ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އަރުޝީފު ފުވައްމުލައް ސިޓީގައި ޤާއިމުކޮށް, ރަސްމީކޮށް ހުޅުވައިފިއެވެ.
ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އަރުޝީފު ރަސްމީކޮށް ހުޅުއްވައިދެއްވީ ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާޢީލް ރަފީޤުއެވެ. މި ރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމު ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ ކުރިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައްސަލަތައް އަރުޝީފު ކުރަމުން ދިޔައީ މާލޭގައި ހުންނަ ޕީޖީގެ މައި އޮފީހުގައެވެ. އަދި އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ ގޮފިތަކުން ބަލަހައްޓާ މައްސަލަތައް އެ ގޮތްޕެއްގައެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އަރުޝީފު ރަސްމީކޮށް ހުޅުވުމާއެކު, މީގެ ފަހުން އެންމެހައި މައްސަލަތައް މަރުކަޒީކޮށް އަރުޝީފު ކުރަމުން ގެންދާނީ ފުވައްމުލަކުގައެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އަރުޝީފު ފުވައްމުލައް ސިޓީގައި ޤާއިމުކުރުމާއެކު, ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތާރީޚީ ރެކޯޑުތައް ފުރަތަމަ ފަހަރަށް މަރުކަޒީ ގޮތެއްގައި މާލެފިޔަވައި އެހެން ރަށަކަށް ބަދަލުކުރެވުނީއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތާރީޚީ ރެކޯޑުތައް ދެން ބަލަހައްޓަމުންގެންދާނީ ފުވައްމުލައް ސިޓީގައެވެ.
ކޮންމެ އަހަރަކުވެސް ޕީޖީ އޮފީހަށް އެވަރެޖްކޮށް ދެހާހެއްހާ މައްސަލަ ހުށައަޅައެވެ. މައްސަލައެއް އަރުޝީފުކުރަނީ މައްސަލައިގެ އެންމެހައި މަރުޙަލާތައް ނިމި، ފަހު ގޮތެއް ކަނޑައެޅުމުންނެވެ. ކޮންމެ އަހަރަކުވެސް ގިނަ މައްސަލަތަކެއް ޕީޖީގެ އަރުޝީފަށް ދާނީ އިތުރުވަމުންނެވެ. ޕީޖީން ވިދާޅުވީ އަތޮޅުތެރޭގައި އަރުޝީފު ޤާއިމުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމެވީ، ޙަޤީޤީ މާނައިގައި ލާމަރުކަޒީ އުޞޫލުން މަސައްކަތްތައް ރާވާލުމަށްޓަކާކަމަށެވެ.
ޕީޖީގެ ގޮތްޕެއް ފުވައްމުލައް ސިޓީގައި ޤާއިމުކުރީ 23 މޭ 2023ގައެވެ. އޭގެ ކުރިން 2022ވަނަ އަހަރު، ފުވައްމުލައް ސިޓީގައި ވަނީ ޕްރޮސިކިއުޓަރެއްގެ ޚިދުމަތް ފަށާފައެވެ. ޕީޖީ އޮފީހުން ވިދާޅުވީ އޭގެ ސަބަބުން ފުވައްމުލަކުގައި އަމަން އަމާންކަން ޤާއިމުކުރުމަށް ފުލުހުންނާއި, ސިޓީ ކައުންސިލާއި, އެރަށުގެ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތަށް ގާތުން އެހީތެރިކަން ފޯރުކޮށްދެވޭކަމަށެވެ.
ފުވައްމުލަކުގައި އަރުޝީފު ޤާއިމުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމެވީ, ފުވައްމުލަކަކީ ބިމުގެ ގޮތުން ތަނަވަސް ރަށަކަށްވެފައި, ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު އަރުޝީފު ޤާއިމުކުރުމަށް އެކަށީގެންވާ ޖާގައެއް ލިބޭނޭކަމުގެ ޔަޤީންކަން ސިޓީ ކައުންސިލުން ދެއްވާފައިވާތީ ކަމަށް ޕީޖީން ވިދާޅުވެއެވެ. ފުވައްމުލައް ސިޓީއަކީ ތަޢުލީމީ ގިނަ ޒުވާނުންތަކެއް ދިރިއުޅޭ އަތޮޅަކަށްވެފައި, އަރުޝީފާއި އޮފީސް ހިންގުމަށް އެންމެ އެކަށީގެންވާ ރަނގަޅު މުވައްޒަފުންނާއި ވަސީލަތްތައް އެ ރަށުން ލިބެން އޮތުމަކީވެސް ފުވައްމުލަކުގައި އަރުޝީފު ޤާއިމުކުރުމަށް ނިންމި އެއް ސަބަބުކަމަށް އެ އޮފީހުން ވިދާޅުވެފައެވެ.