ސިފައިންގެ ޚިދުމަތުގެ ޝަރަފުވެރި ތާރީޚާއި، ސިފައިން ޤަބޫލުކުރާ ހުރިހާ އެތިކްސް ކޯޑުތަކާ ޚިލާފުވާ މީހުންނަކީ އެންމެ ބޮޑެތި ކުށުން ކުއްވެރިވާންޖެހޭ މީހުން ކަމަށާއި، އެފަދަ މީހުންގެ މައްސަލަތައް ބެލުމަށް ސިފައިންގެ އަސްކަރީ ކޯޓާއި، ޤައުމީ ސަލާމަތާބެހޭ ޤާނޫނެއް އޮންނަންޖެހޭކަމަށް ރައީސުލްޖުމުހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ސިފައިންގެ 124 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ޤައުމު ސިއްސުވާލާ ކޮންމެ ކަމެއްގައި ޤައުމާއި ރައްޔިތުންގެ ޙިމާޔަތަށް އަންނަ ބަޔަކީ ސިފައިންކަމަށާއި، ސިފައިންގެ ޚިދުމަތަކީ ހަމައެކަނި އުދުވާނެއް ކުރިމަތިވީމަ ސިފައިން ދައްކާ ލާމަސީލު މިސާލު ނޫންކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ ބައިނަލްއަޤުވާމީ މައިދާނުގައި ފަޚުރުވެރި ޝަރަފުވެރި ޤައުމެއްކަމަށާއި، މިޤައުމުގެ ކަންކަން ނިންމުމުގައި އަމިއްލަ ސިޔާދަތަކާއި އަމިއްލަވަންތަ ސިފަތަކެއް ގެންގުޅުމުގެ ހައްގު އޮތް ޤައުމެއްކަމަށެވެ. އެހެންކަމުން މިކަން ނެގެހެއްޓުމުގައި ސިފައިން ގައުމުގެ ހާލަތާއި ދޭތެރޭގައި ވިސްނަންވާ ހިނދު، ސިފައިންގެ ގާނޫނު ބުނާގޮތުން ގައުމީ ސަލާމަތާބެހޭ ކޮމެޓީއެއް ރައީސްގެ ބެލުމުގެ ދަށުން އޮންނަ ކައުންސިލެއް އޮންނަޖެހޭކަމަށެވެ. އަދި އެ ކައުންސިލުގައި ދެއްކޭ ވާހަކަތަކީ، ދައުލަތުގެ އެންމެ ބޮޑެތި ސިއްރުކަމަށާއި، އެފަދަ ސިއްރުތަކަށް އިޙްތިރާމްނުކޮށް ގައުމީ ސަލާމަތާގުޅުން ހުރި ކަންކަމަށް ޤައްދާރުވެފައިވާ މީހުން މާތް ﷲ ގެ އިރާދަފުޅާއެކު އަދި ފެނިގެން ދާނެކަމުގެ ޔަޤީންކަން ރައީސް ޔާމީން ވަނީ ސިފައިނަށް ދެއްވާފައެވެ.
ރައީސް ޔާމީން ވިދާޅުވީ، މިއަދު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކަކީ މިފަދަ މައްސަލަތަކުގެ ސަބަބުން ކުރިމަތިވާކަންކަން ކަމަށެވެ.