ޚަބަރު

އެސްޓީއޯއިން ރޯދައަށް ލުނބޯ އެތެރެކޮށް، އަގުހެޔޮކޮށް ވިއްކަން ފަށައިފި


  • އެސްޓީއޯގެ އަމާޒަކީ ރޯދަމަހަށް ތަކެތީގެ އަގު ކޮންޓްރޯލް ކުރުން

  • ލުނބޯ ކިލޯއެއްގެ އަގަކީ 50 ރުފިޔާ

  • އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ރީޓެއިލްކޮށް ލިބޭނެ

ރޯދަމަހަށް ޚާއްސަކޮށްގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ލުނބޯ ގެނެސް ހެޔޮއަގެއްގައި ވިއްކަން ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ ބާޒާރުގައި ލުނބޯގެ އަގު ބޮޑުވުމާއި ގުޅިގެން, ރޯދަމަހަށް ތަކެތީގެ އަގު ކޮންޓްރޯލްކުރުމުގެ ގޮތުން މިހާރު ލުނބޯ އެތެރެކޮށް ވިއްކަން ފަށާފައިވާކަމަށެވެ.

ލުނބޯ ވިއްކަން ހަމަޖެހިފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް (ރީޓެއިލް), އެސްޓީއޯ ހޯލްސޭލް ސެންޓަރ, އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖްއިންނެވެ.

އެސްޓީއޯއިން ލުނބޯ ކިލޯއެއް ވިއްކުމަށް ހަމަޖެހިފައިވަނީ 50 ރުފިޔާއަށެވެ. އަދި 25 ކިލޯގެ ލުނބޯ ބަސްތާއެއް ވިއްކުމަށް ހަމަޖެހިފައިވަނީ 1175 ރުފިޔާއަށެވެ.

އެސްޓީއޯއިން ދާދިފަހުން ވަނީ ފިޔާގެ އަގުވެސް ހެޔޮކޮށްފައެވެ. އެގޮތުން މީގެކުރިން 20 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ކިލޯއެއްގެ އަގު މިހާރުވަނީ 17 ރުފިޔާއަށް ކުޑަކޮށްފައިވާކަމަށެވެ. އަދި ކުރިން 450 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ބަސްތާއެއްގެ އަގުވަނީ 320 ރުފިޔާއަށް ކުޑަކޮށްފައެވެ.

ފިޔާގެ އަގަށް ގެނެސްފައިވާ ބަދަލުތައް:


ފިޔާ ކިލޯއެއް : 17 ރުފިޔާއަށް
ފިޔާ ބަސްތާއެއް : 320 ރުފިޔާއަށް
10 ބަސްތާ ފިޔާ : 310 ރުފިޔާއަށް
20 ބަސްތާ ފިޔާ : 300 ރުފިޔާއަށް

ކޮންމެ އަހަރަކުވެސް ރޯދަމަހާއި ދިމާކޮށް ރައްޔިތުންނަށް ފަސޭހަކޮށްދިނުމަަށް އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިހުގެ ޝިޕްމަންޓްތައް ރާއްޖެއިން ބޭރުން ގެނެސް، ރާއްޖޭގެ ބާޒާރުގައި ހޯލް ސޭލް އަދި ރީޓެއިލްކޮށް ވިއްކައެވެ.

ފިޔާގެ އިތުރުން އެސްޓީއޯއިން އަލުވި ވިއްކަނީ ކިލޯއެއް 15 ރުފިޔާއަށެވެ. އަދި ބިސް ވިއްކާނީ ބިހެއް 1 ރުފިޔާ 75 ލާރީގެ މަގުންނެވެ.

ރޯދަމަހު އެންމެ ޑިމާންޑް ބޮޑުވާ ބާވަތްތަކުގެ ތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނެއެވެ. އަދި މިބާވަތްތަކުގެ ޑިމާންޑް ބޮޑުވުމާއިއެކު، ރާއްޖޭގެ ފިހާރަތަކުންނާއި، ބާޒާރުން އެބާވަތްތަކުގެ އަގު އުފުލެއެވެ.