ޚަބަރު

މާދަމާއަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަސް


  • ހަނދު ސާބިތުކުރުމުގެ ޖަލްސާ ވަނީ ބާއްވާފައި

މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓްރީން ކަނޑައަޅައިފިއެވެ.

މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައެޅީ މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ހަނދު ސާބިތު ކުރުމުގެ ޖަލްސާއަށްފަހުއެވެ.

ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ޖަލްސާއަށްފަހު ހަނދާގުޅޭ ގޮތުން ނެރުއްވި ޤަރާރުގައި ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހުގެ ހަނދު އިސްލާމީ ބައެއް ޤައުމުތަކަށް ފެނުނުކަމަށް ޝަރުޢީގޮތުން ސާބިތުވާތީއާއި ރަމަޟާން މަހާއި ޝައްވާލު މަހުގެ ސާބިތު ކުރުމަށް ދިވެހިރާއްޖޭގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާގޮތުގެމަތިން މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައަޅާކަމަށެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސޮއިކުރައްވާ ނެރުއްވާފައިވާ ހަނދު ސަބިތު ކުރުމުގެ ބަޔާނުގައިވަނީ، މިބަރަކާތްތެރި ރަމަޟާން މަހުގައި އަޅުކަންކުރުމަށް ފަރުވާތެރިވުމަށާއި މާތްﷲގެ ރުއްސެވުން ހޯދުމަށް މަސައްކަތްކުރުމަށް ހުރިހާ ދިވެހި ރައްޔިތުންނަށް ނަސޭޙަތްތެރިވެވަޑައިގަންނަވާފައެވެ.

ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި ޢަމަލުކުރަމުން އަންނަނީ ރާއްޖެއަށް ހަނދު ނުފެނިއްޖެނަމަ ފަލަކީ ހިސާބަށް ބެލުމާއި މުސްލިމު ބޮޑެތި ޤައުމަތަކަށް ހަނދު ފެނޭތޯ ބެލުމެވެ. މިގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ސަޢުދި ޢަރަބިއާއަށް ފެނިފައިވާކަމަށް އެޤައުމުންވަނީ ޢިއުލާންކޮށްފައެވެ..