ސަރުކާރަށް ފާޑުކިޔައިގެން އެއްވެސް މުވައްޒަފަކަށް ފިޔަވަޅެއް ނާޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ ސަރުކާރަށް ފާޑު ކިޔާ މުވައްޒަފުންނާމެދު ފިޔަވަޅު އަޅަމުންދާކަމަށް ބުނެ ފަތުރަމުންދާ ހަބަރުތަކާއި ގުޅޭގޮތުންނެވެ.
ޅ. ކުރެންދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނަށް ނުވަތަ ސަރުކާރަށް ފާޑު ކިޔުމަކީ މައްސަލައެއްކަމަށް އެމަނިކުފާނު ދެކެވަޑައިނުގަންނަވާކަމަށެވެ. އަދި ބިނާކުރަނިވި ފާޑު ކިޔުންތަކަށް މަރުހަބާވެސް ވިދާޅުވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނަމަވެސް ސަރުކާރަށް ފާޑު ކިިޔައިގެން އެއްވެސް ފަރާތަކާމެދު ފިޔަވަޅު ނާޅުއްވާނެކަމަށާއި، އެއީ އެމަނިކުފާނު އެއްވެސް ގޮތަކަށް ކުރަން ބޭނުންފުޅުވާ ކަމެއް ނޫންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
" އިހަށް ދުވަހު ނޫހަކުން ފެނުނީ ސަރުކާރު ކުންފުންޏަކުން ކޮންމެސް މުވައްޒަފަކާމެދު ފިޔަވަޅު އެޅީކަމަށް އަޅުގަނޑާއި ދިމާލަށް އެެއްޗެއް ބުނެގެން. އަޅުގަނޑު ގުޅިން އެ ކުންފުނީގެ އެމްޑީއަށް. އަދި އެއީ ތެދެއްތޯ އެހިން. އަޅުގަނޑު ބޭނުމެއް ނޫން އަޅުގަނޑާއި ދިމާލަށް އެއްޗެއް ބުނެގެން ފިޔަވަޅު އަޅާކަށް. އެކަހަލަ ކަންތައް ކުރާ މީހެއް ނޫން އަޅުގަނޑަކީ އެއްވެސް އިރެއްގައި" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުވައްޒަފަކަށް ފިޔަވަޅު އެޅިކަމަށް ބުނާ މައްސަލައިގައި ކަން ހިނގާފައި އޮތީ މީޑިއާގައި އެ ވާހަކަތައް ފަތުރާފައިގޮތާއި މުޅިން ހިލާފަށްކަމަށެވެ. އެހެންކަމުން ރައްޔިތުންވެސް ކަންކަމުގެ ތެދުދޮގު ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުރިހާ ފަރާތްތަކަށްވެސް އޮންނާނެކަމަށެވެ. ނަމަވެސް އެެމަނިކުފާނަކީ މީހަކު ބުނާ ބަހަކުން ނުވަތަ ފާޅުކުރާ ހިޔާލެއްގެ ސަަބަބުން އެމީހަކާމެދު ފިޔަވަޅު އަޅުއްވާނެ ބޭފުޅެއް ނޫންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.