން ދިޔުމަކީ ވަރަށް ކަންބޮޑުވާކަމެއް ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ. އޮބާމާ ވިދާޅުވީ ހަނގުރާމައިގެ އަމަލުތައް އިތުވެގެން ދިޔަނަމަވެސް ސޫރިޔާގެ މައްސަލަ ހައްލުކުރެވޭނީ ސިޔާސީގޮތުންކަމަށާ އެހެންކަމުން ޖެނީވާގައި ފެށިފައިވާ ސޫރިޔާގެ ސުލްހައިގެ ވާހަކަތަކަށް އެއްވެސް ފަރާތަކުން ފުރަގަސްދީގެން ނުވާނެކަމަށެވެ.
އޮބާމާ މިމޭރުމުން ވާހަކަ ދެއްކެވީ ޖަރުމަނުވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޤައުމުގެ ޗާންސެލަރ އެންގެލާ މާކަލްއާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. އޮބާމާ އާއި މާކަލްގެ މަޝްވަރާތައް ކުރިޔަށްދިޔައީ މީލާދީގޮތުން 17 ވަނަ ގަރުނުގެ ތެރޭގައި ބިނާކޮށްފައިވާ ޖަރުމަނުވިލާތުގެ ވަރަށް ތާރީޚީ ގަނޑުވަރެއްކަމަށްވާ ހަނޯވަރ ގަނޑުވަރުގައެވެ. ދެބޭފުޅުންގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ ސޫރިޔާގެ މައްސަލައާއި ޓެރަރިޒަމްގެ މައްސަލައިގެ އިތުރުން ޔުކްރޭންގެ މައްސަލައާއި އުތުރުކޮރެޔާއިން ނިއުކްލިޔަރ ހަތިޔާރާއި ބެލަސްޓިކް މިސައިލް ތަރައްގީކޮށް އެތަކެތީގެ އަޖުމަބެލުމަށް ކުރަމުން ގެންދާ ތަޖްރިބާތަކާ ބެހޭގޮތުންނެވެ. އުތުރުކޮރެޔާއާބެހޭގޮތުން އޮބާމާ ވިދާޅުވީ އެޤައުމުން ކުރަމުންގެންދާ ނިއުކްލިޔަރ ތަޖްރިބާތަކާއި ބެލަސްޓިކް މިސައިލްގެ ތަޖްރިބާތަކަކީ ޖެއްސުން ކުރުމުގެ އަމަލުތަކެއްކަމަށެވެ.
"ވަރަށް ސާފުކަންބޮޑު ގޮތެއްގައި ފެންނަނީ ޖެއްސުންކުރުމުގެ އަމަލުތަކުގައި އުތުރުކޮރެޔާ ކުރިޔަށްދާ މަންޒަރު، އެޤައުމު ގެންދަނީ ވަރަށް ހަރަކާތްތެރިކަމާއެކު ނިއުކްލިޔަރ ޕްރޮގްރާމް ތަރައްޤީކޮށް ނިއުކްލިޔަރ ހަތިޔާރުން ޙަމަލާދިނުމުގެ ގާބިލްކަން ހޯދަމުން، މިކަމަށްޓަކައި އެޤައުމުން ކުރަމުންގެންދާ ގިނަ ތަޖްރިބާތައް ނާކާމިޔާބުވިނަމަވެސް މިއިން ކޮންމެ ތަޖްރިބާއަކުން އެމީހުން އިތުރު ކަންތައްތަކެއް ހޯދައި އިތުރު ކަންތައްތަކެއް ދެނެގަންނާނެ" އޮބާމާ ވިދާޅުވިއެވެ.
އޮބާމާ މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ކަނޑުއަޑީގައި ދަތުރުކުރާ ސަބްމެރިންއެއް މެދުވެރިކޮށް އުތުރުކޮރެޔާއިން ދުރު ރާސްތާގެ ބެލަސްޓިކް މިސައިލެއް ތަޖްރިބާކުރުމާ ގުޅިގެންނެވެ. އުތުރުކޮރެޔާއިން ތަޖްރިބާކޮށްފައިވަނީ ނިއުކްލިޔަރ ވޯހެޑް ނުވަތަ ނިއުކްލިޔަރ ބޮން ހަރުކުރުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެއްކަމަށް ޚަބަރު ލިބެއެވެ.
އޮބާމާއާއި އެންގެލާ މާކަލް އެކުގައި ބޭއްވެވި ނޫސްކޮންފަރެންސްގައި މާކަލްވެސް ވާހަކަ ދެއްކެވިއެވެ. މާކަލް ވިދާޅުވީ ސޫރިޔާގައި ހާލުގައި ޖެހިފައިވާ އާއްމު ރައްޔިތުންނަށްޓަކައި ހަނގުރާމައިގެ ނުރައްކަލުން ސަލާމަތްވެގެންވާ ސަރަޙައްދުތަކެއް ޤާއިމްކުރަން ޖެހޭކަމަށެވެ. އަދި ރޫޅިގެން ދިޔުމުގެ މަގުމަތީގައިވާ ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް އަލުން ދިރުވައި ނަގަހައްޓަންޖެހޭކަމަށްވެސް މާކަލް ވިދާޅުވިއެވެ.
އޮބާމާ ވަނީ ވިލާތަށް ހިޖުރަކުރާ ރެފިއުޖީންނަށް އެހީތެރިވުމުގައި މާކަލް ގެންގުޅުއްވާ ސިޔާސަތުތަކަށް ތައުރީފު ކުރައްވާ، އެކަމަނާގެ ލީޑަރޝިޕަށް ޝުކުރު އަދާކުރައްވާފައެވެ. ހާލުގައި ޖެހިގެން ވިލާތަށް ހިޖުރަކުރި ރެފިއުޖީންގެ ތެރެއިން އެތައް ލައްކަ ބަޔަކު ޖަރުމަނުވިލާތުން ބަލައިގަނެ އެމީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މާކަލް ގެންގުޅުއްވާ ސިޔާސަތުތަކަކީ ތައުރީފް ހައްގު އަދި ދުނިޔޭގެ ތަރީޚު އެކަމަށް ހެކިވާނެ ސިޔާސަތުތަކެއް ކަމަށް އޮބާމާ ސިފަކުރެއްވިއެވެ. ޖަރުމަނުވިލާތަކީ އޮބާމާ ގަލްފަށާއި ވިލާތަށް ފައްޓަވާފައިވާ ދަތުރުފުޅުގެ އެންމެ ފަހުގެ މަންޒިލެވެ. މިދަތުރުފުޅުގައި އޮބާމާވަނީ ސައޫދީ އަރަބިޔާއަށާއި އިނގިރޭސިވިލާތަށްވެސް ޒިޔާރަތްކުރައްވާފައެވެ.