ޚަބަރު

މަހާޖައްރާފު ހަލާކުވުމުން އާމްދަނީން 500 މިލިއަން ރުފިޔާ ގެއްލުނު: އެމްޓީސީސީ


  • 8 ޖޫން 2022އިން ފެށިގެން މަހާޖައްރާފް އޮތީ ބޭނުން ނުކޮށް

  • މަހާޖައްރާފު ބޭނުންނުކޮށް އޮތުމުން އާމްދަނީން 510 މިލިއަން ރުފިޔާ ގެއްލުނު

ގިނަ ދުވަސްތަކެއް ވަންދެން މަހާޖައްރާފު ބޭނުންނުކޮށް އޮތުމުގެ ސަބަބުން އާމްދަނީން 510 މިލިއަން ރުފިޔާ ގެއްލުނުކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ބުނެފިއެވެ.

މަހާޖައްރާފު ހަލާކުވުމުގެ ސަބަބުން 2022 ވަނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހުން ފެށިގެން އެ އުޅަނދު އޮތީ ބޭނުންނުކުރެވިފައެވެ. އެހެންނަމަވެސް މިހާރު އަލުން މަހާޖައްރާފު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ.

އެމްޓީސީސީން ބުނީ 20 މަސް ދުވަހަށް މަހާޖައްރާފު ގްރައުންޑްވުމުގެ ސަބަބުން ކުންފުނީގެ ބިން ހިއްކުމުގެ ޤާބިލިއްޔަތުކަމަށް ބޮޑުތަނުން އަސަރުކުރިކަމަށެވެ. އަދ،ި ބޭރުން ޑްރެޖަރެއް ބޮޑުއަގުގައި ލީސްކޮށްގެން ގެނެސް ބިންހިއްކުމުގެ ބައެއް މަސައްކަތްތައް ކުރަން މަޖުބޫރުވިކަމަށް އެމްޓީސީސީން ބުނެއެވެ. މިކަމުގެ ސަބަބުން ބިން ހިއްކުމުގެ މަޝްރޫޢުތަކުން ލިބެން އޮތް ނަފާ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން އެމްޓީސީސީން ފާހަގަކުރެއެވެ.

އެމްޓީސީސީން ބުނީ މަހާޖައްރާފު ގްރައުންޑްވާން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ ރަނގަޅަށް ޝެޑިއުލްކޮށް މެއިންޓަނަންސް ނުކުރެވުމާއި އެފަދަ އަގުބޮޑު އުޅަނދަކަށް ބަލަންޖެހޭ މިންވަރަށް ކުރީ މެނޭޖްމަންޓުން ނުބަލާ ފަރުވާކުޑަކޮށްލުމުންކަމަށެވެ. އަދި މަހާޖައްރާފު ބޭނުން ނުކުރެވި 571 ދުވަސް ހޭދަވެފައިވާއިރ،ު 47 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހިންގުމުގެ ޚަރަދުގެގޮތުގައި ހޭދަކުރަން ޖެހުނުކަމަށާއި އާމްދަނީން 510 މިލިޔަން ރުފިޔާ ގެއްލިފައިވާކަމަށެވެ.

އެމްޓީސީސީގެ ޕްރޮޖެކްޓްސް ޑިވިޜަނަށް ލިބޭ އާމްދަނީގެ ތިންބައިކުޅަ އެއްބައި ބަރޯސާވަނީ ބިން ހިއްކައިގެން ލިބޭ އާމްދަނީއަށްވާއިރ،ު މަހާ ޖައްރާފު ފަދަ ބޮޑު ޑްރެޖަރެއް ގްރައުންޑްވެފައި އޮތުމުން އާމްދަނީއަށްވެސް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. ނަމަވެސް 2 މަސްދުވަހުގެ ތެރޭގައި ޖައްރާފު އޮޕަރޭޝަނަށް ގެނެސް ބިން ހިއްކުމުގެ މަޝްރޫޢު ފެށުމަށް މޮބިލައިޒް ކޮށްފައިވާކަމަށްވެސް އެކުންފުނިން ބުނެއެވެ.

އެގޮތުން އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތް މަހާ ޖަައްރާފު ބޭނުންކޮށްގެން އަންނަނީ ކުރަމުންނެވެ. މިމަޝްރޫޢުގެ ދަށުން 13.07 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައިވެއެވެ. މިމަޝްރޫޢު ނިންމުމަށްފަހު ބިން ހިއްކުމުގެ އެހެން މަޝްރޫޢުތައްވެސް ކުރިއަށް ގެންދާނެކަމަށާއި ބައެއް ބޮޑެތި ޕްރައިވެޓް ބިން ހިއްކުމުގެ މަޝްރޫޢުތަކުގެ މަޝްވަރާތައްވެސް ކުރަމުންދާ ކަމަށް އެމްޓީސީސީން ބުނެއެވެ.

ވޭތުވެދިޔަ 43 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ.