ޚަބަރު

އިންޑޮނީޝިޔާގައި ފެންބޮޑުވެ, ބިންގަނޑު ކެނޑި 19 މީހުން މަރުވެއްޖެ


އިންޑޮނީޝިޔާގެ ހުޅަނގުގައި އޮންނަ ސުމާތްރާއަށް ބޯކޮށް ވާރޭވެހި, ފެންބޮޑު, ބައެއް ސަރަޙައްދުތަކުގެ ބިންގަނޑު ކެނޑުމާ ގުޅިގެން 19 މީހުން މަރުވެ, ގިނަ ޢަދަދެއްގެ ބަޔަކު ގެއްލިއްޖެއެވެ. މި ހާދިސާތަކުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ސުމާތްރާ ޕުރޮވިންސުގެ ޕަސިސީރް ސްލާތާން ޑިސްޓްރިކްޓަށެވެ. މި ހާދިސާތަކުގައި ގެއްލިފައިވާ ކަމަށް ބެލެވޭ މީހުންގެ ޢަދަދު ހަތަކަށް އަރާ ކަމުގައި އިންޑޮނީޝިޔާގެ ކަމާގުޅޭ އިދާރާތަކުން ބުނެއެވެ.

އިންޑޮނީޝިޔާގެ ކާރިސާތަކާ ބެހޭ އިދާރާގެ އިސްވެރިޔާ ޑޮނީ ޔުސްރިޒާލް ވިދާޅުވީ ޕަސިސީރް ސްލާތާންގެ ފަރުބަދަމަތީ ސަރަޙައްދުތަކުން ކިސަޑާއި, ބޮޑެތި ހިލަ ފައިބައި, ބިޔަ ގަސްތައް ވެއްޓިފައިވާ ކަމުގައެވެ. އަދި, ކޯޓޯ ސީ ތަރޫސާން އަވަށާއި, އިތުރު ދެ އަވަށަކުން މިހާތަނަށް ހަތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގައެވެ.

"ފެންބޮޑުވެ, ބިންގަނޑު ކެނޑުމާ ގުޅިގެން ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް ވަނީ ކެނޑިފައި. އެ ސަރަޙައްދުގެ މަގުތައް އޮތީ ކިސަޑާއި ކުނިން ފުރި, ބަންދުވެފައި. މި ކަމާ ގުޅިގެން, ގެއްލިފައިވާ މީހުން ހޯދައި, ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ކުރަމުންދާ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފައި،" ޔުސްރިޒާލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ, ޕަސިސީރް ސްލާތާނުން މަރުވި ހަ މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު, އެ ޑިސްޓްރިކްޓާ އިންވެގެން އޮތް ޕަޑަންގް ޕަރިއަމާން ޑިސްޓްރިކްޓުން ވެސް އިތުރު ތިން މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގައެވެ. އަދި, މަރުވެފައިވާ ކަން ކަށަވަރު ވެފައިވާ މީހުންގެ ޢަދަދު 19 އަށް އުފުލިފައިވާ ކަމުގައެވެ.

މި ހާދިސާތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމު ކަމުގައި ވެސް އިންޑޮނީޝިޔާގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުންޏެވެ. އަދި, ގެއްލުން ލިބިފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ 80,000އެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާ ކަމުގައި ވެސް ޔުސްރިޒާލް ވިދާޅުވިއެވެ. އޭގެ ތެރެއިން ގިނަ މީހުން މި ވަގުތު ތިބީ ސަރުކާރުން ހިންގާ ވަގުތީ ހިޔާތަކުގައެވެ.

ފެންބޮޑުވުމަކީ އިންޑޮނީޝިޔާގައި ވަރަށް ޢާންމުކޮށް ހިނގާ ހާދިސާއެކެވެ. ހުސްވި އަހަރުގެ ޑިސެންބަރު މަހު ވެސް ސުމާތްރާއަށް ބޯކޮށް ވާރޭވެހި, ފެންބޮޑުވެ, ބިންގަނޑު ކެނޑުނެވެ. ތޯބާ ފެންގަނޑު ކައިރީގައި ހިނގި އެ ހާދިސާގައި ގިނަ ޢަދަދެއްގެ ގެދޮރު ހަލާކުވެ, ދެ މީހުން މަރުވިއެވެ.